ކަރުނަތައް އަމިއްލަ ބާރުގެ ދަށަށް ގެންނަން މަސައްކަތް ކުރިކަމުގައި ވިޔަސް އެދެވޭ ފަދަ ނަތީޖާއެއް ބަތޫލްއަށް ހާސިލެއް ނުކުރެވުނެވެ. ހިތަށް ކޮށްފައިވާ ފުން އަސަރުތަކާއެކު އެތެރެހަށީގައި އުފެދެމުން އައި ތުފާން ފާއިތުވާން ފެށި ހިމޭންކަމުގެ ސުކޫތާއެކު ގަދަވުން ނޫންކަމެއް ވެސް ނުވިއެވެ. އަޒްޔާންގެ ހިމޭންކަމާއި އެދެލޮލުން ފާޅުވަމުން އައި ނުރުހުމުގެ ކުލަވަރުންތަކުން ބަތޫލްގެ ހިތަށް އިތުރު ވޭންތަކެއް ނޫނީ ނުލިބުނެވެ.

ދުރުގައި ހުންނަން ކުޅަދާނަ ނުވެގެން ބަތޫލް ކުރިއަށް ޖެހިލުމާއެކު އަޒްޔާން އަތުގެ އިޝާރާތުން އެކަން މަނާކުރިއެވެ. އަދި ބަތޫލް އެނބުރި ދިއުމަށް ބުނެލީ އެމޫނަށް ބަލާލުމެއް ވެސް ނެތިއެވެ. ލިބުނު ހައިރާންކަމާއެކު ބަތޫލް ހުރިފިޔަވަޅު މަތީ ގަނޑު ވިއެވެ.

ކުއްލިއަކަށް މިފަދަ ބޮޑު ބަދަލެއް އަޒްޔާންއަށް އައުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއްވާނެކަން ގައިމެވެ. އޭނަގެ އަޒްޔާންއަކީ މިހާ ހިތްހަރު، މީހުންގެ އިހުސާސްތަކަށް ޤަދަރުކުރަން ނޭގޭ ޒުވާނެއް ނޫނެވެ. އޭނަގެ ލޮލުން ކަރުނަ ތިއްކެއްގެ މިންވަރު ވެސް ފައިބަން ނޭދޭ އިރު މިހާރު ފެންނަމުން މިދާ މަންޒަރުތައް މުޅިންހެން ތަފާތެވެ. އޭނައާއި ހަތަރުކަޅި ހަމަކުރާކަށް ވެސް އަޒްޔާން ބޭނުމެއް ނުވެއެވެ.

''ޒޭން، އަހަރެންގެ ސުވާލަށް ޖަވާބުދީބަލަ... ޒޭން އަހަރެން ދެކެ ލޯބި ނުވަނީތަ؟... އަހަރެން ޒޭންއަށް އިންތިޒާރުކުރިވަރެއް ހަމަ ނޭގެނީތަ؟... މިދުވަހަށް އަހަރެން އިންތިޒާރުކުރިވަރެއް ނޭގޭތަ؟، ދެން ކީއްވެ ތިހެން ކަންތައް ތިކުރަނީ؟، ޒޭން ބުނީމެއްނު ކޮންމެ ފަދަ ހާލަތެއްގައި ވެސް އަހަންނާއެކު ވާނަން ކަމުގައި، ދެން ކީއްވެ އަހަރެން އެންމެ ބޭނުންވި ދުވަހު އަހަންނާ ދުރަށް ތިދަނީ؟ އަހަންނަށް ކޮންކަމެއްތަ ގޯސްކޮށް ކުރެވުނީ؟... ޒޭން ޕްލީޒް، ތިހެން ހިމޭނުން ނުހުރެ ޖަވާބުދީބަލަ... އަހަރެންގެ ހިތަށް ތަދުވާވަރެއް ނޭގޭތަ؟...'' ބަތޫލްއަށް އޭނަގެ ޖުމްލަ ފުރިހަމަ ކުރެވުނީ ނުހަނު އުނދަގުލުންނެވެ. ކަރުނަތައް ފޮހެލަމުން އޭނަ އަޒްޔާންގެ މޫނަށް ނަޒަރު ހިންގާލިއެވެ. އެއާއެކު ދެޒުވާނުންގެ ހަތަރުކަޅި ކުޑަ ހިނދުކޮޅަކަށް ވިޔަސް ބައްދަލުވެގެން ދިޔަ އެވެ. އެދެލޮލުން ބަތޫލް ހޯދަން ބޭނުންވި ލޯތްބާއި، އޯގާތެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް ނުފެނުނެވެ. އެއާ ޚިލާފަށް އޭނައާއި ބައްދަލުކުރީ މުޅިން އެހެން ޝުއޫރުތަކެކެވެ. ރުޅިވެރިކަމެވެ. ފޫހިކަމެވެ.

