ބަނގުރާ އާންމުވުން ހުއްޓުމަށް ސަފާރީތައް މޮނީޓާކޮށްދިނުމަށް އެދިއްޖެ

ސަފާރީތަކުން ހުޅުމާލެއަށް ބަނގުރާފަދަ ތަކެތި އެތެރެވުން ހުއްޓުވުމަށް ސަފާރީތައް ގަވައިދުން މޮނީޓާ ކުރުމަށް ސަފާރީ ހިންގާ ފަރާތްތަކުގެ ޖަމިއްޔާ ލިވްއަބޯޑް އެސޯސިއޭޝަން އިން އެދެފި އެވެ.

ހުޅުމާލެއަށް ސަފާރީތަކުން ގިނަ އަދަދަކަށް ބަނގުރާބޭލުމާ ގުޅޭ ގޮތުން ސަންއިން ގެނައި ރިޕޯޓަކާ ގުޅިގެން ލިވްއަބޯޑްގެ ޖެނެރަލް ސެކެޓަރީ މުހައްމަދު އިގްނާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ އެފަދަ ކަންކަން ދިމާވަނީ ހަރުދަނާ އުސޫލްތަކެއް އޮތްނަމަވެސް ކަމާބެހޭ ފަރާތްތަކުން އެކަންކަން ބަލައި ފިޔަވަޅު ނާޅާތީ ކަމަށެވެ.

ހުޅުމާލޭ ފަޅުތެރޭގައި ގިނަ އަދަދެއްގެ ސަފާރީތައް އަޅާފައި އޮންނަ އިރު ޑިންގީތަކުގައި ބޭނުންއިރަކު ގޮސް އެއަށް އެރެ އެވެ. އަދި އެސަފާރީތަކަށް އަރާފޭބުމާއި އެއްވެސް ބަލާފާސްކުރުމެއް ނޯވެ އެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ އެއްޗެއް ވެސް ގެނެވިދާނެ އެވެ.

އިގްނާޒު ވިދާޅުވީ އެއީ ރަނގަޅު އުސޫލެއް ނޫން ކަމަށާއި ހުޅުމާލެއަށް ސަފާރީތަކުން މީހުން އަރާފޭބުމުގައި ބަލާ ފާސްކުރުމަށް ޗެކްޕޮއިންޓްތަކެއް ބަހައްޓަން ޖެހޭ ކަމަށެވެ. އެކި ފަހަރު މަތިން އެކަންކަމަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މިވާގޮތަކީ ހަމަ ދަބަހަށް ބޭނުން އެއްޗެއް އަޅައިގެން އައިސް ފައިބައިގެންދާންވީ، އެއީ އުސޫލެއްނޫން، އެކަން ހުއްޓުވުމަށް ހުޅުމާލޭގައި ތިން ވަރަކަށް ޖެޓީ ހުންނައިރު އެޖެޓީތަކުގައި ޗެކް ޕޯސްޓްތަކެއް ހުންނަންއެބަޖެހޭ، އޭރުން މިކަމަށް ހައްލެއް ލިބޭނެ،" އިގްނާޒު ވިދާޅުވި އެވެ.

ސަފާރީތަކުން ނުގަވައިދު ކަންކަން ކުރޭތޯ ބަލަން ދޭތެރެދޭތެރެއިން ފުލުހުން ސަފާރީތަކަށް އަރައިބެލުމަށް އެދޭ ކަމަށާއި އޭރުން ސަފާރީތައް ގަވައިދަށް ފެތޭނެ ކަމަށް ވެސް އިގްނާޒް ވިދާޅުވި އެވެ.

ރާފަދަ ތަކެތި ސަފާރީތަކަށް ދޫކުރާއިރު އެސަފާރީއެއްގައި ތިބީ ކިހާ އަދަދެއްގެ ޓޫރިސްޓުންނެއްތޯ އަދި ކިހާ ދަތުރެއްކުރޭތޯ ބަލައި އެކަމަށް ވާވަރަށް ރާ ދޫކުރަން ޖެހޭ ކަމަށާއި ކޮންމެ ސަފާރީއަކަށް ދޫކުރާ އުސޫލުން ދޫކުރާ ނަމަ ބަނގުރާ އިތުރުވާނެ ކަމަށް ވެސް އިގްނާޒު ވިދާޅުވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ހުޅުމާލޭ ފަޅު ބެލެހެއްޓުމަށް ހަރުދަނާ ގަވައިދެއް ހަދަމުން އަންނަ ކަމަށެވެ. ކުރިއަށް އޮތްތަނުގައި އެ ފަޅަށް ވަދެވޭނީ ހުއްދަ ދެވޭ ފަރާތަކަށް ފީއެއް ދައްކައިގެން ކަމަށާއި އުސޫލާއި ހިލާފުވާނަމަ ހުއްދަ ބާތިލުކުރެވޭނެ ކަމަށް ސައިމަން ވިދާޅުވި އެވެ.

އެ ގަވައިދާއެކު ސަފާރީތަކުން މިހާރު ނުގަވައިދަށް ކުރާ ކަންކަން ހުއްޓުވޭނެ ކަމަށް ސައިމަން ގަބޫލު ކުރައްވާއިރު ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ގަވައިދު ނެރުމަށް ވަނީ ނިންމާފަ އެވެ.

ސަފާރީތަކުން އަރފޭބުމަށް ވަކި ހާއްސަ ޖެޓީއެއް ހެދުމާއި ގުޅޭ ގޮތުން ސައިމަން ވިދާޅުވީ ހުޅުމާލޭގައި ސަފާރީތަކަށް ވަކި ހާއްސަ ޖެޓީއެއް ހެދި ނަމަވެސް ޑިންގީގައި އެގި ދިމަދިމާލަށް ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެވަރަށް އަދި ހުޅުމާލެ ތައްޔާރު ނުކުރެވޭ ކަމަށެވެ.

comment ކޮމެންޓް