ރާއްޖޭގެ ޓޫރިޒަމް އިތުރަށް ތަރައްގީ ކުރަން މަޝްވަރާތަކެއް ފަށައިފި

މިއަދުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޯލްޑް ޓޫރިޒަމް ދުވަހާ ގުޅުވައިގެން، ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ކުރުމާ ބެހޭ ގޮތުން ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތައް ހިމެނޭ ގޮތަށް މަޝްވަރާ ބައްދަލުވުމެއް ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އިސް ނަގައިގެން ދަރުބާރުގޭގައި މިއަދު ކުރިޔަށް ގެންދާ ފޯރަމް އިފްތިތާހުކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. އެ ފޯރަމްގައި ރާއްޖޭގައި ހިންގާ ރިސޯޓްތަކާއި ހޮޓާތަކުގެ އިސްވެރިންނާއި ސަރުކާރުގެ އިދާރާތަކާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތައް ބައިވެރިވެ އެވެ.

ޓޫރިޒަމް ފޯރަމް އިފްތިތާހުކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެ ފޯރަމްގައި މައިގަނޑު ތިން ދާއިރާއަކާ ގުޅޭ މަޝްވަރާތައް ކުރާނެ ކަމަށެވެ. އެގޮތުން ތިމާވެއްޓާއި ޒުވާނުން އަދި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި އޭވިއޭޝަން ދާއިރާއާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ދަރުބާރުގޭގައި ކުރިއަށްދާ ފޯރަމްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ބާއްވާ ފޯރަމްގެ އިތުރުން މާދަމާ އޮންނަ ބައްދަލުވުމެއްގައި، އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރާނެ ގޮތްތަކާއި އެހެނިހެން ބައެއް ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް ފޯމިއުލޭޓްކުރުން އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ބާރު ސްޕީޑެއްގައި ކުރިއަރަމުން އަންނަ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ފަސް ވަރަކަށް އަހަރު ތެރޭގައި އިތުރު، ރަނގަޅު ފެންވަރުގެ ރިސޯޓްތައް ހުޅުވޭނެ ކަމަށާއި އެ ރިސޯޓްތަކާ އެކު އިންޓަނޭޝަނަލް ބްރޭންޑްތައް ވެސް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ދަރުބާރުގޭގައި ކުރިއަށްދާ ފޯރަމްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑުމެން ބޭނުންވޭ އެފަދަ ރިސޯޓްތައް ހުޅުވޭ އިރު އެތަންތަނަށް ބޭނުންވާ މުވައްޒަފުންނަކީ ފުރިހަމައަށް ތަމްރީނުވެފައިވާ ބަޔަކަށް ހަދަން. އަޅުގަނޑުމެން މިދަނީ ޓިވެޓާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ޓޫރިޒަމް ދާއިރާ ހާއްސަކޮށްގެން މީހުން ތަމްރީނުކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި، މިއަދު ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ގައުމީ ވައިގެ ބަނދަރުގައި ގިނަ ހަރަކާތްތަކެއް ހިންގަން ވެސް ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް