އެގާރަ ވަނަ ލީގް ޓްރޮފީއާ އެކު ދަގަނޑޭ ތާރީހްގެ ތެރެއަށް

މިފަހަރުގެ އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ދަގަނޑޭ ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން ---ސަން ފޮޓޯ/ އަފްރާހް

މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބުން މިއަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި އިރު އެންމެ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދިޔަ އެއް ކުޅުންތެރިއަކީ، އެ ޓީމްގެ ފުރުތަމަ ޓްރޮފީ އުފުލާލަން އެހީތެރިވި ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

ލީގުގެ މެދު ތެރޭން، ޖޫން ޓްރާންސްފާގައި މެލޭޝިއާގެ ޕީޑީއާރުއެމް ދޫކޮށްލުމަށްފަހު މާޒިޔާއާ ގުޅުނު ދަގަނޑޭ ވަނީ އެޓީމާ ގުޅުމަށް ފަހު ކުޅުނު ފުރަތަމަ މެޗު ފިޔަވައި މިހާތަނަށް ހުރިހާ މެޗެއްގައި ވެސް ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައެވެ.

ގައުމީ ޓީމްގެ މުހިއްމު ގިނަ ކުޅުންތެރިންތަކަކާ އެކު މިފަހަރު ރާއްޖޭގައި ކުޅޭ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމަށް އަމާޒުހިފާފައިވާ މާޒިޔާއާ ދަގަނޑޭ ގުޅުމުން އެޓީމްގެ އަމާޒަކަށް ދެންއޮތް އަމާޒަކަށް ހެދީ، އެއްވެސް މެޗަކުން ބަލިނުވުމެވެ. މާޒިޔާގައި ދަގަނޑޭ ދައްކަމުން އަންނަ މޮޅު ކުޅުމާއެކު އެޓީމު ވަނީ، ދަގަނޑޭ އެ ޓީމާ ގުޅުމަށްފަހު ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކުރުމުންނެވެ.

ކުރިއަށް ބާކީ ތިން މެޗު އޮއްވައި އިއްޔެ ޔުނައިޓެޑް ވިކްޓްރީ އަތުން އީގަލްސް ބަލިވުމާ އެކު މާޒިޔާއަށް ވަނީ ފުރަތަމަ ފަހަރަށް ލީގު ކަށަވަރުވެފައެވެ.

އުމުރުން އެންމެ 16 އަހަރުގައި ކުލަބު ވެލެންސިއާއިން ގަލޮޅުދަނޑަށް ނިކުތް ދަގަނޑޭ ވަނީ އެޓީމާއި އެކު 2001، 2002، 2003 އަދި 2004 ވަނަ އަހަރުގެ ލީގު ކާމިޔާބު ކޮށްފައެވެ. ވެލެންސިއާގެ އިތުރުން ދަގަނޑޭ ވަނީ ވީބީ ސްޕޯޓްސް ކުލަބާއި އެކު ޖެހިޖެހިގެން ތިން އަހަރު ލީގު ކާމިޔާބް ކޮށްފައެވެ. އެއީ 2009، 2010 އަދި 2011 އެވެ. ނިއު ރޭޑިއަންޓްއާ އެކު ވެސް ދަގަނޑޭ ތިން ފަހަރު ލީގު ޓްރޮފީ އުފުލާލައިފައެވެ. އެއީ 2006، 2012 އަދި 2013 އެވެ.

މިފަހަރުގެ ލީގުގައި މާޒިޔާއަށް ކުޅެދިން ހަތް މެޗުގައި ހަ ގޯލު ކާމިޔާބްކޮށްފައިވާއިރު ދަގަނޑޭގެ ކުޅުން އައީ މެޗަކަށް ފަހު މެޗެއް ރަނގަޅު ވަމުންނެވެ. ދަގަނޑޭ ވަނީ ދާދި ފަހުން އޭނާގެ ކެރިއަރުގައި 400 ވަނަ ގޯލު ވެސް ކާމިޔާބުކޮށްފައެވެ. މިއީ މިހާތަނަށް އަދި ދިވެހި އެއްވެސް ކުޅުންތެރިއަކަށް ނުހޯދޭ ވަރުގެ ބޮޑު ކާމިޔާބީއެއް ކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް