މޭޑޭގައި ޕިކަޕު ދުއްވާލީ ފުލުހެއްގެ އިޝާރާތަށް ކަމަށް ޑްރައިވަރުގެ އަންހެނުން ބުނެފި

މިދިއަ އަހަރު މޭ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ފުލުހުންގެ ސަފު ފޫއަޅުވާލައި ޕިކަޕު ދުއްވި ޑްރައިވަރު ޑްރައިވަރު ބާސިތު އިބްރާހިމް ކޯޓުން ނިކުންނަނީ -- ސަންފޮޓޯ -- ފަޔާޒު މޫސާ

މިދިޔަ އަހަރު މޭ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ފުލުހުންގެ ސަފާވީ ކޮޅަށް ޕިކަޕު ދުއްވާލީ ފުލުހެއްގެ އިޝާރާތައް ކަމަށް ޕިކަޕު ދުއްވި ސ. ހިތަދޫ އަލިމަސްގެ ބާސިތު އިބްރާހިމްގެ އަންހެނުން ބުނެފި އެވެ.

ބާސިތުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގައި ވަނީ ބޮޑުތަކުރުފާނު މަގު މަސްމާރުކޭޓް ސަރަހައްދުގެ މަގުތަށް، މުޒާހަރާގެ ބައިވެރިންނަށް ނުވަދެވޭ ގޮތަށް ބެރިކޭޑްޖަހައި ބަންދުކޮށްފައި ވަނިކޮށް، ބާސިތު އެ ސަރަހައްދަށް ޕިކަޕުގައި ވަދެފައިވާ ކަމަށެވެ. އަދި އޭނާ އެ ސަހައްދަށް ވަދެފައި ވަނީ އެތާ ހަރަކާތްތެރިވި ފުލުހުންގެ ސަފުގައި ލޮރީން ޖައްސައި، ފުލުހުންގެ ސަފު ފޫއަޅުވާލާފައި ކަމަށް ވެސް ދައުވާގައިވެ އެވެ.

އެމައްސަލައިގެ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލައިން ދިފާއު ވުމަށް ބާސިތުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އޭނާގެ އަންހެނުން ކަރިޝްމާ ނަސީރުގެ ހެކިބަސް ވަނީ ނަގައިފަ އެވެ. ދިފާއީ ވަކީލުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ކަރިޝްމާ ބުނީ މޭޑޭގައި އޭނާ އިނީ ބާސިތާ އެކު ޕިކަޕުގެ އެތެރޭގައި ކަމަށެވެ.

އެދުވަހު އެމްއެމްއޭ ކައިރިން ޕިކަޕު މަޑު ކުރުމަށް ފަހު ބާސިތު ޕިކަޕުން ފޭބި ކަމަށާއި އަދި އެތަނުން ފުލުހަކާ ވާހަކަތަކެއް ދެއްކުމަށް ފަހު ޕިކަޕަށް އެރުމުން އެ ފުލުސް މީހާ އަތުން ކުރިއަށް ދިއުމަށް އިޝާރާތްކުރި ކަމަށް ކަރިޝްމާ ބުންޏެވެ.

ބާސިތު ޕިަކޕު ދުއްވާފައި ދިޔަ އިރު ފުލުހެއްގެ ގައިގައި ވެސް އަދި އާންމު މީހެއްގެ ގައިގައިވެސް ނުޖެހޭ ކަމަށް ކަރިޝްމާ ބުންޏެވެ. އަދި ބާސިތު ޕިަކަޕު ދުއްވާފައި ވަނީ ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދަކަށް ކަން ނޭނގޭ ކަމަށް ހެކިބަސް ދެމުން ކަރިޝްމާ ވަނީ ބުނެފަ އެވެ.

މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ވަނީ ހެއްކެއްގެ ގޮތުގައި ބާސިތުގެ އަންހެނުން ހުށަހެޅުމުން ދިފާއީ ވަކީލުންނާ ސުވާލުތަކެއް ކުރިމަތި ކުރުވާފަ އެވެ. އަދި ދައުވާ ލިބޭ ފަރާތުގެ އަނބި ދަރިން ހެކިންގެ ގޮތުގައި ހުށަހެޅުމާ ބެހޭ ގޮތުން އެނގެނީ ކޯއްޗެއްތޯ ވަނީ ސުވާލު އުފައްދަވާފަ އެވެ.

ހެއްކާ ބެހޭ ގާނޫނުގެ 124 ވަނަ މާއްދާގެ (ހ)

  • މަދަނީ އަދި ޖިނާއީ ޣަޒިއްޔާ ތަކުގައި ހަސްމަކު ނުވަތަ ހަސްމުގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ މައިބަފައިން ނުވަތަ ދަރިންނަށް ހެކިބަސް ދެވިދާނެ އެވެ. މިގޮތުން އަނބިމީހާ ފިރިމީހާއާ އެއްކޮޅަށް ނުވަތަ ފިރިމީހާ އަނބިމީހާއާ އެއްކޮޅަށް ނުވަތަ މައިންބަފައިން ދަރިންނާ އެއްކޮޅަށް ނުވަތަ ދަރިން ބައިންބަފައިންނާ އެއްކޮޅަށް ދޭ ހެކިބަސް ޝަރީއަތައް ފެނިއްޖެ ހިނދެއްގައި ގަރީނާއެއްގެ ގޮތުގައި ގަބޫލު ކުރެވިދާނެ އެވެ. ނަމަވެސް އެފަދަ މީހުންގެ ބަސް ހެއްގެ ގޮތުގައި ގަބޫލެއް ނުކުރެވޭނެ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލީ ދައުލަތުން މައްސަލާގައި ހުށަހަޅާފައިވާ ކްރައިމް ސީން ރިޕޯޓާމެދު ދިފާއުން ދެކޭ ގޮތް ހާމަ ކުރުމަށް ފުރުސަތު ދިނުމަށް ފަހު އެވެ.

މީގެ ކުރިން ވެސް އެމައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގާފަ އެވެ. އަދި ދިފާއުގައި ހުށަހެޅު އެއް ހެކިވެރިއެއްގެ ހެކިބަސްވެސް މީގެ ކުރިން ނަގާފައިވެ އެވެ.

އެމައްސަލަ މީގެކުރިން ބެއްލެވީ ގާޒީ އަހުމަދު ސަމީރު އަބްދުލް އަޒީޒު އެވެ. ނަމަވެސް މިއަދު މައްސަލަ ބައްލަވާފައި ވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފް އެވެ. ގާޒީ ބާރީ ވިދާޅުވީ މައްސަލަ ކުރިން ބެއްލެވި ގާޒީ ޗުއްޓީ ހުރުމުން މައްސަލަ ބެއްލެވުމާ ހަވާލުވެ ވަޑައިގަތީ ދައުވާ ލިބޭ ފަރާތުން މައްސަަލަ އަވަސް ކޮށްދިނުމަށް އެދެމުން ދާތީ ކަމަށެވެ.

ބާސިތުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ.

comment ކޮމެންޓް