ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކުޅިވަރު ކުޅެވޭނެ މަގެއް ހޯދަނީ

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭއްވި "އުފާވެރި ހަވީރު" ގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ހާއްސައެހީއަށް ބޭނުންވާ ކުދިންނަކީ އާދައިގެ މީހުންނާ އެއް ހަމައެއްގައި ހުރިހާ ހިދުމަތެއް ވެސް ލިބިދޭން ޖެހޭނެ ބައެކެވެ. ބޭރުގެ ގިނަ ގައުމު ތަކުގައި ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ވާދަވެރި ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް ފަހިވެފައި ހުރެއެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް މިހާރު މިވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުޅިވަރު ކުޅެވޭނެ ގޮތްތަކެއް ހެދުމުގެ މަސަތްކަތް ފަށައިފައެވެ.

އެއްދުވަހުގެ ނިޔަލަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށް ދިޔަ 'ކުޅިވަރު އިޖްލާސް 2016' ގައިވަނީ އެކަމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ބައިވެރިންގެ ހިޔާލާ އެކު ކަމާ ބެހޭ ފަރާތްތަކަށް އެކަން ހުށަހެޅުމަށް ނިންމާފައެވެ.

ސްޕޯޓްސް ކޯޕަރޭޝަނާއި ކުޅިވަރުގެ ގައުމީ އެސޯސިއޭޝަންތަކުގެ ތެރެއިން ޖުމްލަ 16 އެސޯސިއޭޝަންގެ އިސްވެރިންނާ އެކު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ވަނީ މައިގަނޑު ފަސް ކަމެއްގެ މައްޗަށް މަޝްވަރާކޮށް ބައިވެރިންގެ ހިޔާލު ހޯދައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ނިންމާފައެވެ.

ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރު ކުޅެވޭނެ މަގު ފަހިކުރުމަށް މަޝްވަރާކޮށްފައިވާއިރު ބައިވެރިންވަނީ ވަރަށް ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި، ރާއްޖޭގައި އުޅޭ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ސްޕެޝަލް އެޑިއުކޭޝަން އަށް ތަމްރީން ވެފައި ވަނީ ވެސް ވަރަށް މަދު ބައެއްކަން ފާހަގަކޮށް މީހުން އިތުރު ކުރުމަށް ވަނީ ހިޔާލު ދީފައެވެ.

ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ޕެރައޮލިމްޕިކްސް ފަދަ ވާދަވެރި މުބާރާތްތަށް ބާއްވަމުން އަންނަ އިރު، ކުޅިވަރު އިޖްލާސްގެ ބައިވެރިން ވަނީ ރާއްޖޭގައި އުޅޭ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރު ކުޅެވޭނެ މަގެއް ނެތުމުން އެކަމަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް ބުނެފައެވެ.

ރާއްޖޭގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރު ކުޅެވޭނެ އޮންނަ ހަމައެކަނި މަގަކީ ހާއްސަ މުނާސްބަތުތަކާ ދިމާކޮށެވެ. ނަމަވެސް އެއީ ކުޑަ ވަގުތުކޮޅެއްގެ ކަމެއް ކަމަށް ވުމުން ބައިވެރިން ވަނީ އެކަމަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށް ވެސް ބުނެފައެވެ.

comment ކޮމެންޓް