ފްލައިޓެއްގެ ތެރޭގައި ސަމްސަންގް ނޯޓު ޓޫއެއް ރޯވެ، އަނދައިފި

މިއަދު ފްލައިޓް ދަތުރުކުރަމުން ދަނިކޮށް ރޯވި ސެމްސަން ގެލެކްސީ ނޯޓް ޓޫ ---

ސިންގަޕޫރުން ފުރައިގެން އިންޑިއާގެ ޗެއްނާއީއަށް މިއަދު ހެނދުނު ދަތުރުކުރަމުން ދިޔަ ފްލައިޓެއްގެ ތެރޭގައި ގެންގުޅުނު ސެމްސަންގް ގެލެކްސީ ނޯޓް ޓޫއެއްގައި ރޯވެއްޖެ އެވެ.

ފްލައިޓުގައި އަތްދަބަސް ލާން ހުންނަ ބައިގައި ދަބަހެއްގެ ތެރޭގައި ފޯނު ބާއްވާފައި އޮއްވާ އެތަނުން ދުންއަރާކަން ފާހަގަވީ ފްލައިޓުގައި ދަތުރުކުރަމުން ދިނަ މީހަކަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އޭރު ފޯނުގައި އަލިފާން ހިފާފައިވާކަމަށް އިންޑިއާގެ ޑިރެކްޓަރު ޖެނެރަލް ސިވިލް އޭވިއޭޝަންއާ ހަވާލާ ދީ ޓައިމްސް އޮފް އިންޑިއާ ނޫހުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އެހާދިސާ ހިނގާފައިވަނީ އިންޑިގޯ އެއާލައިންގެ ފްލައިޓެއްގަ އެވެ. އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޯޓު ޓޫގައި އަލިފާން ރޯވުމާ ގުޅިގެން ކުރޫއިން ސަމާލު ކަމަށް އައިސް ފޯނު ފެން އެއްޗަކަށްލީ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ސެމްސަންގުން ބުނީ އެކަން ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށާއި ކަސްޓަމަރުންގެ ސަލާމަތަކީ ސެމްސަންގުން އަބަދުވެސް އިސްކަން ދޭ އެއްކަންތައް ކަމަށެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަނުން މިހާރު އަންގާފައި ވަނީ ސެމްސަންގް ގެލެކްސީ ނޯޓުގެ އެއްވެސް އަދަދެއް ހިފައިގެން ފްލައިޓަށް އަރާނަމަ ނިއްވާލުމަށާއި ނޫންނަމަ އެ ހިފައިގެން ދަތުރު ނުކުރުމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ސެމްސަންގުން ނެރުނު ގެލެކްސީ ނޯޓް ހަތެއްގެ ބެޓެރި ގޮވުމާއި ބެޓެރީގައި ރޯވުން ފަދަ ކަންކަން ވަނީ ދިމާވެފަ އެވެ. ނަމަވެސް ގެލެކްސީ ނޯޓްގެ އެހެން އަދަދެއްގައި މިކަހަލަ ކަމެއް ދިމާވެގެން ރިޕޯޓު ކޮށްފައެއް ނުވެ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ގެލެކްސީ ނޯޓް ޓޫ އަކީ ބެޓެރި ނެގޭ ގޮތަށް އޮންނަ ފޯނެކެވެ.

comment ކޮމެންޓް