މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނެއް އިއުލާން ކޮށްފި

ގެސްޓްހައުސް މޯލްޑިވްސް ކޮންފެރެންސްގެ ތެރެއިން -- ސަން ފައިލް ފޮޓޯ

މަޓާޓޯއިން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ، ގެސްޓްހައުސްތަކަށް ޚާއްސަ އެޑިޝަނެއް އިއުލާން ކޮށްފި އެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން އިއުލާނު ކުރެއްވީ، އާދީއްތަ ދުވަހު އޮތް ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސްގައި، މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާޒް އެވެ.

ގިޔާޒް ވިދާޅުވީ ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނަކީ ސީދާ ގެސްޓްހައުސް އިންޑަސްޓްރީއަށް ޚާއްސަކޮށްގެން ކުރިޔަށް ދާނެ އެވޯޑު ހަފްލާއެއް ކަމަށާއި، އެ އެވޯޑުތަކަކީ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއާ ވަކިން ދެވޭނެ އެވޯޑެއް ކަމަށެވެ.

ގިޔާޒް ވިދާޅުވީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން އަންނަ އަހަރު ބާއްވާނެ ކަމަށާއި އެ އެވޯޑްސް ބާއްވާނީ، ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސްގެ އޯގަނައިޒަރުން ކަމުގައިވާ މޯލްޑިވްސް ގެޓްއަވޭސްއާ ގުޅިގެން ކަމަށެވެ.

"މާކެޓިންއާއި ޓްރޭނިން ދިނުމަކުން ނިމުނީއެއް ނޫން. ރިކޮގްނިޝަން ދިނުމާއި އަގު ވަޒަންކުރުން ވެސް އޮންނަން ޖެހޭނެ،" ގިޔާޒް ވިދާޅުވި އެވެ.

މަޓާޓޯއިން މައުލޫމާތު ދޭ ގޮތުގައި، މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނުގެ އެވޯޑު ދޭނެ ދާއިރާތައް ކަނޑައެޅުމަށް ފަހު، ފަހުން އިއުލާނު ކުރެވޭނެ އެވެ.

މަޓާޓޯއިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި މިހާރު ވެސް ދަނީ ގެސްޓްހައުސްތަކަށް ޚާއްސަކޮށް ބައެއް އެވޯޑު ދެމުންނެވެ. އެގޮތުން ލީޑިން ގެސްޓްހައުސް ކެޓެގަރީއަށް މި އަހަރު 19 ފަރާތެއް ނޮމިނޭޓުވި އިރު، ލީޑިން ގެސްޓްހައުސް އައިލެންޑް ކެޓަގަރީއަށް ހަތަރު ރަށެއް ނޮމިނޭޓުވި ކަމަށް މަޓާޓޯއިން ބުނެ އެވެ.

comment ކޮމެންޓް