ބުޅަލާ މާގައިގޯޅި ވުމުން ފުރާނައަށް ނުރައްކާ ވެދާނެ!

ބުޅަލާ މާ ގައިގޯޅި ވުމުން ފުރާނައަށް ނުރައްކާ އިންފެކްޝަނެއް ޖެހިދާނެ ކަމަށް އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

'ކެޓް ސްކްރެޗް ޑިޒީސް'ގެ ނަން ދީފައިވާ އެބަލި އިންސާނުންނަށް ޖެހެނީ ސެއްޅިއެއްގެ ޒަރިއްޔާއިން ބުޅަލުގެ މެދުގައި ފެތުރޭ ބެކްޓީރިއާއެއްގެ ސަބަބުންނެވެ. އިންސާނުން ބުޅަލާ މާގައިގޯޅި ވުމުން ނުވަތަ އިންސާނެއްގެ ގައިގައި ބުޅާ ދަތް އެޅުމުން ނުވަތަ ވަކި އެޅުމުން އިންސާނުންނަށް އެބަލި ޖެހުމަށް މެދުވެރިވެ އެވެ.

ސީޑީސީން ހެދި ސާވޭއިން ދެއްކި ގޮތުގައި އެބެކްޓީރިއާ ހުރުން އެންމެ އެކަށީގެން ވަނީ ކުޑަ ބުޅަލުގަ އާއި މަގުމަތީގައި އުޅޭ ބުޅަލުގަ އެވެ. އަދި ސެއްޅި ފަދަ ސޫފާ ސޫފި ފަސޭހައިން އުފެދެނީ ހޫނު މޫސުމުގައި ކަމުން ހޫނު ސަރަހައްދުތަކުގައި ކެޓް ސްކްރެޗް ޑިޒީސް ޖެހުމުގެ ފުރުސަތު މާބޮޑު ކަމަށްވެސް ދިރާސާއިން ދެއްކި އެވެ.

ކެޓް ސްކްރެޗް ޑިޒީސް އިންސާނުންނަށް ޖެހުމުން ހުން އައިސް، ގައިން ބިހި ނަގާ ގޮތްވެ އެވެ. އަދި ހާލު މާބޮޑަށް ދެރަވެއްޖެ ނަމަ މަރުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ސީޑީސީގެ ސާވޭއިން ދެއްކި ގޮތުގައި އެބަލީގެ ސަބަބުން މަރުވެފައި ވަނީ މަދު ބައެކެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން މަރުވި ސިއްހީ އެހީ ނުހޯދުމުގެ ސަބަބުންނެވެ.

"ބަލީގެ ނުރައްކާ އަޅުގަނޑުމެން ހީކުރިވަރަށް ވުރެ ބޮޑު. ކެޓް ސްކްރެޗް އަކީ ހުއްޓުވޭނެ ބައްޔެއް. ބަލީގެ ނުރައްކާ އޮތީ ކޮން ބަޔަކަށް ކަމާއި ބަލީގެ ޕެޓާން ހޯދުމުން ބަލި ޖެހުން ހުއްޓުވޭނެ،" ސީޑީސީގެ ޑޮކްޓަރެއް ކަމަށްވާ ކްރިސްޓީނާ ނެލްސަން ވިދާޅުވި އެވެ.

ސީޑީސީގެ ޑޮކްޓަރުން ވަނީ ގޭގައި ގެންގުޅޭ ބުޅަލުގައި އަތް ލުމަށްފަހު އަބަދުވެސް އަތް ދޮވުމަށާއި ގެންގުޅޭ ބުޅަލާއި މަގުމަތީގައި އުޅޭ ބުޅާތަކާ އެއްކޮށް އުޅުމަށް ފުރުސަތު ނުދިނުމަށް ލަފާ ދީފަ އެވެ. އަދި ބުޅާ ގެންގުޅޭ ގެއެއްގައި ކުޑަކުދިން އުޅޭ ނަމަ އެކުދިން ބުޅަލަށް ބޮސް ދިނުން ފަދަ ކަންތައް ކުރުމުން ދުރުހެލި ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

ސީޑީސީން އަށް އަހަރު ވަންދެން ކުރިއަށް ގެންދިޔަ އެސާވޭގައި ކެޓް ސްކްރެޗް ޑިޒީސްގެ 13،000 މައްސަލައެއް ދިރާސާކޮށްފައިވެ އެވެ. އަދި ހީކުރިވަރަށް ވުރެ ގިނަ މީހުންގެ ގައިން ބަލި ފެނުނު ކަމަށް ސީޑީސީން ބުންޏެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް