ނަޝީދާއި އާއިލާގެ ނުފޫޒު ގަދަވުމަކީ އެމްޑީޕީގެ މުސްތަގުބަލަށް ހުރަހެއް: އަލްހާން

އަލްހާން ފަހުމީ މީޑިއާއާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ ނުފޫޒު، އެމްޑީޕީގެ ތެރޭގައި ގަދަވެގެން ދިއުމަކީ އެމްޑީޕީގެ މުސްތަގުބަލަށް އޮތް ހުރަހެއް ކަމަށް އެޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިސްލާހު ކުރުމަށް ގޮވާލަމުންދާ، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ކުރެއްވި އަލްހާން މިއަދު މީޑިއާއާ ބައްދަލުކުރައްވައި ވިދާޅުވީ އެމްޑީޕީ އިސްލާހު ކުރުމަށް ގޮވާލައި އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ހުރަސް އެޅިޔަސް އެ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށެވެ.

އަލްހާން ގެންދަވަނީ، އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ ރިޔާސީ ދައުރު މިހާރު ހަމަވެފައިވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ އިންތިޚާބު ބޭއްވުމަށް ގޮވާލަމުންނެވެ. މިކަން ބަޔާންކޮށް އަލްހާން އެމްޑީޕީ އަށް ފޮނުވި ސިޓީއެއްގެ ޖަވާބު ނުލިބިގެން އޭނާ މިދިޔަ ހަފްތާ ތެރޭގައި އެމްޑީޕީގެ އޮފީހަށް ދިޔުމުން، އެތަނުގައި ވަނީ ހަމަނުޖެހުންތަކެއް ހިނގައިފަ އެވެ. އަލްހާން ވިދާޅުވި ގޮތުގައި އެތަނަށް އައި އެކްޓިވިސްޓުންތަކެއް ވަނީ އޭނާގެ "ގަޔަށް ބޮލަށް އަރައިފަ" އެވެ.

"ރައީސް ނަޝީދަށް އަޅުގަނޑު ދަންނަވަން އޮތީ މަނިކުފާނުގެ ގާތް ބޭފުޅުން އަޅުގަނޑުމެންގެ ގަޔަށް ބޮލަށް އަރައި އަވަގުރާނަ ގޮވާ ހިސާބަށް އައުމަކީ މަނިކުފާނު ޒިންމާ ނަގަންޖެހޭ ކަމެއް،"

އަލްހާން ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދައުލަތުގެ މާލިއްޔާ އިން ވައްކަން ކުރެއްވުމުން އެކަމާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޒިންމާ ވާން ޖެހޭ ނަމަ، ރައީސް ނަޝީދުގެ ގާތް ބޭފުޅުން ކުރައްވާ ކަންކަމަށް ރައީސް ނަޝީދު ވެސް ޒިންމާ ވާން ޖެހޭ ކަމަށެވެ.

"ރައީސް ނަޝީދުގެ ގޭގައި އުޅޭ ހައެއްކަ މީހަކު މަގުމައްޗަށް ނުކުމެ ހަޅޭތް ލެވިޔަސް އަޅުގަނޑުގެ މަސައްކަތެއް ނުހުއްޓާނަން،" އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ ރައީސް ނަޝީދުގެ ނުފޫޒު އެމްޑީޕީގައި މާ ގަދަވުމަކީ އެމްޑީޕީގެ މުސްތަގުބަލަށް އޮތް ހުރަހެއް ކަމަށެވެ. އަދި ރައީސް ނަޝީދު ނުވަތަ އެހެން މީހެއްގެ ނަމުގައި ވިޔަސް ކަލްޓެއް އުފެދި، އެކަން ދިރުވުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫން ކަމަށް އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ ރައީސް ނަޝީދާއި ކުރީގެ ރައީށް މައުމޫނަށް ވެސް މިވަގުތު އޮތީ ރާއްޖޭގެ ސިޔާސީ ކަންކަމުގެ ފަހަތަށް ޖެހުން ކަމަށެވެ.

"ރައީސް ނަޝީދަކަށް ނެތޭ ރާއްޖޭގައި ސިޔާސީ ކަންކަމުގައި ފަހަތަށް ޖެހުން ނޫން އެއްވެސް ގޮތެއް. ރައީސް މައުމޫނަށް ވެސް އޮތީ އެ ގޮތް. އަޅުގަނޑުމެންގެ މި ޖީލަށް ފުރުސަތު ދެއްވާށޭ. ނިޒާމު ހައިޖެކް ކޮށްގެން ފިޔަވަޅު އަޅަން މަސައްކަތް ނުކުރައްވާށޭ،" އަލްހާން ވިދާޅުވި އެވެ.

comment ކޮމެންޓް