ކުދި އަދި މެދު ފަންތީގެ ޓޫރިޒަމަށް ގިނަ މަޝްރޫއުތަކެއް ފަށާނަން: ރައީސް

ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ --- ފައިލް ފޮޓޯ: ރައީސް އޮފީސް

ކުދި އަދި މެދު ފަންތީގެ ފަތުރުވެރިކަމަށް އަމާޒުކޮށްގެން ކުރިއަށް އޮތް ތަނުގައި ގިނަ މަޝްރޫއުތަކެއް ފެށުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، މެދު ފަންތީގެ ޓޫރިޒަމް ރާއްޖެ އަށް ތައާރަފްކޮށް، ހިންގުމަށް "މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައިވާ ކަމަށެވެ.

އެ ކުންފުންޏަކީ ޓޫރިޒަމްގެ ފައިދާ ސީދާ ގޮތެއްގައި ލިބޭ ފަރާތްތައް އިތުރުކުރުމަށް އުފެއްދި ކުންފުންޏެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"މީގެ އިތުރުން ވެސް ތަފާތު ގިނަ މަޝްރޫޢުތަކެއް މުސްތަގުބަލުގައި ތައާރުފުކުރުމުގެ މަސައްކަތްތައް ސަރުކާރުން މިދަނީ ކުރަމުންނެވެ.،" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.

ކުދި އަދި މެދު ފަންތީގެ ފަތުރުވެރިކަން ފުޅާކުރައްވަން ގިނަ މަޝްރޫއުތަކެއް ކުރިއަށް އޮތްތަނުގައި ފެށުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާ އިރު، ފަތުރުވެރިކަން ތަރައްގީ ކުރުމަށް ނިންމާފައިވާ ލ. ބަރެސްދޫ ތަރައްގީ ކުރަން ސަރުކާރުން ވަނީ ހުޅުވާލާފަ އެވެ. ނަމަވެސް 16 ބިމެއް ވިއްކާފައިވާ ކަމަށް އެމްއެމްޕީއާރުސީން މީގެ ކުރިން ބުނެފައިވީ ނަމަވެސް އެ މަޝްރޫއު އަދި ކުރިއަކަށް ނުދެ އެވެ.

ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާވެ ކުރިއަރަމުންދާއިރު، ރާއްޖޭގެ ރިސޯޓްތަކުގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ މިންވަރަށް ވުރެ ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މިންވަރު ނުވަތަ އޮކިއުޕެންސީ ރޭޓް އަންނަނީ އެއް މަހުން އަނެއް މަހަށް މަތިވަމުންނެވެ.

comment ކޮމެންޓް