މައިކްރޮސޮފްޓުގެ 40 ބިލިޔަން ޑޮލަރުގެ ހިއްސާ އަނބުރާ ގަންނަނީ

މައިކްރޮސޮފްޓްގެ ސީއީއޯ ސަތިޔާ ނަޑެއްލާ -- ފޮޓޯ/ އޭޕީ

އެމެރިކާގެ ސޮފްޓްވެއާ ކުންފުނި މައިކްރޮސޮފްޓުން ވިއްކާފައިވާ އެ ކުންފުނީގެ 40 ބިލިޔަން ޑޮލަރުގެ ހިއްސާ ކުންފުންޏަށް އަނބުރާ ގަތުމަށް ނިންމައިފި އެވެ.

މީގެ ތިން އަހަރު ކުރިން، ސެޕްޓެމްބަރު 2013 ގައި ވެސް މައިކްރޮސޮފްޓުން ވަނީ އެ ކުންފުނީގެ 40 ބިލިޔަން ޑޮލަރުގެ ހިއްސާ އަނބުރާ ގަތުމުގެ ސްކީމެއް އިއުލާން ކޮށްފަ އެވެ. އެ ސްކީމު މި އަހަރު ނިމުމުގެ ނިޔަލަށް ނިމޭނެ ކަމަށް ބެލެވެ އެވެ.

ސާޅީސް ބިލިޔަން ޑޮލަރުގެ ހިއްސާ އަނބުރާ ގަތުމަށް މައިކްރޮސޮފްޓުން ދެވަނަ ފަހަރަށް ސްކީމެއް އިއުލާން ކުރީ އެ ކުންފުނީގެ ހިއްސާގެ އަގާއި ހިއްސާއަކަށް ބަހާ ފައިދާ ބޮޑުކުރުމަށެވެ.

މައިކްރޮސޮފްޓުން ބުނެފައިވާ ގޮތުން، ކޮންމެ ކުއާޓަރެއްގައި އެ ކުންފުނިން ބަހާ ޑިވިޑެންޑު ނުވަތަ ހިއްސާއަކަށް ބަހާ ފައިދާ އަށް ޕަސަންޓު ބޮޑު ކުރަން ވަނީ ނިންމައިފަ އެވެ.

މައިކްރޮސޮފްޓުން ދަނީ އެ ކުންފުނި ބޮޑު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މައިކްރޮސޮފްޓުން މި އަހަރުގެ ކުރީކޮޅު ވަނީ ޕްރޮފެޝަނަލް ނެޓްވޯކިންގް ވެބްސައިޓު "ލިންކްޑްއިން" ގަނެފަ އެވެ. ސައްބީސް ބިލިޔަން ޑޮލަރު ނަގުދު ފައިސާއިން ދައްކައިގެން "ލިންކްޑްއިން" ގަތް އިރު، އެއީ މައިކްރޮސޮފްޓުން މިހާތަނަށް ކުރި އެންމެ ބޮޑު ވިޔަފާރި އެވެ.

މައިކްރޮސޮފްޓުގެ ސީއީއޯ ސަތިޔާ ނަޑެއްލާ ވިދާޅުވީ އެއީ މައިކްރޮސޮފްޓުގެ ފަރާތުން ކްލަޔަންޓުންނަށް ޕްރޮފެޝަނަލް ޚިދުމަތް ދިނުމަށް ފެށި މަސައްކަތުގެ ތެރެއިން ކުރި މުހިންމު، އަދި ބޭނުންތެރި ވިޔަފާރިއެއް ކަމަށެވެ.

comment ކޮމެންޓް