ޖީއެސްގެ މަގާމު އަލުން ބައްސާމަށް ދިނުމަށް ފީފާއިން އަންގައިފި

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް)ގެ ކޮންގްރެސްގައި ބައްސާމް ވާހަކަދައްކަވަނީ -- ސަން ފައިލް ފޮޓޯ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކެރެޓަރީގެ މަގާމުން ބައްސާމު އަދީލް ޖަލީލު ވަކިކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށްވާތީވެ އެމަގާމު އަލުން އަނބުރާ އޭނާއަށް ދިނުމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ، ފީފާއިން އެފްއޭއެމް އަށް އަންގައިފިއެވެ.

ފީފާގެ ޖެނެރަލް ސެކްރެޓަރީ ފާތުމާ ސަމޫރާ ސޮއިކޮށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިޤު (ޓޮމް) އަށް ފޮނުވާފައިވާ ސިޓީގައި ވަނީ، ބައްސާމް މަގާމުން ވަކިކޮށްފައިވަނީ އެކްސްކޯގެ މަޝްވާރާއެއް ނެތި ކަމަށާއި އަސާސީ ގަވާއިދާ ހިލާފަށް މަގާމުން ވަކިކޮށްފައިވާތީ އޭނާ އަލުން އަނބުރާ މަގާމަށް ރުޖޫއަ ކުރުމަށެވެ.

"އަޅުގަނޑުމެން ބެލިބެލުމުން ޖެނަރަލް ސެކްރެޓަރީ މަގާމުން ދުރުކޮށްފައިވަނީ އެކްސްކޯގައި އެއްވެސް މަޝްވަރާ ކުރުމެއް ނެތި. އެއީ އެފްއޭއެމްގެ އަސާސީ ގަވާއިދާ ވެސް ހިލާފު ކަމެއް،" ސިޓީގައި ވެއެވެ.

ފީފާއިން މިގޮތަށް އަންގާފައި ވަނީ، އެފްއޭއެމްގެ އަސާސީ ގަވާއިދުގެ އިނގިރޭސި ތަރުޖަމާއަށް ރިއާޔަތްކޮށެވެ. އެހެން ނަމަވެސް، މިއަހަރުގެ މޭ މަހުގެ 7 ވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ފާސްކޮށްފައިވާ އެ ޖަމިއްޔާގެ އަސާސީ ގަވާޢިދުގެ 38 ވަނަ މާއްދާގެ 3ގައި ބުނެފައި ވަނީ "ޖެނެރަލް ސެކްރެޓަރީ އައްޔަނުކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ރައީސަށް،" ކަމަށެވެ.

ބައްސާމަށް ޠާރިޤު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، "ފުޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ ގޮތުގައި އަދާކުރަމުންދާ ޒިންމާތަކާއި، ވާޖިބުތަކުން މިއަދު (18 ސެޕްޓެމްބަރު 2016) އިން ފެށިގެން ވަކިކުރެވިފައިވާ ވާހަކަ ދަންނަވަން" ކަމަށެވެ.

ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމު ވަކިކުރި މައްސަލާގައި، ޖެހިގެން އައި ދުވަހު އެފްއޭއެމް އެކްސްކޯގައި ހިމެނޭ ފަސް މެމްބަރަކު ވަނީ އެއްފަހަރާ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން އެކްސްކޯގައި ހިމެނޭ 50 ޕަސެންޓް މެމްބަރުން އިސްތިއުފާ ދެއްވައިފި ނަމަ އަލުން އިންތިހާބަކަށް ގޮވާލަންޖެހެއެވެ.

comment ކޮމެންޓް