ތެލުގެ އަގު ވެއްޓުން - އެކްސްޕޯޓް އަށް ބަރޯސާވާ ގައުމުތަކަށް ގެއްލުމެއް

ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު ދަށަށް ދިއުމަކީ ތެޔޮ އުފައްދައި، އޭގެ ވިޔަފާރި ކުރާ ގައުމުތަކަށް ގެއްލުން ވާ ކަމެއް -- ފޮޓޯ: ރޮއިޓާސް

ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު ވެއްޓުން ވެގެން ދިޔައީ ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ވަރަށް ބޮޑު ލުއި ކަމެއް ގެނެސްދިން ކަމަކަށެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ތެލުގެ އަގު މާ ބޮޑަށް ވެއްޓުމާ އެކު ތެލުން އާމްދަނީ ހޯދާ ބައެއް ބޮޑެތި ގައުމުތަކަށް މިކަމާ ގުޅިގެން މިހާރު މިވަނީ ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ތެލުގެ އަގު ވެއްޓެން ފެށީ މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން ކަމަށް ތަޖުރިބާކާރުން ހާމަ ކުރެއެވެ. މިއަަހަރުގެ ޖެނުއަރީ މަހު ތެޔޮ ފީފާއެއްގެ އަގު 30 ޑޮލަރަށްވެސް ދަށްވެފައިވެއެވެ. އެއީ މިދިޔަ 13 އަހަރު ތެރޭގައި ތެލުގެ އަގު އެންމެ ދަށްވި ފަހަރެވެ. މިއަހަރު މިހާތަނަށްވެސް ތެލުގެ އަގުތައް އެވްރެޖްކޮށް ދަށްވެފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ދުނިޔޭގެ ތެލުގެ މާކެޓުގައި ތެޔޮ ފީފާ އެއްގެ އަގު ހުރީ 44.48 ޑޮލަރުގައި އެވެ.

ބައެއް ގައުމުތަކަށް މި ބަދަލާ ގުޅިގެން ގެއްލުން ވަމުން ދިޔަ ކަމަށްވީ ނަމަވެސް އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަން އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) ގެ އެންމެ މައި އަދި އެންމެ ބިޔަ ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާއަށް ދަނީ ބޮޑު ފައިދާއެއް ކުރަމުންނެވެ. ތެލުގެ ވިޔަފާރީގައި ސައުދީ އަރަބިއްޔާއަށް މި އަހަރުގެ ޖެނުއަރީ މަހުގައި ދުވާލެއްގެ މައްޗަށް 10.2 މިލިއަން ފީފާގެ ތެޔޮ ވިއްކާފައިވެއެވެ. މިއަދަދު އޯގަސްޓު މަހުގެ ނިޔަލަށް ވަނީ އިތުރުވެފައެވެ. މިދިޔަ އޯގަސްމަހު އެކަނިވެސް ދުވާލެއްގެ މައްޗަށް 10.69 މިލިައން ފީފާގެ ތެޔޮ ސައުދީ އަރަބިއްޔާއިން ވިއްކާފައިވެއެވެ.

ދުނިޔޭގެ ތެލުގެ ބާޒާރާ ގުޅޭ ގޮތުން ނުރަސްމީ ބައްދަލުވުމެއް ބާއްވަން އޯޕެކް އިން ތައްޔާރުވެފައިވާއިރު އެ ޖަމިއްޔާގެ އެންމެ ބޮޑު އެއް ގައުމު ކަމަށްވާ އަލްޖީރިއާއިން މިވަނީ ތެލުގެ އަގު ދަށަށް ދިއުމާ ގުޅިގެން ކަންބޮޑުވުން ފާހަގަކޮށްފައެވެ. އެގައުމުން ބުނެފައިވަނީ ތެލުގެ އަގުތައް ވެއްޓިފައިވަނީ ކުއްލިއަކަށް ކަމަށާއި އޯޕެކްގެ މެމްބަރު ގައުމުތަކުން ބާއްވާ ނުރަސްމީ ބައްދަލުވުމުގައި ތެލުގެ އަގު ނުވައްޓައި އެއް ވަރެއްގައި ހިފެހެއްޓޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އަލްޖީރިއާގެ އެނަރޖީ މިނިސްޓަރު ނޫރުއްދީން ބުތާފާ ވިދާޅުވެފައިވާ ގޮތުގައި އެ ބައްދަލުވުމުން ނިންމާލުމަށްފަހު "ހުސް އަތާ" އެނބުރި ނާންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ބައްދަލުވުމުގައި ތެލުގެ އަގާ ގުޅޭ ރަނގަޅު އެއްބަސްވުމަކަށް އަންނާނެ ކަމަށެވެ.

"އޯޕެކްގެ ހުރިހާ ގައުމަކުންވެސް ބޭނުންވޭ ތެލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް. އެކަމަށްޓަކައި ހުރިހާ ގައުމުތަކަށްވެސް އެކަށޭނަ އަދި ގެއްލުން ނުވާނެ ގޮތެއް އެބަ ޖެހޭ ހޯދަން. އެގޮތަކީ ތެޔޮ އުފެއްދުން މަދު ކުރުން،" ނޫރުއްދީން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ތެލުގެ ވިޔަފާރި ކުރާ އެއްވެސް ކުންފުންޏަކަށް، ތެޔޮ ފީފާއެއްގެ އަގު 50 ޑޮލަރަށްވުރެ ދަށުގައި ހުރެގެން ފައިދާއެއް ނުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ތެލުގެ އަގުތައް މިހާ ދަށްވެފައިވުމުން އޯޕެކްގެ މެމްބަރު ގައުމުތަކަށް ދުވާލެއްގެ މައްޗަށް 300 މިލިއަން ޑޮލަރާއި 500 މިލިއަން ޑޮލަރާ ދެމެދުގެ ގެއްލުން ލިބެމުންދެއެވެ.

comment ކޮމެންޓް