މިހާރު މިއޮތް ލިވަޕޫލް ޓީމަށް ލީގު ކާމިޔާބުކުރެވިދާނެ: ކުރީގެ ކޯޗު

އިނގިރޭސި ލީގުގައި ލިވަޕޫލް ކުޅުނު މެޗެއްގެ ތެރެއިން ---ފޮޓޯ: ގޯލް

ލިވަޕޫލްގައި މިހާރު އޮތް ސްކޮޑާ އެކު އެޓީމަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރެވިދާނެ ކަމަށް އެޓީމްގެ ކުރީގެ ކޯޗު ޖެރާޑް ހައުލިއާ ބުނެފިއެވެ.

ލިވަޕޫލަށް 1998 އިން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ކޯޗުކޮށްދިން ފްރާންސަށް އުފަން ހައުލިއާ ބުނީ، މިހާރު ލިވަޕޫލް ޓީމްގެ ފަރާތުން ފެންނަނީ މިފަހުގެ ތާރީޙްގައި އެޓީމުގެ ފަރާތުން ފެނުނު އެންމެ ތަފާތު މޮޅު ކުޅުން ކަމަށާއި އެޓީމަށް ލީގު ކާމިޔާބު ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"ލިވަޕޫލް މިހާރު އެއޮތީ ވަރަށް ރަނގަޅު ހިސާބެއްގައި. އާ ކޯޗު (ޔާގެން ކްލޮޕް) ގެ އިރުޝާދުގެ ދަށުން އަންނަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދަމުން. އޭނާގެ އެބަހުރި ލިވަޕޫލަށް ލީގު ކާމިޔާބު ކޮށްދެވޭނެ ވަރުގެ ގާބިލްކަން،" ހައުލިއާ ބުންޏެވެ.

ހައުލިއާ: އޭނާ ބުނީ ލިވަޕޫލްއަށް މިފަހަރުގެ ލީގް ކާމިޔާބް ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ---

ލިވަޕޫލަށް އެންމެ ފަހުން ލީގު ކާމިޔާބު ކުރެވިފައިވަނީ މީގެ 26 އަހަރު ކުރިން 1990 ވަނަ އަހަރުއެވެ. ހައުލިއާގެ އިރުޝާދުގެ ދަށުން ލިވަޕޫލުން ވަނީ ހަ ޓްރޮފީ ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި ލީގު ކަޕް ދެފަހަރު، އެފްއޭ ކަޕާއި ސުޕަ ކަޕް އެއް ފަހަރު ވަނީ ހޯދާފައެވެ.

ލީގުގައި ލިވަޕޫލް އޮތީ ކުޅުނު ހަ މެޗުން ލިބުނު 13 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގައެވެ. ތިން ވަނައިގައި އޮތް އާސެނަލް އަށް ވެސް 13 ޕޮއިންޓް ލިބޭއިރު އެޓީމަށް ތިން ވަނަ ލިބެނި ފައިދާ ގޯލުން ކުރި ލިބިގެންނެވެ.

ލިވަޕޫލް ވަނީ މިފަހަރުގެ ސީޒަނުގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް އެއް މެޗުން އެއްވަރުވެފައެވެ. އެޓީމް ބަލިވެފައިވަނީ ތާވަލުގެ އެންމެ ފުލުން ހަތަރު ވަނައިގައި އޮތް ބާންލީ އަތުން އެކަންޏެވެ.

ލިވަޕޫލަށް ލީގުގައި ދެން މެޗެއް އޮތީ އަންނަ މަހުގެ އެއްވަނަ ދުވަހު ސްވަންސީ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. އެމެޗަށް ފަހު 18 ވަނަ ދުވަހު ލިވަޕޫލް ނިކުންނަށް ޖެހޭނީ މެންޗަސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.

comment ކޮމެންޓް