ހަތް އަހަރު ފަހުން ލަންކާގެ ނޫސްވެރިއެއްގެ މަރުގެ ތަހުގީގަށް ގަބުރު ނަގަނީ

ލަސަންތަ ވިކްރަމަތުންގަގެ ގާތިލުން ހޯދާފައި ނުވާތީ ލަންކާގެ ބައެއް ނޫސްވެރިން މީގެ ކުރިން ކުރި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ/ އޭޕީ

މީގެ ހަތް އަހަރު ކުރިން ލަންކާގައި މަރާލި އެގައުމުގެ ނޫސްވެރިއެއްގެ މަރުގެ ތަހުގީގު ކުރުމަށް އޭނާގެ ކަށްވަޅު ކޮނެގެން ހަށިގަނޑު ނަގަން ތައްޔާރުވެއްޖެ އެވެ.

ސްރީލަންކާގެ "ސަންޑޭ ލީޑަރ" ނޫހުގެ އެޑިޓަރު ކަމުގައި ހުރި ލަސަންތަ ވިކްރަމަތުންގަގެ ގަޔަށް ބަޑި ޖަހައި މަރާލީ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހު، އޭނާ އޮފީހަށް ދިޔަ މަގުމަތީގައެވެ. އޭނާގެ ގަޔަށް ބަޑި ޖެހީ ކޮލޮމްބޯގެ މަގުމަތިން ސައިކަލުތަކެއްގައި ދުއްވާފައި ދިޔަ މީހުންތަކެކެވެ.

އޭނާ މަރާލުމުގެ ތިން ދުވަސް ފަހުން ސަންޑޭ ލީޑަރު ނޫހުގައި ޝާއިއުކުރި، އޭނާގެ ލިޔުމެއްގައި ވިކްރަމަތުންގަ ވަނީ ލަންކާގައި ނޫސްވެރިންނަށް ސަރުކާރުގެ ފަރާތުން ކުރިމަތިކުރަމުން އައި ހުރަސްތަކުގެ ވާހަކަ ހިއްސާ ކޮށްފައެވެ.

"އަހަރެން މަރުވާ އިރު، އެކަން ވާނީ ސަރުކާރުން އަހަރެން މަރާލީ ކަމަށް،

"އެކަމަކު ތިޔަބޭފުޅާ މީގެ ކުރިން އަމުރުކުރައްވައި ހިންގެވި ތަހުގީގުތައް ފަދައިން އަހަރެންގެ މަރުގެ ތަހުގީގުން ވެސް އެއްވެސް ނަތީޖާއެއް ނުނުކުންނާނެ،" ލަންކާގެ ރައީސްކަމުގައި 2009 ވަނަ އަހަރު ހުންނެވި މަހިންދަ ރާޖަޕަކްސައާ މުޚާތަބު ކުރަމުން ވިކްރަމަތުންގަ ލިޔެފައި ވެ އެވެ.

މި ލިޔުން ވިކްރަމަތުންގަ ލިޔުނީ އޭނާ މަރާލި ހާދިސާގެ ކުރިންނެވެ. އެހެން ނަމަވެސް ސަންޑޭ ލީޑަރ ނޫހުން އެ ލިޔުން ޝާއިއުކުރީ ވިކްރަމަތުންގަގެ މަރުގެ ތިން ދުވަސް ފަހުންނެވެ.

އޭނާ ލިޔެފައިވާ ފަދައިން ރާޖަޕަކްސަގެ ސަރުކާރުން ކުރި ތަހުގީގުން އެއްވެސް ކަމެއް ފެންމަތިވެފައެއް ނުވި އެވެ. ނަމަވެސް ރާޖަޕަކްސަ 2015 ވަނަ އަހަރު އިންތިޚާބުން ބަލިކުރެއްވި، ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ވަނީ ވިކްރަމަތުންގަގެ ގާތިލުން ހޯދުމަށް ވައުދުވެވަޑައިގެންފައެވެ.

ނޫސްވެރިޔާ ލަސަންތަ ވިކްރަމަތުންގަގެ މަހާނަ، މި ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅުން ފެށިގެން ދަނީ ސިފައިންގެ ބެލުމުގެ ދަށުން ގާޑު ކޮށްފައެވެ. އޭނާގެ މަރުގެ ތަހުގީގު އަލުން ކުރުމަށް ލަންކާ ސަރުކާރުން ނިންމީ އޭނާގެ މަރުގެ މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވިގެން ލަންކާގެ މިލިޓަރީ އިންޓެލިޖެންސްގެ އޮފިޝަލަކު ޖުލައި މަހު ހައްޔަރު ކުރުމާ ގުޅިގެންނެވެ.

ޖުލައި މަހުގެ ތެރޭގައި ހައްޔަރުކުރީ ޕީ. އުޑަލްގަމަ ނަމަކަށް ކިޔާ އިންޓެލިޖެންސް އޮފިސަރެކެވެ. އޭނާ އަދިވެސް ހުރީ ބަންދުގައެވެ.

ކޯޓުގެ ލިޔެކިޔުންތައް ބުނާ ގޮތުގައި، ވިކްރަމަތުންގަގެ ހަށިގަނޑު އަލުން ނަގައިގެން ތަހުގީގު ހިންގުމަށް ތަހުގީގީ އިދާރާތަކުން އެދުނީ، އޭރު ހިންގުނު ދެ މެޑިކަލް އެގްޒާމެއްގެ ނަތީޖާތަކުގައި ފުށުއެރުންތަކެއް ހުރުމުންނެވެ. އޭނާ މަރުވީ ބަޑި ޖަހައިގެން ބަޑީގެ ވަޒަން އަރައިގެން ކަމަށް އެއް ޓެސްޓުގައި ބުނެފައިވާ އިރު، އަނެއް ޓެސްޓުގައި ބުނެފައިވަނީ ބަޑި ޖަހައިގެން އޭނާގެ ހަށިގަނޑަށް ވެފައިވާ ހާނީއްކައެއް ފެނިފައި ނުވާ ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ވެސް ލަންކާއިން ވަނީ މަރުގެ ތަހުގީގަކަށް މީހެއްގެ ހަށިގަނޑު އަލުން ނަގައިފައެވެ. ލަންކާގެ ރަގްބީ ކުޅުންތެރިޔާ ވަސީމް ތާޖުއްދީންގެ މަރުގެ މައްސަލައިގައި ތާޖުއްދީންގެ ހަށިގަނޑު ކަށްވަޅުން ނަގައި، ތަހުގީގު ދެވަނަ ފަހަރަށް ހިންގީ އެ ތަހުގީގުގައި ވެސް ދެކޮޅު ނުޖެހޭ ބައެއް ކަންކަން ފާހަގަވުމާ ގުޅިގެންނެވެ.

comment ކޮމެންޓް