''ޒޭން ޕްލީޒް...'' ލިބުނު އުދާސްކަމުގެ ތެރޭން ބަތޫލްއަށް ގިސްލެވުނެވެ. އަޒްޔާންގެ ފައިބުޑަށް ވެއްޓި އެލޯތްބަށް ސަލާންޖަހަން ޖެހުނުކަމުގައި ވިޔަސް އޭނަ އެކަންތައް ކުރާނެއެވެ. އޭނަ ކުރި ދިގު އިންތިޒާރުގެ ނިމުން މިފަދަ ހިތި ގޮތަކަށް އައުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ. ހިލަ ހިތެއްގެ ވެރިޔަކަށް އަޒްޔާންވީ ކޮން ދުވަހަކު ހެއްޔެވެ؟

މިހުރިހާ އިރުވަންދެން ހިމޭނުން ހުރި ޝުޖާއުގެ ކެތްތެރިކަން ކޮޅުންލައިގެންދާ ހިސާބަށް ކަންތައް ދިޔަ އެވެ. މުށްކަވާލެވުނު ދެއަތް ފަޓުލޫނުގެ ޖީބަށް ކޮއްޕާލަމުން އޭނަ ފުންނޭވާތަކެއް ލިއެވެ. ބަތޫލް އެހާ ވަރަށް ރޮއި އާދޭސް ކުރާއިރު ވެސް އަޒްޔާންގެ ހިތަށް އަސަރު ނުކުރަނީ ހެއްޔެވެ؟ ބަތޫލްގެ ސުވާލުތަކަށް ޖަވާބު ދިނުން މުހިންމުކަމަށް ވެސް ނުވަނީ ހެއްޔެވެ؟ އަޒްޔާންގެ މަޤުސަދަކީ ކޮބާ ހެއްޔެވެ؟ ބަތޫލްގެ ހިތުގައިޖައްސައި ރޮއްވުން ހެއްޔެވެ؟ ޝުޖާއުގެ ހިތުގައި އަޒްޔާންއާއި މެދު ރުޅިވެރިކަން އުފެދެން ފެށިއެވެ. އެތައް އަހަރެއްވީ އެކުވެރިކަމުގެ ވާފަށް ކަނޑައިގެން ދާން ގިނަ އިރެއް ނުނެގިއެވެ. އޭނަ ނަފްރަތުން ފުރިގެންވި ނަޒަރަކުން އަޒްޔާންއަށް ބަލާލިއެވެ. އަަޒްޔާންގެ ގަޔަށް އަތް އިސްނުކޮށްވޭތޯ އޭނަ ވަރަށް މަސައްކަތްކުރިއެވެ.

''ޒޭން...'' ބަތޫލްގެ އަޑުގައި ވަނީ އާދޭހެވެ. އެއާދޭސްތަކުން އަޒްޔާންގެ ހިތަށް އަސަރުކުރާނެކަމުގައި ބަތޫލް އުއްމީދުކުރިއެވެ. އޭނަގެ ލޯތްބަށް ރަހުމުކުރާނެކަމުގައި ވެސް މެއެވެ.

''ކައިވެންޏެއް ނައީމަ ވެސް ނޭގުނު ދޯ ވިސްނައިގަންނަން!... އަހަރެން ނުވޭ ބަތޫލް ދެކެ ލޯތްބެއް... އަޑު އިވިއްޖެތަ؟... ކައިވެނީގެ ރަސްމިއްޔާތަށް ނައީވެސް އެހެންވެ... ލޯބިނުވާ މީހަކާއެކު މުޅި އުމުރުދުވަސް ހޭދަކޮށްލަން ބޭނުން ވާނީ ކާކު؟ ޔަޤީނުން ވެސް އެކަހަލަ މޮޔަކަމެއް ކުރާހާ އަހަރެން ގަމާރެއް ނޫން!... އަހަރެން ދުވަހަކު ވެސް ބަތޫލްދެކެ ލޯތްބެއް ނުވޭ، އަހަރެންގެ ފަހަތުން ޖައްސާލާފައި ހުރީމަ ބޮލަށް އުނދަގޫވެގެން ރައްޓެހިވީ ވެސް... އަހަރެންގެ ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯސް އެއީ... ހުރިހާކަމެއް ހައްދުން ބޭރުވާ ހިސާބަށް ދިޔައީމަ ފިޔަވަޅު އަޅަން މަޖުބޫރުވީ... މިހާރު ހުރިހާކަމެއް ވެސް މިވަނީ ހައްލުކުރެވިފައި...'' ހަރުކަށި ރާގަކަށް އަޒްޔާން ވާހަކަދެއްކިއެވެ.

ލޯފުރެމުން އައި ކަރުނަތަކުން މަންޒަރުތައް ފުސްވި ހިނދު ކަންފަތުގައި ގުގުމައިގެން ދިޔަ ލަފުޒުތަކުން ބަތޫލްގެ ހިތް ހުއްޓޭހާ ވިއެވެ. އެފަދަ ރަހުމު ކުޑަ ލަފުޒުތަކެއް ދުވަހެއްގެ ކޮޅުން ވެސް އަޑުއަހަން ޖެހިދާނެކަމަށް ބަތޫލް އުއްމީދެއް ވެސް ނުކުރެއެވެ. އަޒްޔާންގެ ފަރާތުން އޭނައަށް ލިބުނު ލޯބި ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހިތި ޒަހަރަކަށް ވެގެން ހިނގައްޖެއެވެ. އެޒަހަރުގެ ބާރުގަދަ ކަމާއެކު އޭނަގެ ރޫހު ވެސް ގުޑުވާލައިފިއެވެ. ހަރަކާތްތައް ގަނޑުވެފައި ބަތޫލްއަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއް ވެސް ނޭގެއެވެ. އެޖުމްލަ ހަޖަމުކުރަން އޭނައަށް ނުހަނު އުނދަގޫ ވިއެވެ.

''ނޫން...'' ހިތުގެ ހިނގުމަށް ބުރޫ އަރައިގެން ދިއުމާއެކު ބަތޫލްއަށް މެޔާވީ ފަޅީގައި ކަނާއަތް ގެނެސް ޖައްސާލެވުނެވެ. އޭނަގެ ހިތް ދެންމެދެންމެ ހުއްޓިދާނެހެން ބަތޫލްއަށް އިހުސާސްކުރެވެމުން ދިޔަ އެވެ. ނޭވާލާން ވެސް ދަތިވާން ފެށިއެވެ. އެމޫނުގެ ދިރުން ގެއްލިފައި ވާއިރު އެދެލޮލުން ފެންނަމުން ދިޔައީ ނިމުމެއް ނުވާ ހިތްދަތިކަމާއި ރިހުމެވެ.

''ނޫން... ނޫން... ބުނޭ ތީ ދޮގެކޭ... ޒޭން އަހަންނާ ސަމާސާ ކުރަނީތާ؟...... ޕްލީޒް... ބުނެބަލަ ތީ ދޮގެކޭ، އަހަރެން ދެކެ ލޯބިވެޔޭ ބުނެލަބަ... ޒޭން އަހަރެން އާދޭސްކުރަން އަހަންނާ ތިހެން ވާހަކަ ނުދައްކަބަލަ، އަހަރެން ހިތުގައި ނުޖައްސަބަލަ، އަހަރެން ލޯބިވާވަރު ނޭގެނީތަ؟...'' ބަތޫލް ހީވީ މޮޔަވިހެންނެވެ. ހަށިގަނޑަށް ލިބުނު ކުއްލި ބާރާއެކުގައި އޭނަ ގޮސް އަޒްޔާންގެ ގަމީހުގައި ދެއަތުން ބާރަށް ހިފަހައްޓާލަމުން އާދޭސްކުރަން ފެށިއެވެ. އޭރު އެދެލޮލަށް ތާޒާ ކަރުނަތައް ޖަމާވަމުން ދިޔަ އެވެ. ލިބިފައިވާ ހިތާމައިގެ ސަބަބުން ބަތޫލްގެ ސިކުނޑި ރަގަޅަށް މަސައްކަތެއް ވެސް ނުކުރިއެވެ. އަޒްޔާން އޭނައާއި ނުބައި ސަމާސާއެއް ކުރަނީ ހެއްޔެވެ؟ ލޯބި ނުވާ ކަމަށް އެބުނަނީ އޭނަ ތަޅުވާލަން ހެއްޔެވެ؟

''ބަތޫލް ހިތްއެދޭ ގޮތަކަށް ވާހަކަ ދައްކާކަށް އަހަރެން ނުޖެހޭނެ... ވަރަށް ސާފުކޮށް ޖަވާބު ދެވިއްޖެ، ދެން އިތުރަށް ބަތޫލްއަށް ވިސްނައިދޭނެ ގޮތެއް އަހަންނަކަށް ނޭގޭ...'' ބަތޫލްގެ ދެއަތުގައި ހިފަހައްޓަމުން އަޒްޔާން ވާހަކަ ދެއްކިއެވެ. އޭނަ ބަތޫލް ދުރަށް ކޮއްޕާލުމާއެކު ލުއިފަތެއް ވަޔާއެކު ވިއްސައިގެންދާ އުސޫލް ގޮސް ބިންމަތީގައި ޖެހުނެވެ. އެވަގުތު ލިބުނު ސިހުމާއި ހިތަށް ކުރި އަސަރުން ބަތޫލްއަށް ބާރަށް ގިސްލެވިއްޖެއެވެ. ވެއްޓުނު ވަގުތު އުނަގަނޑަށް އެރި ތަދު ވެސް އޭނައަށް އިހުސާސް ނުކުރެވޭ ކަހަލައެވެ. ކުރެވޭނީ ވެސް ފަހެ ކިހިނެއް ހެއްޔެވެ؟ ޖިސްމަށް ލިބިފައިވާ ގިލަންވެރިކަމާއެކު އޭނަ ބަރުދާސްތުކުރަމުން އެދާ ވޭން އެއްވެސް އިންސާނަކަށް އިހުސާސް ނުކުރެވޭނެއެވެ. ލޯބިވެރިޔާގެ ދުލުން ބޭރުވި ބަސްތަކުން އޭނަ ރޫހުވެސް އޭނަ ދޫކޮށް ފިލަން ބޭނުންވާ ފަދައެވެ. މިހުރިހާ ހިތާމައަކަށް އޭނަ ކެތްކުރާނީ ފަހެ ކިހިނެއް ހެއްޔެވެ؟

ޖުޝާއުއަށް އޭނަގެ ލޯކުރިމަތިން ފެނުނު މަންޒަރުތައް ޤަބޫލުކުރަން ވެސް ނޭގިފައި އިރުކޮޅެއް ވަންދެން ހުރެވުނެވެ. މުށްކަވާލެވުނު އަތާއެކު ކޮންޓްރޯލް ކުރަމުން އައި ރުޅިގަނޑު އަމިއްލަ ބާރުގެ ދަށުން ދޫވިއެވެ. އަޒްޔާންއާ ދިމާއަށް ދާން އުޅެފައި ވެސް މިވަގުތު ބަތޫލްއަށް އޭނަގެ އެހީ ބޭނުންވާނެ ވަރު އަންދާޒާ ކުރެވުމާއެކު އޭނަ އަވަސްއަވަހަށް ބަތޫލް ގާތަށް ޖެހިލަމުން ތެދުވާން އެހީވެދިނެވެ. އޯގާތެރި އަތެއްގެ ފިރުމުމާއެކު ބަތޫލްއަށް ޖުޝާއުގެ ގައިގައި އޮޅުލައިގަނެވުނެވެ. އޭނައަށް ބާރަށް ގިސްލެވުނީ ދެނެވެ. ޖުޝާއުގެ އަތުތެރެއަށް ރޫޅިދާނެހެން ވެސް ހީވިއެވެ.

ބޭރުގައި އަޑުގަދަ ވެގެން ކޮޓަރިން ނިކުތް ޒައިނަބަށް ފެނުނު މަންޒަރާއެކު އޭނަގެ ދެލޯ ބޮޑުވެ އަނގަމަތީ އަތްއަޅާލެވުނެވެ. ފިޔަވަޅުތަކަށް ބާރުލަމަން އައިސް އޭނަ ގޭގަ މައިދޮރާއި އަރާހަމަކުރިއެވެ. އަޒްޔާންއަށް ބަލާލި ވަގުތު އެލޮލުން ފޮރުވިފައިވާ ހިތްދަތިކަމެއްގެ އަސަރު ފާޅުވިއެވެ. އިރުކޮޅަކު ރުޅިވެރިކަމުން ފޯވެފައި ހުރި އަޒްޔާންއަށް ބަލާލަމުން ޒައިނަބުގެ ނަޒަރު ދެން އަމާޒުވީ ގިސްލާ ރޮމުން ދިޔަ ބަތޫލް އަށެވެ. އޭނަގެ ހިތުގައި އޭރު ވަނީ ބަޔާންކުރަން ދަތި ތަދެއް އުފަންވެފައެވެ. ބަތޫލްގެ ގާތަށް ދާން ބޭނުންވިއެއް ކަމަކު ކުރިއަށް އަޅަން އުޅުނު ފިޔަވަޅު ހުއްޓުމަކަށް އައީ އަޒްޔާން އޭނަގެ އަތުގައި ހިފަހައްޓައި އެކަން މަނާކުރުމުންނެވެ. އަޒްޔާން އޭނަގެ މަންމައާއި ބަދަލުކޮށްލި ނަޒަރާއެކު ޒައިނަބަށް ޖެހުނީ ހިތާއި ދެކޮޅަށް ވެސް ދަރިފުޅު އެދުނު ފަދައިން ކަންތައްކޮށްދޭށެވެ. އެއީ މަސްލަހަތަށް އޮތް އެންމެ ރަގަޅު ހައްލެވެ.

ރޮމުން ދިޔަ ބަތޫލް ކަރުނަތައް ފޮހެލަމުން އަޒްޔާންއާއި ކުރިމަތިލާން އުޅުނު ވަގުތު ޒައިނަބު ފެނުމާއެކު އޭނައަށް ވީގޮތެއް ވެސް ނޭގުނެވެ. އަޒްޔާންއަށް މިވަގުތު ވިސްނައިދެވޭނީ ހަމައެކަނި ޒައިނަބަށްކަން ބަތޫލްއަށް އެނގެއެވެ. މިވީހާ ދުވަހު ޒައިނަބުގެ އެއްވެސް ހުށަހެޅުމަކަށް އަޒްޔާން ދެކޮޅު ހަދާފައި ނުވެއެވެ. އލޯބީގައި ލިބުނު ނާކާމިޔާބީ އެހާ ފަސޭހައިން ޤަބޫލުކުރަން ބަތޫލްގެ ޒަމީރު ދެކޮޅު ހެދިއެވެ.

