ގައުމީ އެއާލައިނަށް އާ ސީޕްލޭނަކާއި އިންޓަނޭޝަނަލް ދަތުރުތަކަށް އާ ބޯޓެއް ގެންނަނީ

މޯލްޑިވިއަންގެ އޭ320 މަރުކާގެ ބޯޓު: ސަން ފައިލް ފޮޓޯ

ގައުމީ އެއާލައިން މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ321 މަރުކާގެ އިތުރު ބޯޓަކާއި، ސީޕްލޭނެއް ގެނައުމަށް އެ އެއާލައިނުން ނިންމައިފިއެވެ.

އައިލެންޑް އޭވިއޭޝަންސް ސާވިސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު "ސަން" އަށް މިއަދު ވިދާޅުވީ، މޯލްޑިވިއަންއަށް އެއާބަސް އޭ321 ގެ ބޯޓެއް ކުއްޔަށް ހިފުމަށާއި، އެއާލައިނުގެ ސީޕްލޭން ފްލީޓަށް ޑީއެޗްސީ6 ޓުވިން އޮޓާ މަރުކާގެ ބޯޓެއް ގަތުމަށް އިއުލާން ކޮށްފައިވާނެ ކަމަށެވެ.

މޯލްޑިވިއަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެއާބަސް އޭ321 ބޯޓު ކުއްޔަށް ހިފަން ބޭނުންވަނީ ހަ އަހަރާއި އަށް އަހަރާ ދެމެދުގެ މުއްދަތަކަށް ކަމަށެވެ. މި ބޯޓަކީ 200 މީހުންގެ ޖާގައިގެ ބޯޓެކެވެ.

މޯލްޑިވިއަންގައި އެއާބަސް އޭ321 މަރުކާގެ ބޯޓެއް މިހާރު ވެސް އޮވެ އެވެ. އަދި އެއާބަސް އޭ320 މަރުކާގެ ބޯޓެއް ވެސް އޮވެ އެވެ. މި ދެ ބޯޓަކީ މޯލްޑިވިއަނުން ކުރާ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ ދެ ބޯޓެވެ. މޯލްޑިވިއަންގެ ބައިނަލްއަގުވާމީ މަންޒިލުތަކުގެ ތެރޭގައި ޗައިނާގެ ޝިއާން، ވޫހަން، ނަންޖިންގް، ޗޮންގްޗިންގް، ޗެންގްދޫ އަދި ޗަންޝާ ހިމެނެ އެވެ.

މޯލްޑިވިއަނުން ސީޕްލޭންގެ ގޮތުގައި ބޭނުންކުރުމަށް މީގެ ކުރިން ގެނައި ބޯޓެއް-- ފޮޓޯ: މޯލްޑިވިއަން

މީގެ އިތުރުން ތައިލެންޑުގެ ބެންކޮކް، އިންޑިއާގެ ޗެންނާއީ، ބަންގްލަދޭޝްގެ ދާކާގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމަށް ވެސް މޯލްޑިވިއަނުން ދަތުރު ކުރެ އެވެ.

މޯލްޑިވިއަނުން ގަންނަން ބޭނުންވާ ޓްވިން އޮޓާ މަރުކާގެ މަތިންދާ ބޯޓު ބޭނުންކުރާނީ ފްލޯޓު ހަރުކޮށްގެން ސީޕްލޭންގެ ގޮތުގައެވެ. ގައުމީ އެއާލައިނުގެ ސީޕްލޭން ފްލީޓުގައި ޓްވިން އޮޓާ ޑީއެޗްސީ6 މަރުކާގެ އަށް ބޯޓު މިހާރުވެސް އޮވެ އެވެ.

އޭގެ ތެރޭގައި ލަގްޒަރީ ސީޕްލޭންގެ ގޮތުގައި ވެސް ބޯޓެއް ބޭނުންކުރަމުން ދެ އެވެ.

comment ކޮމެންޓް