ފަސް މީހުންނަށް އަނިޔާވި މާރާމާރީގެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ މަގެއް-- ސަން ފައިލް ފޮޓޯ

މިމަހުގެ 23 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން އެމައްސަލައިގައި ތުހުމަތު ކުރެވޭ ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައެވެ. އަދި ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދެ ފިރިހެނުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ދެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވާއިރު މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މީގެ ތިން ދުވަސް ކުރިން ހިންގި މި މާރާމާރީގައި އަނިޔާވި އެއްވެސް މީހަކަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައި ނުވި ނަމަވެސް އަނިޔާވި ފަސް މީހުންނަށްވެސް ހަމަލާދީފައިވަނީ ވަޅިން ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވެއެވެ.

އަނިޔާވި ފަސް މީހުންގެ ތެރެއިން އެކަކަށް އިތުރު ފަރުވާދިނުމަށް މާލެ ގެނެސްފައި ވެއެވެ. އޭނާ މާލެ ގެނެސްފައިވަނީ، އޭނާގެ ކަނދުރާއަށް ވަޅިން ހަމަލާދީފައި ހުރީ ތަންކޮޅެއް ފުންކޮށް ކަމަށްވާތީ އިތުރު ފަރުވާ ބޭނުންވާތީ ކަމަށްވެސް އެހޮސްޕިޓަލުން ބުނެފައިވެއެވެ.

comment ކޮމެންޓް