''މަންމާ، ޒޭން ގާތު ބުނެބަލަ އަހަންނާ ސަމާސާ ނުކުރާށޭ...'' ބަތޫލްއަށް ބުނެވުނެވެ.

''ބަލަ ކިތައް ފަހަރު ބުނީމަތަ ކަލެއަށް ވިސްނޭނީ؟.... އަހަރެން އަތުންފައިން ގޯހެއް ނެހެދެނީސް މިތަނުން ދާން އުޅޭ، ނޫނީ ގަދަކަމުން ބޭރުކުރަންވީތަ!...'' އަޑުގެ ކޮޅަށް އަޒްޔާން ހަޅޭއްލަވައިގަތެވެ. އޭރު އޭނަގެ ކަރުގެ ނާރުތައް ވެސް ފުއްޕާލާފައި ވެއެވެ. އަޒްޔާންގެ ހަޅޭކުން ސިހުން ލިބުނު ބަތޫލްއަށް ހަރަކާތެއް ވެސް ކޮށްލަން ނުކެރުނެވެ. ތުރުތުރުއަޅަމުން ދިޔަ ތުންފަތުން ވޭނީ އާހެއްގެ އަޑު ބޭރުވި ހިނދު އޭނައަށް ފަހަތަށް ޖެހިލެވުނެވެ. ރުޅިން ފޯވެފައިވި އަޒްޔާންގެ ސޫރައަށް ބަލަން އިތުރަށް އޭނައަށް ކެތެއްނުކުރެވުނެވެ.

''ބަތޫލް...'' ސިޑިން ފައިބަން ދުއްވައިގަތް ބަތޫލްއަށް ޝުޖާއު ގޮވާލިއެވެ. އޭނަ ބަތޫލްގެ ފަހަތުން ދާން އުޅެފައި ވެސް ފިޔަވަޅުތަކުގެ މިސްރާބު ބަދަލުކޮށްލަމުން އަޒްޔާންއަށް ބަލާލިއެވެ. އޭރު ޝުޖާއުގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ބަތޫލް އުފުލަމުން ދިޔަ ހިތާމައިގެ ބަދަލު ހިފަން އޭނަ ބޭނުން ވިއެވެ. އަވަސް ފިޔަވަޅުތަކެއްގައި އޭނަ ގޮސް އަޒްޔާންގެ ގަމީހުގެ ގިރުވާނުގައި ހިފަހެއްޓިއެވެ.

''އައި ތޯޓް ޔޫ ޑިޒާވްޑް ހާރ...... ބަޓް ޝީޒް ބެޓާރ އޮފް ވިތައުޓް ޔޫ...'' ގޮށްމުށުގެ އެތިފަހަރެއް އަޒްޔާންގެ މޫނަށް ވީއްލާލަމުން ޝުޖާއު ހަރުކަށި ރާގަކަށް ބުނެލިއެވެ. ދެވަނަ އެތިފަހަރު ވެސް އަތަށް ލެވުނުހާ ބާރަކާއެކު ވީއްލާލުމުން އަޒްޔާންގެ ނޭފަތް ފަޅައިގެން ގޮސް ލޭއަންނަން ފެށިއެވެ. އަމިއްލަ ދިފާއުގައި ތެދުވާކަށް ވެސް އަޒްޔާން ބޭނުން ނުވާ ކަހަލައެވެ. ތިންވަނަ ފަރަހަށް އަޒްޔާންގެ ގައިގައި ޖަހަން އުޅުނު ވަގުތު ޝުޖާއުގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ބިރުވެރިކަމުން ފުރިގެންވި ޒައިނަބުގެ ހަޅޭކުގެ އަޑަށެވެ. މުށްކެވިފައިވި އަތް ތިރިކޮށްލުމަށްފަހު އޭނަ އަޒްޔާންގެ މޭގައި އަތްއަޅައި ދުރަށް ކޮއްޕާލީ ހަށިގަނޑަށް ލެވުނުހާ ބާރަކާއެކުގައެވެ. އެއަށްފަހު އޭނަ ސިޑިއާ ދިމާއަށް ހިނގައިގަތީ ބަތޫލްގެ ހާލާމެދު ހަމްދަރުދީވެފައިވާ ހާލުގައެވެ.

