ސެންޓޭގެ ދެ ލަނޑުން ނިއު ބަލިކޮށް، ޓީސީ ދެވަނައަށް ޖެހިލައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއުއާ ދެކޮޅަށް ޓީސީ ކުޅުނު މެޗެއްގައި ސެންޓޭ ކާމިޔާބުކުރި ލަނޑަކަށްފަހު އުފާފާޅުކުރަނީ: މިރޭ ކުޅުނު ތިން ވަނަ ބުރުގެ މެޗުގައި ނިއުގެ މައްޗަށް ޓީސީން ކުރި ހޯދީ ސެންޓޭގެ ދެ ލަނޑުން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އަލީ ފާސިރު (ސެންޓޭ)ގެ ދެ ލަނޑުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބު އުރީދޫ ދިވެހި ޕްރިމިއާ ލީގު ތާވަލުގެ ދެ ވަނައަށް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ލީގުގެ ތިން ވަނަ ބުރުގެ މެޗުގައި ނިއު އަތުން ޓީސީ މޮޅުވެފައިވަނީ 2-0 ލަނޑުންނެވެ.

އެ ނަތީޖާއާ އެކު ކުޅުނު 18 މެޗުން ލިބުނު 33 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައަށް ޓީސީ ޖެހިލި އިރު، މިއަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން ބަލިވި ކްލަބު އީގަލްސް ވަނީ ތާވަލުގެ ތިން ވަނައަށް ވެއްޓިފައެވެ. ކުޅުނު 18 މެޗުން އީގަލްސް އަށް ލިބިފައިވަނީ 32 ޕޮއިންޓެވެ. ލީގުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ލިބޭނެ އެވެ. ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް 18 މެޗުން 43 ޕޮއިންޓް ލިބިފައިވާ އިރު، މިރޭގެ މެޗުން ބަލިވި ނިއު އޮތީ ކުޅުނު 18 މެޗުން ލިބުނު 19 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ނިއުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ޓީސީގެ ގޯލަށް ބޮޑު ނުރައްކަލެއް ކުރިމަތި ކުރެވިފައެއް ނުވެ އެވެ. ޓީސީން މެޗުގެ ލީޑު ހޯދާފައިވަނީ މެޗުގެ 43 ވަނަ މިނެޓުގައެވެ. އެ ލަނޑު ޓީސީ އަށް ކާމިޔާބުކޮށްދިނީ މިދިޔަ އަހަރު ނިއު އިން ފެނުނު ސެންޓޭ އެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ ސެންޓޭ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޓީސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޓީސީ އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެ އެވެ. ޓީސީން މެޗުގެ ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. އެ ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ސެންޓޭ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްވި ބޯޅައެއް އެ ޓީމުގެ ޑިފެންޑަރުންނަށް ދިފާއު ނުކުރެވުމުން ލިބުނު ބޯޅައިންނެވެ.

މެޗު ނިމެނިކޮށް ވެސް ސެންޓޭ އަށް ލަނޑެއް ޖަހައި، ހެޓްރިކް ފުރިހަމަ ކުރުމުގެ ފުރުސަތެއް ލިބިގެންދިޔައެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ވަރަށް ހުސްކޮށް ހުރެ ސެންޓޭ ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ލީގުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ނިއު އެވެ. އަދި އެ ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި ވިކްޓަރީ އެވެ.

comment ކޮމެންޓް