ބަނގުރާ އާންމުވެ، ޒުވާނުންގެ ސިޓީ ވަބާއެއްގެ ތެރެއަށް!(ވީޑިއޯ)

ހުޅުމާލެއިން ފެނުނު ބިޔަރުދަޅެއް--

ހުޅުމާލެއަކީ ޒުވާނުންގެ ސިޓީއެވެ. ހަތްދިހަހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހުޅުމާލޭގެ ތަސައްވަރަކީ ޒުވާނުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމެވެ. ތަފާތު ފަހި ވަސީލްތަކާ އެކު ކޮންމެ ކައިވެންޏަކާއެކު ބޯހިޔާވަހިކަން ހޯދައިދިނުމެވެ. އެތަސައްވަރުގެ ދަށުން އެތައް މަސައްކަތެއް ކުރަމުންދާއިރު ޒުވާން ޖީލެއް ނައްތާލާ ފަދަ ކަންކަން އެ އަވަށުގައި އެބަހިނގަ އެވެ. ކުށުގެ މަންމަ ކަމުގައިވާ މަސްތުވުން މި ވަނީ އެ ރަށުގައި އާންމުވެފަ އެވެ.

ހުޅުމާލޭ ގޮނޑުދޮށުގައި އުކާލާފައި ހުންނަ އެނާޖީ ޑުރިންކް ދަޅުތަކެކޭ އެއްފަދައިން ގިނަ އަދަދެއްގެ ބަނގުރާ ފުޅި އާއި ދަޅުތައް ފެނެ އެވެ. ބަންދެއް އަތުވެއްޖެ ނަމަ ބޮއެގެން ކަންކަންމަތީ ތިބޭ ޒުވާނުން ކޮންމެރެއަކުހެން ފެނެ އެވެ. މީހުން ފުރާނަ ގެއްލޭނެ ފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހުޅުމާލޭގައި ހިންގާއިރު އެއުޅަނދުތައް ދުއްވަން ތިބޭ މީހުން ތެރޭގައި މަސްތުވެފައިވާ ފަރާތްތައް ގިނަ އެވެ. އެ ރަށުގައި މަސްތުވުމަށް ގިނައިން ބޭނުން ކުރަނީ ދިޔާ ބާވާތްތަކެވެ. ގިނަ އަދަދަކަށް އެ ރަށަށް އެތަކެތި އެތެރެކުރެ އެވެ. މިދިޔަ އީދު ބަންދުގައި އެއް ރޭ އެކަނި ވެސް ވަނީ 169 ފުޅި ބަނގުރާ ހުޅުމާލެއިން އަތުލައިގެންފަ އެވެ.

ސަފާރީ އާއި ބޮންޑް ހައުސްއިން އެތެރެ ކުރަން ފަސޭހަ!

ހުޅުމާލޭ ފަޅަކީ ސަފާރީތަކުގެ މައި މަރުކަޒެވެ. އެތައް ސަތޭކަ ސަފާރީއެއް ހުޅުމާލޭ ފަޅުގައި އަޅާފައިވާ އިރު އޭގައި ބަނގުރާ ގެންގުޅެ އެވެ. އެއީ އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދޭ އުސޫލެއްގެ ދަށުންނެވެ. ނަމަވެސް އެ ހުއްދަ ދެނީ އެ ސަފާރީގެ ތެރޭގައި ޓޫރިސްޓުންނަށް ވިއްކުމަށެވެ. ނަމަވެސް ޓޫރިސްޓުން ގަންނަ ވަރަށް ވުރެ އަގު ބޮޑުކޮށް ވިއްކުމަށް ސަފާރީތަކުން ހުޅުމާލެއަށް ކޮންމެ ދުވަހަކުހެން ގިނަ އަދަދެއްގެ ބަނގުރާ އެތެރެކުރެ އެވެ.

"މިހަދާ ގޮތަކީ ގެސްޓަކު ގަތްކަމަށް ލިޔަނީ، ދެން ހުޅުމާލެއަށް ފައިބަމުން ދަބަހަށް އަޅައިގެން އެ މީހުން ފައިބަނީ، އަސްލު އެއެކަންކުރާ މީހުންނަށް ވަރަށް ފަސޭހަ ކަމެއް،" ބަނގުރާ އެތެރެކުރާ ގޮތް ކިޔައިދެމުން ސަފާރީ ހިންގާ ފަރާތަކުން ބުންޏެވެ.

ހުޅުމާލެއަށް އާންމުކޮށް ބަނގުރާ އެތެރެ ކުރަނީ ސަފާރީތަކުންނެވެ. ސަފާރީތައް ކައިރިއަށް ޑިންގީތައް ގޮސް އެ ޑިންގީތަކަށް އަރުވައިގެން އާންމުކޮށް ބަނގުރާ ބާލަނީ ހުޅުމާލޭގެ ތިން ދިމާލަކަށެވެ. އެއީ އެސްޓީއޯ އިން ހުޅުމާލޭގައި ހަދާ ހޮޓަލާއި ދިމާލުން ހަދާފައިވާ ޑިންގީތައް އަޅާ ސަރަހައްދާއި އެހޮޓާ ފުރަގަހުން އޮންނަ ވަލު ސަރަހައްދެވެ. އޭގެ އިތުރުން ކަންނެލި ޖެޓީއަށް ޑިންގީ ކައިރިކޮށްގެން ވެސް ބަނގުރާ ބާލަ އެވެ. އެ ސަރަހައްދަށް ބަނގުރާ ބާލައި ވިނަގަނޑުގައި ނުވަތަ ބޮޑު ގަލެއް ދަށުގައި ފޮރުވުމަށް ފަހު ޑިންގީ ދަނީ އެވެ. ދެން ސައިކަލެއްގައި އަންނަ މީހަކު އެތަކެތި ހިފައިގެން ރަށު ތެރެއަށް ގޮސް ވިއްކަނީ އެވެ.

ހުޅުމާލޭ ޕޮލިސް ސްޓޭޝަން އާއި ހަވާލުވެ ހުންނަވާ ޗީފް އިނިސްޕެކްޓާ އަޒީމް ވަހީދު ވިދާޅުވީ ހުޅުމާލޭ ފަޅުގެ ތެރޭގައި ސަފާރީތައް އޮތުމާއި ރާއްޖެ އެތެރެކުރާ ބަނގުރާ ބޮންޑް ހުޅުމާލެއަށް ބަދަލު ކުރުމުގެ ސަބަބުން ހުޅުމާލެއަށް ވަރަށް ބަނގުރާ އިތުރުވާ ކަމަށެވެ. އެކަން ކުރަނީ ވަރަށް ރަނގަޅަށް ރޭވިގެން ކަމަށް ވެސް އަޒީމޫ ވިދާޅުވި އެވެ.

ޗީފް އިނިސްޕެކްޓާ އަޒީމް ވަހީދު ސަން އަށް އިންޓަވިއު ދެއްވަނީ-- ސަން ފޮޓޯ

ސަފާރީތަކާއި ބަނގުރާ އެތެރެ ކުރާ ފަރާތްތަކާ ގާތްގުޅުމެއް އޮވެ އެވެ. އެކަން ކުރާ ފަރާތްތަކުގެ ބަހުން އެކަން އެނގެ އެވެ. އެކަން އެހާ ފުޅާކޮށް ކުރެވެނީ އެކަން ކުރާ ސަފާތީތައް ޒިންމާވާން ނުޖެހޭތީ އެވެ. ފަޅާއެރިޔަސް މުޅިންހެން ކުށްވެރިވެފައި ވަނީ އަތުން ފެނުން މީހުންނެވެ. ނަމަވެސް ސަފާރީ ހިންގާ ފަރާތްތަކުން އެއީ ސަފާރީތަކުގެ ސަބަބުން ހިނގާ ކަމެއް ކަމަށް ގަބޫލެއް ނުކުރެ އެވެ.

ސަފާރީ ހިންގާ ފަރާތްތަކުގެ ޖަމިއްޔާ ލިވްއަބޯޑް އެސޯސިއޭޝަންގެ ރައީސް ހަސަން ހަލީމް ވިދާޅުވީ އެކަން ކުރަނީ ނުދުއްވާ ހުންނަ ކުރީގެ ސަފާރީތަކުން ކަމަށާއި މިހާރު ދުއްވާ ސަފާރީތަކުން އެކަން ކުރާކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން އެސޯސިއޭޝަންގެ ބޯޓަކުން އެކަހަލަ ކަމެއް ދިމާވެފައެއް ނެތް، އަޅުގަނޑަށް ގަބޫލް ކުރަން ދަތި ތިޔަ ކަމުގެ މައިގަނޑު ސަބަބަކީ ސަފާރީތައް ކަމަށް، އެކަމަކު ބަޔަކު ކަމެއް ނުކުރާނެކޭ އެއްނޫން،" ހަލީމް ވިދާޅުވި އެވެ.

ކަސްޓަމްސްގެ ރާ ގުދަންތައް ހުޅުމާލޭގައި ބަހައްޓައިގެން ރާ ދޫކުރާއިރު ފުލުހުން ތުހުމަތުކުރާ ގޮތުގައި އެތަނުން ގާނޫނާ ހިލާފަށް ރަށު ތެރެއަށް ބަނގުރާ އެތެރެކުރެ އެވެ. ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވީ ކަސްޓަމްސްއިން ބަނގުރާ ދޫކުރަނީ އިކޮނޮމިކް މިނިސްޓްރީން ހުއްދަދީފައިވާ ފަރާތްތަކަކަށް ކަމަށެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ދޫކުރާ ބަނގުރާ ރިސޯޓަކަށް ނުވަތަ ސަފާރީއަކަށް ލިބުންތޯ ޔަގީން ކުރަމުން އަންނަ ކަމަށާއި ޔަގީން ނުވާ ފަރާތްތަކަށް އިތުރަށް ރާ ދޫނުކުރާ ކަމަށެވެ.

ބަނގުރާ ދޫކުރަނީ އޭގެ ވެރިފަރާތާއި ކަސްޓަމްސްއިން ބެލުމަށް ފަހު ކަމަށްވާއިރު ކަސްޓަމްގެ ތެރެއިން ގަވައިދާ ހިލާފަށް އެތަކެތި ބޭރުނުވާ ކަމަށެވެ. ބަނގުރާ ހުއްދަދީފައިވާ ފަރާތްތަކަށް ދޫކުރުމަށް ފަހު ދެން އެއަށް ހަދާ ގޮތްތައް ބެލޭނެ ގޮތް ކަސްޓަމްސްއަށް ނެތް ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅު އަޅަންޖެހޭ!

ސަފާރީތަކާއި އެހެނިހެން ގޮތް ގޮތުން ބަނގުރާ އެތެރެ ކުރުން އިންތިހާއަށް އީތުރުވެފައިވާއިރު ހުޅުމާލޭގައި މިހާރު އެކަންކަން ހުރީ ވަރަށް ފަހިކޮށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ސަފާރީތަކަށް އަރައި ފޭބުމުގައި އެއްވެސް ބަލާފާސް ކުރުމެއް ނެތުމެވެ. އެއީ ވަރަށް ހަމަނުޖެހޭ އުސޫލެކެވެ. ސަފާރީތަކުން ހުޅުމާލެއަށް އަރާ ފައިބުމުގައި ހަރުދަނާ އުސޫލެއް ބޭއްވުމަށް ސަފާރީތަކުގެ އެސޯސިއޭޝަންތަކުން ވެސް އެދެ އެވެ.

"އެޗްޑީސީއަށް ވެސް އަދި ޓޫރިސްޓު ޕޮލިހަށް ވެސް ވަރަށް ގިނައިން ދަންނަވައިފިން ސަފާރީތަކަށް އަރައިފައިބާނެ ކޮންމެވެސް އުސޫލެއް ހެދުމަށް، އޭރުން ކޮންޓުރޯލެއް އަންނާނެ،" ސަފާރީތަކުގެ އެސޯސިއޭޝަންގެ ރައީސް ވިދާޅުވި އެވެ.

އެކަންކަމަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގައި ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. ހުޅުމާލޭގެ މަގުތައް އަނދިރިވުމާއި ޖަންގަލި ބޯކޮށް އޮތުމަކީ އެކަމަށް އޮތް ބޮޑު ފުރުސަތެއް ކަމަށްވާ އިރު އެޗްޑީސީން ދަނީ އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުން ކަމަށް އަޒީމް ވިދާޅުވި އެވެ.

މިހާރު 70،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އަދި ބަންދު ދުވަސްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދާ ހުޅުމާލެ ބެލެހެއްޓުމަށް ތިބި ފުލުހުންގެ އަދަދަކީ 70 އެވެ. ވަސީލަތްތައް މަދެވެ. ފުލުހުން އިތުރު ނުކުރެވޭ މައިގަނޑު ސަބަބަކީ މީގެ 10 އަހަރު ކުރިން ޕޮލިސް ސުޓޭޝަންއެއްގެ ގޮތުގައި ދިން ތަނަށް ފުރިހަމަކަމެއް ނުގެނެވުމެވެ.

އަޒީމް ވިދާޅުވީ ހުޅުމާލޭގެ އާބާދީ އާއި އެކަށީގެންވާ ވަރަށް ފުލުހުންނާއި ވަސީލަތްނެއް ކަމަށާއި ނަމަވެސް ފުލުހުންގެ ބުރަ މަސައްކަތުން ކަންކަން ކޮންޓުރޯލް ކުރަމުން އަންނަ ކަމަށެވެ. ކައިރި މުސްތަގުބަލެއްގައި ވަސީލަތްތައް ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އަޒީމް ވިދާޅުވި އެވެ.

ކޮންމެ އަކަށް ޒުވާނުންގެ ސިޓީން މި ފެންނަނީ ރަނގަޅު މަންޒަރެއް ނޫނެވެ. ޒުވާން ޖީލެއް ހަލާކުވެދާނެ އެންމެ ބޮޑެތި ސަބަބުތައް މި ދަނީ ފެންނަމުންނެވެ. އެކަން އެވަރަށް އިތުރުވާ އިރު ހައްލުކުރަން އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އަޅާތަނެއް ނުފެނެ އެވެ. ޖީލެއް ނެތިނުދަނީސް އަވަސް ހައްލެއް ބޭނުންވެ އެވެ.

comment ކޮމެންޓް