*****

ވެހެމުން ދިޔަ ބޯވާރޭތެރޭން ބަތޫލް ހިނގަމުން ދިޔައީ މަންޒިލް ގެއްލިފައިވާ މުސާފިރެއް ފަދައިންނެވެ. އޭނަގެ ހަޔާތުގެ ރާސްތާ ވަނީ މުޅިންހެން އޮޅިގެން ގޮސްފައެވެ. ބަތޫލްއަށް އޭނަގެ މޭގައި އަތް ޖައްސާލެވުނީ މޭގައި އުފެދިފައިވާ ތޫނު ރިހުމުގެ ސަބަބުންނެވެ. ތުރުތުރުއަޅަމުން އައި ތުންފަތް ފޫއަޅުވާލާފައި ވޭނީ އާހެއްގެ އަޑު ބޭރުވި ހިނދު އޭނައަށް ބާރަށް ގިސްލެވުނެވެ. އަޒްޔާންގެ ރަހުމު ކުޑަ ލަފުޒުތައް ކަންފަތުގައި ގުގުމާލައިގެންދާ ކޮންމެ ފަހަރަކު އެހިތަށް ތުނޑުތޫނު ކަށިތަކެއް ހެރޭހެން ވެސް ހީވިއެވެ. މިހާ ބޮޑު ހިތްދަތިކަމެއް އޭނައަށް ލިބެންވީ ކީއްވެގެން ހެއްޔެވެ؟ އޭނައަށް ކުރެވުނީ ކޮން ގޯސްކަމެއް ހެއްޔެވެ؟ ލޯބި ވެވުން އެއީ ކުށެއް ހެއްޔެވެ؟ ލޯހުޅުވާލާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހުޅުދާންވެފައިވި އޭނަގެ ހަޔާތުގައި ހުޅުރޯވެ އަނދާއަޅިއަށް ވެގެން ދިޔައީ ކީއްވެ ހެއްޔެވެ؟ އަޒްޔާންގެ ކުރިމަތީގައި އޭނަ ފައިފުއްސަކަށް ވެސް ނުވިއެވެ. ބޭނުން ކެނޑުމުން އެހަޔާތުން އޭނަ ނެރެލީ އޭނަގެ ހިތަށް ކުރާނެ އަސަރުތަކާ މެދުވެސް ވިސްނާލުމެއް ނެތިއެވެ. އެތައް އަހަރަކަށް ދިގުދެމިގެން ދިޔަ ލޯތްބަށް ޤަދަރުކުރުމެއް ވެސް ނެތިއެވެ. ހިތާމައިގެ އޮއެވަރުގެ ތެރޭގައި ބެހި ބަތޫލްގެ ނަފުސު ވޭނުގެ ކަނޑަށް ގެނބެން ކައިރިވިއެވެ. އޭނަގެ ހަށިގަނޑަކު މިހުރިހާ ތަކުލީފެއް ބަރުދާސްތުކުރާނެހާ ހަކަތައެއް ނެތެވެ. އަޒްޔާންގެ ފަރާތުން ފެނުނު ރުޅިވެރިކަމާއި، ނަފްރަތުގެ ބަސްތަކުން އޭނަ ވަނީ މުޅިން ބަލިކަށިވެފައެވެ.

''ޝިޓް!...'' ބޭރަށް ނިކުތް ޝުޖާއު ދުވެލާފައި ގޮސް ކާރާއި އަރާހަަމަވުމާއެކު އޭނައަށް ލިބިފައިވާ ނުތަނަވަސްކަން ދެގުނައަށް އިތުރުވި ކަހަލައެވެ. އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން އޭނަައަށް މަގުގެ ދެފަރާތަށް ނަޒަރު ހިންގާލެވުނީ ހާސްކަމާއެކުގައެވެ. ވާރޭގެ ސަބަބުން ދުރުދުރަށް ދާންދެން މަންޒަރުތައް އޮތީ ފުސްކޮށްލާފައެވެ. ދާނެ ދިމާލެއް ނޭގިފައި އިރުކޮޅެއް ވާންދެން އޭނައަށް ހުރެވުނެވެ. މީހުންތައް ވެސް މަދުވެފައި މަގަށް ވެރިވެފައި އޮތީ ފަޅުކަމެވެ.

ޝުޖާއު އަވަސްއަވަހަށް ކާރަށް އަރައި ދުއްވާލިއެވެ. ބަތޫލްގެ ހާލާމެދު އޭނަގެ ހިތް ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހިތާހިތާ ދުޢާކުރެވެމުން ދިޔައީ ބަތޫލްއަށް ދެރަގޮތެއް މެދުވެރިނުވުމަށް އެދިއެވެ. ތަފާތު ޚިޔާލުތަކެއްގެ ތެރޭގައި ވަނިކޮށް ޝުޖާއުއަށް ސިހުމެއް ލިބުނީ ކަރުނައިން އޭނަގެ ކޯތާފަތް ތެތްމާލުމާއެކުގައެވެ. ތުނިކޮށް ހުރި ތުނބުޅީގެ ތެރޭން ކަރުނަތައް ފޭދެމުން ދަނިކޮށް އޭނަ ނިކަން އަވަސް ހަރަކާތާއެކު ކަރުނަތައް ފޮހެލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލެވުނީ އުތުރިއަރަމުން އައި ޖަޒުބާތުތައް ބޭރުކޮށްލަން ބޭނުންވެފައި އިދެއެވެ.

