ސްނެޕް ކުރެވޭ އައިނެއް ސްނެޕްޗެޓުން ބާޒާރަށް ނެރެނީ

ސްނެޕްޗެޓުން ތައާރަފުކުރާ އައިނު --

މިއީ ދުނިޔޭގައި މިވަގުތު އެންމެ މަގުބޫލު ސޯޝަލް ނެޓްވޯކު ކަމުގައިވާ ސްނެޕްޗެޓު ބޭނުން ކުރާ ފަރާތްތަކަށް އޮތް ޚާއްސަ އަދި އުފާވެރި ޚަބަރެކެވެ. ސްނެޕްޗެޓުން މި ވަނީ އެ ކުންފުނީގެ އެންމެ ފުރަތަމަ ޓެކްނޮލޮޖީ ގެޖެޓު އިއުލާން ކޮށްފަ އެވެ.

ސްނެޕްޗެޓުން އިއުލާން ކޮށްފައި ވަނީ "ސްޕެކްޓެކްލްސް" ކިޔާ އައިނެކެވެ. އައިނުގެ ދެ ފަރާތުގައި ވެސް ކުރިމަތިން ދުނިގަނޑުގައި، ދެ ކެމެރާ ހަރުކޮށްފައި ވެ އެވެ. މި ކެމެރާތައް ބޭނުންކޮށްގެން 30 ސިކުންތުގެ ކުދިކުދި ވީޑިއޯ ރިކޯޑު ކުރެވޭނެ އެވެ.

މި އައިނުގެ މޭސްތިރިއަކީ ސްނެޕްޗެޓް ހިންގާ ކުންފުނި، ސްނެޕްގެ ސީއީއޯ، އެވަން ސްޕީގަލް އެވެ.

މި އަހަރުގެ ފަހުކޮޅު މި އައިނު ބާޒާރަށް ނެރެން ސްނެޕްޗެޓުން ރާވާ އިރު، އޭގެ އަގަކީ 130 އެމެރިކާ ޑޮލަރެވެ.

ސްނެޕުން ބުނާ ގޮތުގައި މި އައިނުން ވީޑިއޯ ރިކޯޑު ކުރާނީ ވަށް ބުރެއްހެން، ނުވަތަ ސާކިއުލާ ފޯމެޓަކަށެވެ. އަދި ވީޑިއޯ ކޮންމެ އޮރިއެންޓޭޝަަނަކުން ވެސް ބެލޭނެ ކަމަށް ސްނެޕުން ބުނެ އެވެ.

މީގެ އިތުރުން މި އައިނުގައިވާ ބެޓެރީއަކީ އެއް ދުވަހު ބޭނުންކުރާ ވަރަށް ޗާޖު ހިފަހައްޓާނެ ގާބިލިއްޔަތު ހުންނަ އެއްޗެއް ކަމަށް ސްނެޕުން ބުނެ އެވެ. އަދި އައިނުން ވީޑިއޯ ރިކޯޑު ކުރާކަން، އައިނުގެ ކުރިމަތީގައި ހުންނަ ލައިޓަކުން އަންގައިދޭނެ ކަމަށް ސްނެޕުން ބުނެ އެވެ.

comment ކޮމެންޓް