ނޯޓު 7 އަލުން ބާޒާރަށް ނެރުން ފަސްކޮށްފި

ސެމްސަންގް ގެލެކްސީ ނޯޓު 7 --ފޮޓޯ/ ގެޓީ

ބެޓެރީގައި އަލިފާން ރޯވާ މައްސަލަ ދިމާވެފއިވާ ސެމްސަންގް ގެލެކްސީ ނޯޓު 7 ފޯނު އަލުން ވިއްކުން ފަސްކޮށްފި އެވެ.

ސެމްސަންގުން ބުނީ ފޯނު އަލުން ބާޒާރަށް ނެރެ، ވިއްކުން އަލުން ފެށުން ފަސްކުރީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާފައިވާ އެ ފޯނުތައް ސެމްސަންގަށް އަނބުރާ ހޯދުމަށް އަދިވެސް އިތުރު ވަގުތު ބޭނުންވާތީ ކަމަށެވެ.

ވިއްކުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދޫކޮށްފައިވާ 2.5 މިލިޔަން ފޯނު ސެމްސަންގުން އަނބުރާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސެމްސަންގުން މީގެ ކުރިން ބުނެފައިވަނީ މި ފޯނުގައި ހުރި މައްސަލަތައް ހައްލު ކުރުމަށްފަހު މިއަދު ބާޒާރަށް އަލުން ނެރޭނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު ބެލެވޭ ގޮތުގައި، ފޯނު އަލުން ބާޒާރުން ފެންނަން ފަށާނީ އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ދެކުނު ކޮރެއާގައި އެކަނި ވެސް 200،000 ކަސްޓަމަރުން އެމީހުންގެ ފޯނު އަނބުރާ ސެމްސަންގްއަށް ދީފައިވާ އިރު، އަދިވެސް 200،000 ވަރަކަށް ކަސްޓަމަރުން ސެމްސަންގްއަށް ފޯނު ރައްދުކޮށްދީފައި ނުވާކަމަށް ސެމްސަންގުން ބުނެ އެވެ.

ސެމްސަންގް ގެލެކްސީ ނޯޓު 7 ގެ ބެޓެރީ ދޮން ބޮޑުވެ، އޭގައި އަލިފާން ރޯވާ މައްސަލަ ދިމާވާން ފެށުމުން ސެމްސަންގުން ވަނީ އެ ފޯނު ބޭނުންކުރުން ހުއްޓާލަން އަންގައި، އޭގެ ބަދަލު ކަސްޓަމަރުންނަށް ދޭން ނިންމައިފައެވެ. އެކަން ސެމްސަންގުން އަދިވެސް ދަނީ ކުރަމުންނެވެ.

މި ފޯނުގައި އަލިފާން ރޯވާތީ، އެ ފޯނު ގިނަ އެއާލައިންތަކުގެ ފްލައިޓުތަކުގައި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.

comment ކޮމެންޓް