ޝަރަފްގެ ބޮޑު އުންމީދު ހާސިލް ނުވެ، މިފަހަރު ހިތްދަތިކަމެއް!

އިތިއޯޕިއާގައި ޝަރަފް ފުރިހަމަކުރާ ތަމްރީންތަކުގެ ތެރެއިން: ޝަރަފް ވަނީ ބާލިން މެރަތަންގައި ދުވެ އަނެއްކާވެސް ކުޑަހުސެންގެ ރެކޯޑު މިގުރާލުމާ ގާތަށް ޖެހިލާފައި --- ފޮޓޯ: އަހްމަދު ޝަރަފް / ފޭސްބުކް

ދިގު ދުވުންތަކުގައި މިހާރު ރާއްޖޭގައި ނަން ހިނގާ އެތުލީޓު އަހްމަދު ޝަރަފްގެ ވެސް ވަރަށް ބޮޑު އުންމީދުތަކެއް އެބައޮތެވެ. އެއީ މެރަތަންގައި ދުވެ ގިނަ އަހަރުތަކެއް ވަންދެން ޑރ. ހުސައިން ހަލީމް (ކުޑަހުސެން)ގެ ރެކޯޑު މުގުރާލުމާ ގާތަށް ދިއުމަށެވެ.

މެރަތަންގެ ގައުމީ ރެކޯޑް ކުޑަހުސެން ހަދާފައިވަނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި 1989 ވަނަ އަހަރު ބޭއްވި ސާފް ގޭމްސްގައެވެ. އޭރު އޭނާ ދުވުން ނިންމާލި ކަމަށް ރެކޯޑުތައް ބުނަނީ ދެ ގަޑިއިރާއި 45 މިނެޓުންނެވެ.

މި އަހަރު ކުރިއަށްދިޔަ މޮރޮކޯގެ ނަޑޯ މެރެތަން ފުރިހަމަ ކުރުމަށް ފަހު ދުވުންތެރިޔާ ޝަރަފް: އޭނާ ވަނީ ބާލިން މެރަތަންގައި ދުވެ އަނެއްކާވެސް ކުޑަހުސެންގެ ރެކޯޑު މުގުރާލުމާ ގާތަށް ޖެހިލާފައި ---

ޝަރަފް އަކީ ދާދި ފަހުން ހާފް މެރަތަންގެ ގައުމީ ރެކޯޑު މުގުރާލި އެތުލީޓެވެ. ކުރިން އަހްމަދު ރިޒާ ދަމަހައްޓަމުންދިޔަ ހާފް މެރަތަން ރެކޯޑު ޝަރަފް މުގުރާލާފައިވަނީ ދާދި ފަހުން މޮރޮކޯގައި ބޭއްވި ނަޑޯ މެރަތަންގައި ދުވެ، އެއް ގަޑިއިރާއި 16.17 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ޝަރަފްގެ އެންމެ ބޮޑު އުންމީދަކަށްވީ ކުޑަހުސެން ދަމަހައްޓަމުންދިޔަ މެރަތަންގެ ރެކޯޑު މުގުރާލުމެވެ. މީގެ ކުރިން މެރަތަންގައި ދުވެ، އެ ރެކޯޑު މުގުރާލުމާ ގާތަށް ވެސް ޝަރަފް ޖެހިލި އެވެ. ނަމަވެސް އެ ފަހަރު އޭނާ އަށް އެ ރެކޯޑު މުގުރާނުލެވުނީ ކުޑަހުސެންގެ ރެކޯޑަށްވުރެ ދެ މިނެޓް ލަހުން ރޭސް ނިންމުމުންނެވެ.

މިއަހަރުން ފެށިގެން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ދިން ފުރުސަތެއްގައި އިތިއޯޕިއާގައި ތަމްރީންތައް ފުރިހަމަކުރަމުންދާ ޝަރަފް ވަނީ މެރަތަން ރެކޯޑު މުގުރާލުމަށް ޖަރުމަންގައި ކުރިއަށްދިޔަ ބާލިން މެރަތަންގައި ދުވެފައެވެ. ނަމަވެސް އޭނާ އަށް ދިމާވީ މުޅިން ހިތްދަތި ކަމަކާ އެވެ.

ޝަރަފް: އޭނާ ވަނީ ބާލިން މެރަތަންގައި ދުވެ އަނެއްކާވެސް ކުޑަހުސެންގެ ރެކޯޑު މުގުރާލުމާ ގާތަށް ޖެހިލާފައި --- ފޮޓޯ: ޝަރަފް

ބާލިން މެރަތަންގައި ގަޑި ބަލަނީ އިލެކްޓްރޯނިކް ސްލިޕް ކޮޅަކުންނެވެ. ޝަރަފް އަށް ސްލިޕް ކޮޅު ލިބިފައިނުވި ނަމަވެސް، ސްލިޕް ކޮޅު ލިބޭތޯ ވެސް ޝަރަފް މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެއީ ސަބަބުތަކެއް ނެތި އެއްވެސް ނޫނެވެ. ރަސްމީ ވަގުތު ބެލޭނީ ވެސް އެ ސްލިޕް ކޮޅުން ނުކުންނަ ނަތީޖާ އިން ކަމަށް ވާތީ އެވެ.

ބާލިން އަށް ދަތުރުކުރި ރާއްޖޭގެ ފުންނާބު އުސް އެތުލެޓިކްސް ކޯޗު ނަސީރު އިސްމާއިލް 'ސަން' އަށް މައުލޫމާތު ދެމުން ބުނީ، ޝަރަފް ރޭސް ފަށައިގެން ވަރަށް ރަނގަޅަށް ދުވަމުންދިޔަ ނަމަވެސް، ރޭސް ނިންމުމަށް ދިޔަ ތަނުން އޭނާގެ ދުވުން ކުޑަކޮށް ދަށްވިތަން ފެނުނު ކަމަށެވެ.

"ވެދާނެ އެއީ ސްލިޕް ކޮޅު ނެތުމުން އޭނާ އެކަމަށް މާބޮޑަށް ވިސްނީ ކަމަށް. އެއީ އަސްލު ނަތީޖާ ބެލެވޭނީ އެ ސްލިޕް ކޮޅުން ކަމަށްވާތީ. މިހާރު ރަސްމީކޮށް އޭނާ ބާލިން މެރަތަން ނިންމި ވަގުތެއް އެނގޭކަށް ނެތް،" ކޯޗު ނަސީރު ބުންޏެވެ.

ބާލިން މެރަތަންގައި ދުވި ރާއްޖޭގެ ބައެއް އެތުލީޓުން: ރާއްޖޭގެ ހުރިހާ އެތުލީޓުންވެސް ރޭސް ފުރިހަމަކޮށް ކުރިއެރުންތަކެއް ހޯދާފައިވޭ --- ފޮޓޯ: ނަސީރު އިސްމާއިލް / ފޭސްބުކް

ސްލިޕް ކޮޅު ނެތް ނަމަވެސް ޝަރަފް ދުވަން ފެށީ އޭނާގެ އަތުގައި އޮތް ސްޓޮޕްވޮޗް ޖެއްސުމަށްފަހު އެވެ. އެ ނަތީޖާއަށް ބަލާނަމަ، އޭނާ ރޭސް ނިންމާފައިވަނީ ދެ ގަޑިއިރާއި 48 މިނެޓުންނެވެ. އެއީ އަނެއްކާވެސް ކުޑަހުސެންގެ ރެކޯޑާ ގާތް ވަގުތެކެވެ. ނަމަވެސް ސްޓޮޕްވޮޗްގެ ނަތީޖާއަކީ ރަސްމީ ނަތީޖާއަކަށް ނުވާނެ އެވެ.

ބާލިން މެރަތަންގައި ދުވުމަށް ބޭނުންކުރާ ސްލިޕް ކޮޅު ލިބުނު ނަމަ، ޝަރަފް އަށް އިތުރު ހިތްވަރެއް ލިބުނީހެވެ. އަދި އޭރުން ދުވުމަށްފަހު ރާއްޖޭގެ މެރަތަންގެ ރެކޯޑު އޮންނަ އެތުލީޓަކަށް ޝަރަފްވުން ގާތެވެ. ބާލިން މެރަތަންގައި ދުވި ރާއްޖޭގެ ބައިވެރިންގެ ތެރެއިން އެންމެ އަވަހަށް ރޭސް ނިންމި ރާއްޖޭގެ ދުވުންތެރިޔަކީ ވެސް ޝަރަފް އެވެ. ނަމަވެސް ސްލިޕް ކޮޅު ނެތުމުން އެއީ ވެސް ރަސްމީކޮށް ބެލެވޭނެ ނަތީޖާއަކަށް ނުވާނެ އެވެ.

ރަސްމީ ނަތީޖާތަކުން ދައްކާގޮތުގައި އެންމެ އަވަހަށް ބާލިން މެރަތަން ނިންމި ރާއްޖޭގެ ދުވުންތެރިޔަކީ މުހައްމަދު އަޒީމް އެވެ. އޭނާ މެރަތަން ނިންމާފައިވަނީ ތިން ގަޑިއިރާއި 14.10 މިނެޓުންނެވެ. އޭނާގެ ފަހަތުން ނަސްރުﷲ އަހްމަދު މެރަތަން ނިންމި އިރު، ތިން ވަނަ އަށް ނިންމި ރާއްޖޭގެ ދުވުންތެރިޔަކީ އަހްމަދު ޖަވާދު އެވެ.

ބާލިން މެރަތަންގައި ދުވި ރާއްޖޭގެ ބައެއް އެތުލީޓުން: ރާއްޖޭގެ ހުރިހާ އެތުލީޓުންވެސް ރޭސް ފުރިހަމަކޮށް ކުރިއެރުންތަކެއް ހޯދާފައިވޭ --- ފޮޓޯ: ނަސީރު އިސްމާއިލް / ފޭސްބުކް

ހަތަރު ވަނަ އަށް މުހައްމަދު ވަހީދު (ސޮނީ ވަހީދު) މެރަތަން ނިންމާލި އިރު، ފަސް ވަނަ އަށް މެރަތަން ނިންމި ރާއްޖޭގެ އެތުލީޓަކީ އަބްދުﷲ ޚަލީލް އެވެ. ހަ ވަނަ އަށް މުހައްމަދު އަސީލް ޖަލީލް މެރަތަން ނިންމި އިރު، ހަތް ވަނަ އަށް މެރަތަން ނިންމި ރާއްޖޭގެ އެތުލީޓަކީ އައްބާސް ޝަރީފެވެ. އަދި އަށް ވަނަ އަށް ރޭސް ނިންމި ރާއްޖޭގެ އެތުލީޓަކީ ރިފާތު އަލީ ޖަލީލް އެވެ.

އިއްޔެ ކުރިއަށްދިޔަ ބާލިން މެރަތަންގައި ދުވި ރާއްޖޭގެ ހުރިހާ ދުވުންތެރިން ވެސް ދުވުން ފުރިހަމަކުރި އިރު، އޭގެ ތެރެއިން ގިނަ ދުވުންތެރިން ވަނީ އެ ދުވުންތެރިން ދަމަހައްޓަމުންދާ އަމިއްލަ ރެކޯޑުތައް ވެސް އާކޮށްފައެވެ.

comment ކޮމެންޓް