ސިއްހީ ދާއިރާއިން ބާއްވާ ފުރަތަމަ ފެއާގެ މެއިން ސްޕޮންސަރަކަށް އޭޑީކޭ

ސިއްހީ ދާއިރާއިން ބާއްވާ ފުރަތަމަ ފެއާގެ މެއިން ސްޕޮންސަރަކަށް އޭޑީކޭ ހަމަޖެއްސުމުގެ ގޮތުން މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ސަން ފޮޓޯ

ސިއްހީ ދާއިރާއިން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ފެއާގެ މެއިން ސްޕޮންސަރަކަށް އޭޑީކޭ ހޮސްޕިޓަލް ހަމަޖައްސައިފި އެވެ.

އެމްވީ މެޑިކަލްސްގެ ފަރާތުން އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އޭޑީކޭ ހަމަޖެއްސުމުގެ ގޮތުން މިއަދު ހަވީރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެގޮތުން އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު އެވެ. އެމްވީ މެޑިކަލްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ މެނޭޖާ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އަބްދުލް ޖަލީލް ހުސައިން އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އައްފާލު ވިދާޅުވީ ރާއްޖޭގައި ތަފާތު އެކި އެގްސިބިޝަންތައް ބޭއްވި ނަމަވެސް ސިއްހީ ދާއިރާއަކީ އެފަދަ އެގްޒިިބިޝަންތައް ބާއްވަމުން އަންނަ ދާއިރާއެއް ނޫން ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މިއީ ވަރަށް ރަނގަޅު އިސް ނެންގެވުމެކޭ އެމްވީ މެޑިކަލްސްގެ ފަރާތުން މިކަހަލަ އެގްޒިބިޝަނެއް ރާއްޖޭގައި ބާއްވަން ވިސްނާ މިފަދަ ކަމެއް ކުރައްވަން ފެއްޓެވި ކަމަކީ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ވަރަށް ގިނަ ސިއްހީ ހިދުމަތްތައް ލިބެން އެބަހުރި. އެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް އެބަތިބި. އަދި ހަމަ ވަރަށް މަތީ ފަންތީގެ ސިއްހީ ހިދުމަތް ރާއްޖޭގެ ލިބެން އެބަހުރި،" އައްފާލު ވިދާޅުވި އެވެ.

އައްފާލު ވިދާޅުވީ، އަދިވެސް ދިވެހިންގެ ތެރޭގައި "ސިއްހީ ހިދުމަތް" ރާއްޖެއިން ބޭރުން ނޫނީ ނުހޯދޭނެ ކަމަށް ގަބޫލުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ރާއްޖެއިން ނުހޯދޭ ސިއްހީ ހިދުމަތެއް ވަރަށް މަދުވާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއިން ބޭރަށް ދާންޖެހޭ ހާލަތްތައް ވެސް ވަރަށް މަދުވާނެ ކަމަށެވެ.

comment ކޮމެންޓް