އިންޒާރު ދިނުމުން ޕާކިސްތާނުގެ އެކްޓަރުން މުމްބާއީ ދޫކޮށް ގޮސްފި: އެމްއެންއެސް

ބޮލީވުޑުގައި ފިޔަ ޖަހަމުން އަންނަ ޕާކިސްތާނު ފަންނާނުންގެ ތެރޭގައި އަލީ ޒަފަރު (ކ)، މާހިރާ ޚާން އަދި ފަވާދު ޚާން ހިމެނޭ --

މުމްބާއީ (ސެޕްޓެމްބަރު 26): ސާޅީސްއަށް ގަޑި އިރު ތެރޭ އިންޑިއާ ދޫކޮށް ނުގޮސްފި ނަމަ ބޮލީވުޑުގައި މަސައްކަތް ކުރާ ޕާކިސްތާނު ފަންނާނުން އިންޑިއާ އިން ބޭރުކޮށްލާނެ ކަމުގެ އިންޒާރު މަހާރާޝްތުރަ ޕާޓީން ދިނުމާ ގުޅިގެން ޕާކިސްތާނުގެ ހުރިހާ އެކްޓަރުން މަހާރާޝްތުރާގެ ވެރިރަށް މުމްބާއީ ދޫކޮށް ގޮސްފި ކަމަށް އެޕާޓީން ބުނެފި އެވެ.

މަހާރާޝްތުރަ ނަވްނިރްމަން ސޭނާ (އެމްއެންއެސް)ގެ ލީޑަރު އަމޭ ކޮޕްކަރު އާއި ކަރަމްޗަރީ ސީނާ އާއި އެމްއެންއެސްގެ 'ސިނެމާ ވޯކާސް ޔުނިޓު'ން ވަނީ އިންޑިއާގައި މަސައްކަތް ކުރާ ޕާކިސްތާނުގެ ހުރިހާ އެކްޓަރުން މުމްބާއީ ދޫކޮށް ގޮސްފައިވާ ކަން ކަށަވަރުކޮށްދެއްވާފަ އެވެ.

"ސާޅީސްއަށް ގަޑި އިރު ނިމުނު އިރު ޕާކިސްތާނުގެ އެކްޓަރެއް މުމްބާއީގައި ނެތް ކަން އަޅުގަނޑު ކަށަވަރު ކޮށްދެން. ނަމަވެސް މުމްބާއީގައި ފިލައިގެން އެއްވެސް އެކްޓަރެއް ވާނަމަ އެމީހަކު ހޯދައި މުމްބާއީން ބޭރު ކުރާނަން،" އެމްއެންއެސްގެ ލީޑަރު ވިދާޅުވި އެވެ.

ބޮލީވުޑުގައި މަސައްކަތް ކުރާ ޕާކިސްތާނު އެކްޓަރުންނަށް އެމްއެންއެސްއިން އިންޒާރު ދިނީ ކަޝްމީރުގައި އިންޑިއާ އިން ވެރިކަންކުރާ ފަޅީގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް މިމަހުގެ 18 ވަނަ ދުވަހު ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި 19 ސިފައިން މަރާލުމާ ގުޅިގެންނެވެ.

އިންޑިއާއިން ވަނީ އެހަމަލާ ދިން ހަތިޔާރަކީ ޕާކިސްތާނަށް ނިސްބަތްވާ ހަތިޔާރު ކަަމަށާއި އެހެންކަމުން ހަމަލާގެ ޒިންމާ ޕާކިސްތާނުން ނަގަންވާނެ ކަމަށް ބުނެފަ އެވެ.

އެމްއެންއެސްގެ އެ އިންޒާރާ ގުޅިގެން އެކަމާ ދެކޮޅަށް ވާހަކަ ދެއްކި ފަންނާނުންގެ ތެރޭގައި ކާމިޔާބު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ހިމެނެ އެވެ.

"ޕާކިސްތާނު އެކްޓަރުން އިންޑިއާ އިން ބޭރު ކުރުމަކީ ހައްލެއް ނޫން. ޓެރަރިޒަމްގެ މައްސަލަ ހައްލު ކުރެވޭނީ ހުރިހާ އެންމެން އެކަތިގަނޑަކަށްވެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރުމުން،" ކަރަން ބުނެފައިވެ އެވެ.

ކަރަންގެ ކުރިއަށް އޮތް ފިލްމު "އޭ ދިލް ހޭ މުޝްކިލް" ގައި ޕާކިސްތާނު އެކްޓަރު ފަވާދު ޚާން ފެނިގެންދާތީ އޭނާ އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ފަވާދު ޚާންގެ އިތުރުން ބޮލީވުޑުގައި ފިޔަ ޖަހަމުން އަންނަ ޕާކިސްތާނު ފަންނާނުންގެ ތެރޭގައި އަލީ ޒަފަރު، މާހިރާ ޚާން، ރާހަތު ފަތޭ އަލީ ޚާން، އިމްރާން އައްބާސް އަދި މަވްރާ ހޮކޭން ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް