ހައްޖުވެރިން އުފުލި ސައުދީ ބޯޓެއްގެ ފުރޮޅު އިންނަ ބައިން ގަބުރެއް ފެނިއްޖެ

ސައުދީ އަރަބިއާގެ އެއާލައިނެއް ކަމަށްވާ "ފްލައިނަސް"ގެ މަތިންދާބޯޓެއް އެއާޕޯޓަކުން ޓޭކްއޮފް ކުރަނީ: ނައިޖީރިއަށް އަށް ހައްޖުވެރިން ބޭލުމަށްފަހު އެނބުރި ޖިއްދާއަށް އައި މި އެއާލައިންގެ މަތިންދާބޯޓެއްގެ ފުރޮޅު އިންނަ ބައިން ގަބުރެއް ފެނިގެން ދަނީ ތަހުގީގު ކުރަމުން ---

ހައްޖުވެރިން ނައިޖީރިއާ އަށް އުފުލި ސައުދީ އަރަބިއާގެ މަތިންދާބޯޓެއްގެ ފުރޮޅު އިންނަ ބައިގެ ތެރެއިން ގަބުރެއް ފެނިއްޖެ އެވެ.

ސައުދީ އަރަބިއާގެ އެއާލައިނެއް ކަމަށްވާ "ފްލައިނަސް"ގެ ކެބިން ކުރޫއަކަށް އެ ބޯޓުގެ ފުރޮޅު ތެރޭން ގަބުރެއް ފެނިފައި ވަނީ ނައިޖީރިއާގެ އަބޫޖާއަށް ހައްޖުވެރިން ބޭލުމަށް ފަހު އެނބުރި ސައުދީ އަރަބިއާގެ ޖިއްދާގެ ކިންގް އަބްދުލްއަޒީޒު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށް ފަހު އާދައިގެ މަތިން އެ ބޯޓު ޗެކް ކުރުމުގެ ތެރޭގަ އެވެ.

ސައުދީ ގެޒެޓާ ހަވާލާދީ މީޑިއާތަކުގައި ބުނެފައި ވަނީ، މިދިޔަ ބުދަ ދުވަހު ހިނގި އެ ހާދިސާގައި ބޯޓުގެ ފުރޮޅު އިންނަ ބައިން ފެނިފައި ވަނީ ކަޅު މީހެއްގެ ހަށިގަނޑު ކަމަށެވެ.

ނައިޖީރިއާގެ ގައުމީ ހައްޖު ކޮމިޝަނުގެ ޗެއާމަން އަލްހާޖީ އަބްދުއްލާހި މުހައްމަދު ވިދާޅުވީ، ފްލައިޓުގެ ފުރޮޅު އިންނަ ބައިން ފެނިފައި ވަނީ ނައިޖީރިއާގެ ހައްޖުވެރިއެއްގެ ހަށިގަނޑު ނޫން ކަމަށާއި އެ ބޯޓުން ނައިޖީރިއާ އަށް ދިޔަ ހުރިހާ ހައްޖުވެރިންގެ އަދަދު ވެސް ހަމަ ކަމަށެވެ.

އަދި ވިދާޅުވީ، ނައިޖީރިއާ އަދި ސައުދީ އަރަބިއާގެ ސަރުކާރުން އެ ހާދިސާގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

comment ކޮމެންޓް