ލަސް ދުވެއްޔެއްގައި ކާރު ދުއްވަމުން މަގަށް ފަރުވާތެރިވެ އިދެ ބަލަމުން ދިޔަ ޝުޖާއުއަށް ކާރުގެ ބުރަކި ޖައްސާލެވުނީ މަގުގެ ދުވާރުމަތީ އިށީންެދެލައިގެން އިން އަންހެންކުއްޖާ ފެނުމާއެކުގައެވެ. ލައިގެން ހުރި ހުދުކުލައިގެ ހެދުމާއި ދިގު އިސްތަށިގަނޑުގެ އެހީގައި އެއީ ބަތޫލްކަން ދެނެގަންނަން އޭނައަށް ގިނަ އިރެއް ބޭނުމެއް ނުވިއެވެ. މަގުގެ އެއްފަރާތުގައި ކާރު ޕާކްކޮށްލަމުން ޝުޖާއު ކާރުން ފޭބިއެވެ. އަދި ބަތޫލް ގާތަށް ދާން ދުއްވައިގަތެވެ.

''ބަތޫލް...'' އިވުނު އަޑާއެކު މޫނުމަތީ އަޅާލެވިފައިވި އަތްތިލަ ދުރުކޮށްލަމުން ބަތޫލް އިސްއުފުލާލިއެވެ. އޭރު ޝުޖާއު އައިސް ބަތޫލްއާ އަރާހަމަކުރަނީއެވެ. އެމޫނުމަތިން ފެންނަނީ ހާސްކަމެވެ.

ޝުޖާއު ބަތޫލް ގާތަށް ހުއްޓިލަމުން އެދުނީ އޭނައާއެކު އައުމަށެވެ. ވޭރެއާއި ފިނީގެ ސަބަބުން ބަލިވެދާނެ ކަމަށެވެ. ބަތޫލް އެއިން އެއްވެސް ކަމަށް ސަމާލުކަމެއް ނުދިނެވެ. ހުރިތަނުން ގުޑާ ނުލިތާނގައި ޝުޖާއުގެ ވާހަތަކަށް ސަމާލުކަމެއް ވެސް ނުދިނެވެ.

''ބަތޫ...'' ގޮތް ހުސްވެފައިވާ މީހަކު ފަދައިން ޝުޖާއު ގޮވާލިއެވެ. އަދި ކުޑަކަކޫ މައްޗަށް ތިރިވެލަމުން ބަތޫލްގެ އަތުގައި ހިފެހެއްޓިއެވެ. އެއާއެކު ޝުޖާއުގެ ގައިގައި ބަތޫލްއަށް ބައްދައިގަނެވުނެވެ.

''ކީއްވެތަ މިހެން މިވީ؟، ކީއްވެތަ ޒޭން އަހަންނާ އެގޮތަށް ވާހަކަ ދެއްކީ؟، ކީއްވެތަ ޒޭން އަހަރެން ދެކެ ލޯބި ނުވެޔޭ ބުނީ... ދެން ކިހިނެއްތަ ވާނީ... ޝުޖާ... އަހަރެން ޒޭން ބޭނުން، އަހަންނަށް ޒޭން ހޯދައިދޭނަންތަ؟، ބުނެބަލަ އަހަންނަށް ޒޭން ހޯދައިދޭނަމޭ... އަހަންނަށް ނޫޅެވޭނެ ޒޭންއާ ނުލާ...'' ހިތުގެ ހުރިހާ އުދާހެއް ޝުޖާއުގެ ކުރިމަތީގައި ބަތޫލް ބަންޑުންކޮށްލިއެވެ. އޭނަގެ ވާހަކަތައް ހުރީ ލޯބީގައި އާވާރާވެފައިވާ މީހެއް ފަދައިންނެވެ. ލިބުނު ޝޮކު އަދިވެސް ފިލައިގެން ނުދަނީ ކަން ނޭގެއެވެ.

ބަތޫލްގެ ހަށިގަނޑު ދެއަތުން ވަށާލި ޝުޖާއުއަށް ހުރެވުނީ ބަތޫލްގެ ޖުމްލައިން ބުނާނެ އެއްޗެއް ނޭގިފައެވެ. ހިތްވަރު ދިނުމުގެ ބަސްތަކެއް ބުނަން ބޭނުންވިޔަސް އެކަން ވެސް ވާކަށް ނެތެވެ.

