އައިފޯން 7 އިން ފާޑެއްގެ އަޑެއް ކިޔާތަ؟ ވާގޮތަކީ މިއީ؟

އައިފޯން 7 އާއި 7 ޕްލަސްއިން ގޮތް ނޭނގޭ އަޑެއް ކިޔާ ކަމަށް ކަސްޓަމަރުން ވަނީ ޝަކުވާ ކޮށްފައި --

އެޕަލްއިން އިން އެންމެ ފަހުން ނެރުނު އައިފޯން 7 އާއި 7 ޕްލަސްއިން ގޮތް ނޭނގޭ އަޑެއް ކިޔާ ކަމަށް ބުނެ ގިނަ އަދަދެއްގެ ކަސްޓަމަރުން ވަނި ޝަކުވާ ކުރަން ފަށައިފަ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އާއައިފޯނުން އެއްފަހަރާ ގިނަ އެޕްތައް ހުޅުވާފައި ހުރުމުން "ސްޕީކަރެއް ރަނގަޅަށް ކަނެކްޓް ނުވެ ހުރުމުން ކިޔާ ފަދަ ތޫނު އަޑެއް" އިވެ އެވެ.

އެޕަލްއިން އެމައްސަލައާ ގުޅިގެން އަދި ކޮމެންޓުކޮށްފައި ނުވި ނަމަވެސް ކަމާ ބެހޭ މާހިރުން ލަފާ ކުރާ ގޮތުގައި އެއީ އާއައިފޯނުތަކުގައި ބޭނުން ކުރާ ބާރުގަދަ ޗިޕުންވާ ގޮތެކެވެ.

އާއައިފޯނުގައި ހިމަނާފައިވާ އޭ10 ފިއުޝަން ޗިޕްއަކީ އައިފޯން 6ގައިވާ ޗިޕަށް ވުރެ 40 ޕަސެންޓު ބާރުގަދަ ޗިޕެކެވެ. އޭގެ ދެ ހައި ޕާފޯމެންސް ކޯ އާއި ދެ ހައި އެފިޝިއެންސީ ކޯ ހިމެނެ އެވެ. ބެޓެރި ހަކަތަ މާބޮޑަށް ބޭނުން ނުވާ ކަންތަކަށް ހާއްސަކޮށްފައިވާ އެފިޝިއެންސީ ކޯ މަސައްކަތް ކުރަނީ ހައި ޕާފޯމެންސް ކޯއިން ބޭނުން ކުރާ ވަރަށް ވުރެ ފަސް ބައި ކުޅަ އެއްބައި ހަކަތަ ބޭނުންކޮށްގެންނެވެ.

ނަމަވެސް އައިފޯނުން ހައި ކޮލިޓީ ވީޑިއޯއެއް ސުޓްރީމް ކުރުމުން ނުވަތަ ގިނަ އެޕްތައް އެއްފަހަރާ ހުޅުވާފައި ހުރުމުން ޕްރޮސެސަރު މާބޮޑަށް ސްޓްރެސްވެ އެވެ. އަދި ފޯނުން އަޑު ކިޔަނީ އޭގެ ސަބަބުން ކަމަށް މާހިރުން ލަފާ ކުރެ އެވެ.

މީގެ އިތުރުން އަލަށް ފޯނު ގަތް ފަރާތްތަކުން އާއެޕްތައް ޑައުންލޯޑުކޮށް، ޕްރޮފައިލް އަޕްޑޭޓް ކުރުން ފަދަ ގިނަ ކަންތައް ކުރުމުން ޗިޕްގެ ޕްރޮސެސިން ޕަވާ އޯވާލޯޑުވުމުން ވެސް ފޯނު އަޑު ކިޔާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ.

ނަމަވެސް އެ މައްސަލަ ހައްލު ކުރުމަށް ޓަކައި ފޯނު އެޕަލް ސްޓޯރަކަށް ގެންދިޔުން ނުވަތަ ފޯނުގެ ޕްރޮސެސަރު މާބޮޑަށް ސްޓްރެސް ނުވާކަން ޔަގީން ކުރުން ނޫން ކަމެއް ކުރެވެން ނެތް ކަމަށް ވެސް މާހިރުން ބުނެ އެވެ.

އައިފޯނުން އަޑެއް ކިޔާ ކަމުގެ ޝަކުވާ އާއްމުވެފައި ވަނީ އެޕަލް ޑިވައިސްތައް އައިއޯސް 10 އަށް އަޕްޓޭޑް ކުރުމުން ފޯނުގެ ބެޓެރީ މާއަވަހަށް ހުސްވާކަމަށާއި ޑިވައިސް މާސްލޯވާ ކަމުގެ ހަބަރު ފެތުރިފައި ވަނިކޮށެވެ.

comment ކޮމެންޓް