2018އަށް މާލޭގެ 13 މަގެއް ހަދަން ނިންމައިފި

އަމީނީމަގު އިރުމަތީފަރާތު ސްޓެލްކޯ ކައިރީގައި ކޮނެފައިވާ ވަޅުގަނޑު: ރައްކާތެރިކަމުގެ ފިޔަވަޅު އެކަށީގެންވާ ވަރަށް ނާޅައި ހުއްޓައި އެ ވަޅުގަނޑަށް ސައިކަލަކާއެކު މީހަކު މިއަދު ވަނީ ވެއްޓިފައި-- ސަން ފޮޓޯ/ ޔޫސުފް ސަފްވާން ރަޝީދު

މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަސައްކަތް އަންނަ މަހުގެ ފުރަތަމަ ދުވަހު ފަށަން ކަނޑައަޅައި، އެމަސައްކަތް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން މިރޭ ވަނީ މާލޭގެ 13 މަގެއް ހަދާނެގޮތާއީ ތާރީހުތައް އިއުލާންކޮށްފައެވެ.

މަގުތަކަށް އަންނާނެ ތަރައްގީ

މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ، މަގުގައި ހުރި ގާތައް ނެގުމަށްފަހު، ލެވެލް ކޮށްގެންނެވެ. ހުރިހާ މަގެއް ލެވެލް ކުރުމުން، ބައެއް މަގުތައް އުސްވުން ފަދަ މައްސަލަތައް ނެތިގެން ދާނެ އެވެ. އަދި ތިރިކޮށް ހުންނަ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ވެސް ހައްލެއް ލިބޭނެ އެވެ.

މަގުތަކުން ފެން ހިންދުމަށް މިހާރު ހުރި ކާނުތަކަށް ވުރެ ބޮޑެތި ކާނުތައް ވަޅުލުމަށް ނިންމާފައިވެއެވެ. އަދި އެއް ކާނު އަނެއް ކާނާ ގުޅުވައިދިނުމަށް ވެސް ބޮޑެތި ހޮޅި ބޭނުންކުރާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ.

މަގުތައް އަލުން ހަދާ އިރު، ހަދާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޕޭވްމެންޓުތަކަށް އެރޭނެ ގޮތަކަށެވެ. ފުރޮޅުލީ ގޮނޑީގައި އުޅޭ ފަރާތްތަކަށް ޕޭވްމަންޓުން އަރައި ފޭބުމަށް ރޭމްޕު ހެދޭނެ އެވެ.

މަގުތައް އަލުން ހަދާއިރު މަގުގައި ފަޔަރ ހައިޑްރަންޓު ޖަހަން ވަނީ ނިންމައިފައެވެ. ފަޔަރ ހައިޑްރަންޓަކީ އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އަލިފާން ނިއްވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ފެން ލިބޭނެ ކަނެކްޝަން ޕޮއިންޓެކެވެ. ރަށުގެ މެދުތެރޭގައި މިފަދަ ހާދިސާއެއް ހިނގައިފި ނަމަ، މޫދާ ހަމައަށް ހޮޅި އަޅައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރާ ކުރުމަށް ނިމުމެއް އައިސް، އެ މަސައްކަތަށް ފަސޭހަކަމެއް ލިބިގެން ދާނެ އެވެ.

ޕޭވްމެންޓުން ގާ ނެގުމަށް ނިމުމެއް!

މަރާމާތު ކުރާ 11 މަގުގެ އަޑީގައި ވަރަށް ފުންކޮށް ވަޅުލާފައި ހުރި ކޭބަލްތައް އުސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަން ކުރުމުން، ކޭބަލް ޖަންކްޝަންގެ މަތިގަނޑު ހުންނާނީ ޕޭވްމަންޓުގައެވެ. ޕޭވްމަންޓު ކޮންނާކަށް ނުޖެހޭނެ އެވެ.

ޕޭވްމަންޓުގައި ޖަހަން ނިންމާފައި ވަނީ، ހުޅުމާލޭގެ ޕޭވްމަންޓުތަކުގައި ވެސް ހުންނަ ފަދަ، އެއް އަކަފޫޓުގެ ގަލެވެ. ނަމަވެސް މަގުތަކުގައި ޖަހާ ގާތަކަށް ބަދަލެއް ނާންނާނެ އެވެ.

comment ކޮމެންޓް