ހިތުގައި ޖެހި ބަތޫލް ރޯތަން ފެނި ޝުޖާއުގެ ހިތުގައި އަޅަން ފެށި ވޭން ގަދަވާން ފެށިއެވެ. ބަތޫލްގެ ހުރިހާ އުއްމީދަކާއި ހުވަފެންތައް ހަޤީޤަތަކަށް ވުމަށް އޭނަގެ ބާރުގެ ދަށުގައިވި ހުރިހާ ކަމެއް އޭނަ ކުރިއެވެ. ހިތުގައި ވޭން އެޅިކަމުގައި ވިޔަސް މެއެވެ. އެހިނިތުންވުން ސިއްރުން ދެކި ހިތަށް ވެރިވެފައިވި މޮޅިވެރިކަމަށް ވަގުތީ ޝިފާއެއް އޭނަ ހޯދިއެވެ. ހިތުގައިވި ޖަޒުބާތުތައް ވަންހަނާ ކުރީ އެކަމުގެ ސަބަބުން ބަތޫލްގެ އުފަލަށް ހުރަކަށް ވާން ނޭދޭތީއެވެ. ބަތޫލްއާއި އޭނައާ ދެމެދުވި ނާޒުކު ގުޅުމަށް ނިމުން އަންނަން ބޭނުން ނުވާތީއެވެ. އަމިއްލަ ހިތް މަތީ ހިލަގަނޑެއް ބާއްވާގައިގެން ބަތޫލްގެ ލޯބި ހާސިލްކޮށްދިނުމަށް އޭނަ ހާދަ ގިނަ މަސައްކަތެއް ކުރިއެވެ. އޭނަ އެހުރިހާ ކަމެއް ކުރީ ބަތޫލްގެ އުފަލަށްޓަކައެވެ. އެއަންހެންކުޖާގެ ލޮލުން ކަރުނަ ތިއްކެއްގެ މިންވަރު ވެސް ފައިބަން ނޭދޭތީއެވެ. ނަމަވެސް މިއަދު އެހުރިހާ ކަމެއް މިވަނީ ބަދަލުވެފައެވެ. އޭނައަށް ކުރިމަތިލާން ޖެހިފައިމިވަނީ ނާކާމިޔާބީއާ އެވެ. އޭނަގެ އަތުގެ ހިމާޔަތުގެ ތެރޭގައި ހުރެ ބަތޫލް ރޮމުންދާ ކޮންމެ ފަހަރަކު ހިތުން ލޭކަރުނަ އޮހޮރޭހާ ވިއެވެ.

ޝުޖާއުގެ ލޮލުން ވެސް ކަރުނަ ހިލިފައިވިއެވެ. އޭރު އޭނަގެ ހިތުގައި އަޒްޔާންއާ މެދު އުފެދިފައިވާ ރުޅިވެރިކަން ދިޔައީ އިހުނަށްވުރެ ގަދަވަމުންނެވެ. އޭނަ އަޒްޔާންއަށް ހާދަ ވަރަކަށް އިތުބާރުކުރިއެވެ. ނަމަވެސް އެންމެ ފަހު ވަގުތު އަޒްޔާން އެވަނީ ރަހުމެއް ނެތް ގޮތުގައި ބަތޫލްގެ ހުރިހާ އުފަލެއް ފޭރިގަނެފައެވެ. އެމައުސޫމް ކުއްޖާގެ ދިރިއުޅުން ހަނަފަސްކޮށްލާފައެވެ.

*****

''ދަރިފުޅާ...'' ވައިރޯޅީގެ ބާރުމިނުގައި އެތެރެއަށް ވަން އަޒްޔާންއަށް ޒައިނަބު ގޮވާލިއެވެ. ނަމަވެސް އެއަޑު އަޒްޔާންއަށް އިވުނު ކަމަށް ނުވިއެވެ. ދެފަޔަށް ލެވުނުހާ ބާރަކާއެކު އޭނަ ގޮސް ކޮޓަރިއަށް ވަދެ ބަންލާފައި ދޮރުފަތް ޖެހިއެވެ.

އަޒްޔާންގެ ފަހަތުން ދިޔަ ޒައިނަބު ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ތަޅުލާފައި ހުރުމުން އޭނަ ދެފަހަރަކު ޓަކި ޖަހާލިއެވެ. ޚަބަރެއް ނުވުމުން މަޔޫސްވެފައި ހުރެ ޒައިނަބު އަޒްޔާންއަށް ގޮވާލިއެވެ. ވަމުން މިދާ ހުރިހާ ކަމަކާ ހުރެ އޭނަގެ ސިކުނޑި ފަޅައިގެންދާ ހިސާބަށް ކަންތައް ދިޔަ އެވެ. އަޒްޔާން އުފުލަމުން އެދާ ތަކުލީފުތައް އޭނައަށް ރަގަޅަށް އިހުސާސް ކުރެވެއެވެ. ބަތޫލްއާ މެދު ކަންތައް ކުރެވުނު ގޮތުން އެހިތުގައި އަޅާނެ ވޭން ވެސް މެއެވެ. ނަމަވެސް ކުރެވޭނެެ އިތުރުކަމެއް ނެތެވެ. މަޖުބޫރީގެ ޝިކާރައަކަށް އޭނަގެ ދަރިފުޅު އެވަނީ ވެފައެވެ. އެހިތަށް އިތުރު ތަކުލީފެއް ލިބެނީ ދަރިފުޅަށް އެހީގެ އަތެއް ފޯރުކޮއްދެވޭނެ އިތުރު އެއްވެސް ގޮތެއް ނެތުމުންނެވެ. ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން ޒައިނަބު އަވަސް ނޭވާތަކެއް ދޫކޮށްލިއެވެ.

(ނުނިމޭ)

comment ކޮމެންޓް