ފްރީ ޓްރޭޑް އެގްރީމަންޓުގެ ފަހު މަޝްވަރާއަށް މިނިސްޓަރު ސައީދު ހޮންކޮންގަށް

މިނިވަން ވިޔަފާރީގެ ވާހަކަތަރަކަށް ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު ސައީދު ވީއައިޕީ ލައުންޖުގައި: ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމް ކުރެވޭ ފްރީ ޓްރޭޑް އެގްރީމަންޓްގެ އެންމެ ފަހު މަޝްވަރާއަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހޮންކޮންގަށް މިރޭ ފުރާވަޑައިގެންފި އެވެ.

ޗައިނާއާއެކު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ފެށިތާ މިހާރު ވަނީ އެއް އަހަރުވެފައެވެ.

ހޮންކޮންގަށް ފުރާވަޑައިގަތުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައިގެން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ޗައިނާއާ ރާއްޖެއާ ދެމެދު ގާއިމްކުރެވޭ ފްރީ ޓްރޭޑް އެގްރީމަންޓުގެ ފަހު މަޝްވަރާތައް މިފަހަރު ކުރިއަށް ދާނީ ހޮންކޮންގުގައި ކަމަށެވެ.

"މި ރައުންޑު ނިމުނީމަ ޗައިނާއާ ރާއްޖެއާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ނިމުމެއް އައީ. ދެން އެއަށްފަހު ޕްރޮސީޖާ މިއޮންނަ ގޮތަކީ ދެ ސަރުކާރުން ބައްލަވަންޖެހޭ ކަންތައްތަކަށް ވަގުތު މި ދެނީ. އެއަށްފަހު އަޅުގަނޑުމެންގެ އުއްމީދަކީ އަންނަ އަހަރުގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ރަސްމީކޮށް ވަނުން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެންމެ ފަހު މަޝްވަރާތަކުގައި އޮންނާނީ މިހާތަނަށް ދެ ސަރުކާރުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ގޮތެއް ނިންމުން ކަމަށެވެ.

"ހުށަހެޅުންތަކެއް ހުށަހަޅާފައި މިވަނީ. ދެން އެއަށް ދެ ސަރުކާރުންވެސް މިވަނީ ބައްލަވާފައި. ދެން އަޅުގަނޑު ކުރިން ފާހަގަކުރިހެން ޗައިނާއާއެކު މުޅި އެމްޕަޔާ ޓެރިފް ޝެޑިއުލްގެ މަހާ ފަރުމަސްވެރިކަމާއި ކަނޑުމަހާއި ކަޅުބިލަ މަހާއި މިހެން ގޮސް ސީފުޑްގެ މުޅި ޝެޑިއުލްއަށް އެއްކޮށް ރާއްޖެއިން ރިކުއެސްޓުކުރީ ސުން ޕަސެންޓުގައި ބާޒާރަށް ވިއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް. މިހާ ހިސާބަށް ވެސް ވަރަށް އީޖާބީ ގޮތެއްގައި ޗައިނާއިން ވަނީ ކަންތައްތަކެއް ކޮށްދެއްވާފައި. އެހެންވީމަ މިހުރިހާ ކަމަކަށް މި މަޝްވަރާގައި ވާހަކަ ދެކިވެގެން ފައިނަލް ކުރުން އޮންނާނީ." ސައީދު ވިދާޅުވި އެވެ.

އެ މަޝްވަރާތަކަށްފަހު މިނިސްޓަރު ސައީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 30ވަނަ ދުވަހު އެވެ. އިކޮނޮމިކް މިިނިސްޓަރު ސައީދުގެ އިތުރުން ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަނަރު ޖެނެރަލްސް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފު މުހައްމަދެވެ.

comment ކޮމެންޓް