ފިރިމީހާގެ ގޮހޮރު ދަބަހަކަށް ލައިގެން އުޅުނު މީހަކު އޮސްޓްރިއާގެ ވައިގެބަނދަރުން ހިފަހައްޓައިފި

އޮސްޓްރިއާ އެއާޕޯޓެއްގެ ކަސްޓަމްސް އޮފިޝަލުން ވަނީ ފިރިމީހާގެ ގޮހޮރު ދަބަހަށް ލައިގެން އުޅުނު އަންހެނަކު ހުއްޓުވާފަައި -- ފޮޓޯ: އީޕީއޭ

ވިއެނާ (ސެޕްޓެމްބަރު 26): ފިރިމީހާގެ ގޮހޮރު ދަބަހެއްގައި ރައްކާކޮށްގެން އޮސްޓްރިއާއަށް ދަތުރު ކުރި މޮރޮކޯގެ އަންހެނަކު އޮސްޓްރިއާގެ ވައިގެބަނދަރުން ހުއްޓުވައިފި އެވެ.

އޮސްޓްރިއާގެ ނޫސްތަކުގައިވާ ގޮތުން، ދެފުޅީގައި ވަރަށް ރަނގަޅަށް ބަންދުކޮށްފައިވާ ގޮހޮރުގެ ބައިތަކެއް ވަނީ އެގައުމުގެ ގްރާޒް އެއާޕޯޓަށް ދިޔަ އަންހެނެއްގެ ދަބަހުން ފެނިފައެވެ. އެއާ ބެހޭ ގޮތުން ކަސްޓަމްސްއިން އެ އަންހެންމީހާއާ ސުވާލު ކުރުމުން އޭނާ ވަނީ، އެއީ އޭނާގެ ފިރިމީހާގެ ގޮހޮރު ކަމަށް ބުނެފައެވެ.

އަދި އެ ގޮހޮރު އޮސްޓްރިއާއަށް ގެންދިޔައީ އޭނާގެ ފިރިމީހާ މަރުވީ ޒަހަރު ދިނުމުގެ ސަބަބުން ކަމަށް ޝައްކުވާތީ، ފިރިމީހާގެ ޓިޝޫގެ ޓޮކްސިކޮލޮޖީ ޓެސްޓެއް ހަދަން ބޭނުން ވާތީ ކަމަށް އަންހެންމީހާ ބުނި ކަމަށް ނޫސްތަކުގައިވެ އެވެ.

އެ އަންހެން މީހާގެ ވާހަކައާ ގުޅިގެން ކަސްޓަމްސްއިން ވަނީ ޑޮކްޓަރަކު އެއެއާޕޯޓަށް ގެންގޮސްފައެވެ. ނަމަވެސް ހަށިގަނޑުގެ އެހެން ބައިތަކާ ނުލައި ފުރިހަމަ ޓެސްޓެއް ނެހެދޭނެ ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެ އަންހެންމީހާގެ، 40 އަހަރުވީ ފިރިމީހާ މަރުވީ މޮރޮކޯގައި ކުރި އޮޕަރޭޝަނެއްގައެވެ.

އޮސްޓްރިއާގެ ފުލުހުން ވަނީ އެ އަންހެން މީހާ އެއްވެސް ގާނޫނަކާ ހިލާފުވެފައި ނުވާ ކަމަށާއި އަދި އެ މައްސަލަ ބަލަން ފުލުހުންނަށް އަންގާފައި ނުވާ ކަމަށް ބުނެފައެވެ. (ބީބީސީ)

comment ކޮމެންޓް