އޭއެޗް އެންޑް އެސޯސިއޭޓްސް ބައިނަލްއަގުވާމީވެ، ކްރޯ ހޯވާތު މޯލްޑިވްސްއަށް ރީބްރޭންޑް ކޮށްފި

ކްރޯ ހޮވާތު މޯލްޑިވްސްގެ މެނޭޖިންގް ޕާޓްނަރ ހަސަން މުހައްމަދު އަދި ކްރޯ ހޮވާތު އިންޓަނޭޝަނަލްގެ ރީޖަނަލް އެގްޒެކެޓިވް ޑިރެކްޓަރ މޮކް ޔުން ލޮކް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރާއްޖޭގައި އެކައުންޓިންގ އަދި އޮޑިޓިންގ ޚިދުމަތް ދެމުން އައި ކުންފުނި، އޭއެޗް އެންޑް އެސޯސިއޭޓްސް، ބައިނަލްއަގުވާމީ އެކައުންޓިންގ ނެޓްވޯކު ކްރޯ ހޮވާތު އިންޓަނޭޝަނަލްއާ އެކު ޕާޓުނަރޝިޕެއް ހަދައިފިއެވެ.

މި ޕާޓްނަރޝިޕާ އެކު، އޭއެޗް އެންޑް އެސޯސިއޭޓްސް ވަނީ "ކްރޯ ހޮވާތު މޯލްޑިވްސް"ގެ ނަމަށް ރީބްރޭންޑް ވެފައެވެ. އަދި ކްރޯ ހޮވާތު މޯލްޑިވްސްއަކީ ބައިނަލްއަގުވާމީ އެކައުންޓިންގ ނެޓްވޯކެއްގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ފުރަތަމަ ފަރާތަށް ވަނީ ވެފައެވެ.

މިރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި، އޭއެޗް އެންޑް އެސޯސިއޭޓްސް "ކްރޯ ހޮވާތު މޯލްޑިވްސް"އަށް ރީބްރޭންޑް ކޮށްދިނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން، ކްރޯ ހޮވާތު މޯލްޑިވްސްގެ މެނޭޖިންގ ޕާޓްނަރު ހަސަން މުހައްމަދު ވިދާޅުވީ، އޭއެޗް އެންޑް އެސޯއިއޭޓްސް ރީބްރޭންޑް ވެގެން ދިއުމާ އެކު، އެކައުންޓިންގ، އޮޑިޓިންގ، ޓެކްސް އަދި އެޑްވައިޒަރީގެ ދާއިރާގައި މިހާރު ރާއްޖޭގައި ބައިނަލްއަގުވާމީ ވަރުގަދަ ބްރޭންޑެއް ކްލަޔަންޓުންނަށް ލިބޭނެ ކަމަށެވެ.

އަދި އެ ކުންފުނީގެ ޚިދުމަތްތައް ދެވޭނީ ކްރޯ ހޮވާތު އިންޓަނޭޝަނަލުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމުގެ ދަށުން، ކްރޯ ހޮވާތުގެ ސްޓެންޑަޑާއި ކޮލިޓީގައި ކަމަށް ހަސަން ވިދާޅުވިއެވެ.

ކްރޯ ހޮވާތު މޯލްޑިވްސްގެ މެނޭޖިންގް ޕާޓްނަރ ހަސަން މުހައްމަދު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އެގޮތުން ކްރޯ ހޮވާތު މޯލްޑިވްސްގެ މަސައްކަތުގެ ކޮލިޓީ އެޝޫރަންސް ހެދެމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ފަހުން އަޅުގަނޑުމެންގެ މަސައްކަތް ކޮލިޓީ އެޝޫރަންސް ހަދައި، ޗެކު ކުރަމުން ދާނެ ކްރޯ ހޮވާތު އިންޓަނޭޝަނަލުން. އަޅުގަނޑުމެންގެ މަސައްކަތުގައި ކުރީގައި ކޮލިޓީ އެޝޫރަންސް އެކްސްޕަރޓީއެއް ނީންނާނެ،

"މިހާރު މަސައްކަތް ކުރަން ޖެހޭނީ ކްރޯ ހޯވަތު އިންޓަނޭޝަނަލްގެ ސްޓޭންޑަޑްތަކާ އެއްގޮތަށް. އެ ސްޓޭންޑަޑްތަކާ މީޓު ކުރެވޭތޯ ކޮލިޓީ ރިވިއުތައް ކޮންމެ އަހަރަކު އެއްފަހަރު ހެދޭނެ،" ހަސަން މުހައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތިންވަނަ ފަރާތަކުން ކްރޯ ހޮވާތު މޯލްޑިވްސްގެ މަސައްކަތްތައް ޗެކު ކޮށް ހެދުމަކީ އެކުންފުނީގެ މަސައްކަތަށް އިތުބާރު ބޮޑުވެގެން ދާނެ ކަމެއް ކަމަށެވެ.

އޭއެޗް އެންޑް އެސޯސިއޭޓްސްއިން ރާއްޖޭގައި ދެ އޮފީހެއް ހިންގަމުން އައެވެ. އެއީ މާލެ ސިޓީއާއި ފުވައްމުލަކު ސިޓީގައެވެ. މިހާރު މި ދެ އޮފީސް ވެސް ހިނގަމުން ދާނީ ކްރޯ ހޮވާތު މޯލްޑިވްސްގެ ނަމުގައެވެ.

ކްރޯ ހޮވާތު މޯލްޑިްސްއަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ލައިސެންސް ލިބިފައިވާ، އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން "އޭ ކެޓަގަރީ"ގައި އެޕްރޫވް ކޮށްފައިވާ އޮޑިޓް ފަރމެކެވެ.

ކްރޯ ހޮވާތު އިންޓަނޭޝަނަލަކީ 1915 ވަނަ އަހަރު "ހޮވާތު އެންޑް ހޮވާތު"ގެ ނަމުގައި، އެމެރިކާގައި ގާއިމުކުރި ކުންފުންޏެކެވެ. މި ކުންފުނި، 200 މެމްބަރުން ހިމެނޭ ބައިނަލްއަގުވާމީ އެކައުންޓިންގ ނެޓްވޯކަކަށް މިހާރު ބަދަލުވެފައިވާ އިރު، ދުނިޔޭގެ 130 ގައުމެއްގައި 700 އޮފީސް ހިންގައެވެ.

comment ކޮމެންޓް