ޖޯކް އުސޫލެއް، މަގުތައް ފުރި ނުހައްގުން ބައެއްގެ ޖީބުތައް ފުރެނީ!

މާލޭގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކެއް-- ސަން ފޮޓޯ: އަހުމަދު ޝަރުވާން

ހަތަރު ފުރޮޅުލީ އުޅަނދެއްގެ ފުޅާމިނުގައި ގާތްގަނޑަކަށް 1800 މިލިމީޓަރު އަދި ދިގުމިނުގައި 5000 މިލިމީޓަރު ހުރެ އެވެ. ކޮންމެ ގޮތަކަށް ބެލި ނަމަވެސް އެފަދަ އެއް ވެހިކަލަށް އޮވެވޭ ވަރުގެ ޖާގައެއްގައި 20 ނުވަތަ 30 ކާރު ބޭއްވޭނެ ގޮތެއް އޮންނާނެތޯ އެވެ؟ ފުން ވިސްނުމަކުން ވެސް ސިކުނޑިއަކަށް އެކަން ގަބޫލެއް ނުކުރެވެ އެވެ. ނަމަވެސް ދައުލަތުގެ މުއައްސަސާއަކުން އެކަން އެބަގަބޫލު ކުރެ އެވެ. ނަތީޖާއަކީ މަގުތައް ތޮއްޖެހި މަޖުބޫރުން ކުށަށް އަރައިގަންނަން ޖެހުމާއި މަގުތަކަށް ބާރު ބޮޑުވުމެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދުގެ ހަތަރު ވަނަ މާއްދާގެ "ރ"ގައި ބުނާ ގޮތުން އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންކުރާ ސައިކަލް ފިޔަވައި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކޮށްދޭނީ އެ އުޅަނދެއް ބާއްވާނެ ގަރާޖެއްގެ ލިޔުން އެގަރާޖެއްގެ ވެރިފަރާތުގެ ހުއްދައާއެކު ހުށައެޅުމުން ކަމަށެވެ.

އެގަވައިދު އެގޮތަށް ހަދައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ގަރާޖެއް އޮތުމަށް މަޖުބޫރުކޮށްފައި ވަނީ މަގުތަކަށް ލުޔެއް ގެނައުމަށެވެ. ނަމަވެސް ކަންހިނގަނީ ދިމާއިދިކޮޅަށެވެ. އެ ގަރާޖުތަކުގައި ރަޖިސްޓްރީ ކުރަނީ ނަމެއްގަ އެވެ. އަދި މީގަ ހެއްވާ ކަމަކީ ކުދިކުދި ގަރާޖުތަކުގައި އެތަންތަނަށް ނުވެއްދޭވަރަށް އެތައް އުޅަނދެއް ރަޖިސްޓްރީކޮށްދޭ ކަމެވެ. އެކަން ވެފައި ވަނީ ބޮޑު ވިޔަފާރިއަކަށެވެ.

"އެއީ ވަކި ބަޔަކު މުއްސަދިކުރަން ހަދާފައި އޮންނަ އުސޫލެއް، މިހާރު 25000 އަށް ގަރާޖު ލިޔުމެއް ދެނީ، އެލިޔުން ގެންދިޔައިމާ ނޫނީ އުޅަނދު ރަޖިސްޓްރީ ނުކޮށްދޭ، އެކަމަކު ގަރާޖަކަށް 20 ވަރަކަށް ކާރު ރަޖިސްޓްރީކޮށްފައި އެބަހުރި،" ޓެކްސީ ކުރާތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މުހައްމަދު އަލީ ބުންޏެވެ.

އުޅަނދު ފަހަރު ރަޖިސްޓްރީ ކުރުމުގެ ޒިންމާ އުފުލާ ޓްރާންސްޕޯޓް އޮތޯރިޓީ އަށް ގަރާޖެއްގެ ބޮޑުމިނާއި އެތަނާ އެކަށީގެންނުވާވަރަށް އުޅަނދުތައް ރަޖިސްޓްރީ ކުރެވިފައިވާކަން އެނގެން މިހާރު މާ ލަސްވެއްޖެ އެވެ. މަގުތައް އެވަނީ ފުރެން ފަށައިފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވި ގޮތުގައި މާލޭގެ ގިނަ ޕާކިން ޒޯންތައް ވަނީ ފުލްވެފަ އެވެ. އަދި އެކަމަށް އެދެވޭ ހައްލެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މާލެ ރީ ޕްލޭން ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި ޕާކިން ޒޯންތަކަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅޭނެ ކަމަށް ވިދާޅުވި އެވެ.

ޕާކިންއަށް ބޮޑު ގޮންޖެހުމެއް!

ރަޖިސްޓްރީ ނަމްބަރެއް ނެތް އެތައް އާ ކާރަކާއި ބާކާރެއް މަގުތަކުގައި ގަރާޖު ހަދައި ބަހައްޓާފައި އެބަހުއްޓެވެ. އަދި ބޮޑެތި މަގުތަކުގެ ޕޭމަންޓް ނުފެންނަވަރަށް މަގުގެ ދެ ފަރާތުގައި އެތައް އުޅަނދެއް ޕާކްކޮށްފައި އެބަހުއްޓެވެ. ގަރާޖުގައި ޕާކްކުރަން އަންގާފައިވާ އުޅަނދުތައް މަގުތަކަށް ގިނަވުމުގެ ނަތީޖާ އަކީ ތޮއްޖެހިފައިވާ މާލެއަށް ޕާކިން މައްސަލަ އިންތިހާއަށް ބޮޑުވުމެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވި ގޮތުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ދާއިމީކޮށް ޕާކްކުރާ ތަނަކަށް މަގުތައް ހެދުމަކީ މަގުތައް ތަރުތީބު ކުރުމަށް ފުލުހުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ. އެމައްސަލަ ބޮޑުވެ ކަމާބެހޭ ފަރާތްތަކަށް އެތައް ފަހަރެއްގެ މަތިން އެކަން އަންގާފައިވާނެ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

"ކަމާބެހޭ ފަރާތްތަކަށް ފުލުހުން ހުށައަޅައިފިން، އެކަމަކު ހައްލެއް ނާދޭ، އަދި މިހާރުވެސް އެކަންކަން ތަކުރާރުކޮށް ހިނގަމުން އާދޭ،" އިސްމާއިލް ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުކުރުމަށް ފުލުހުން ކަންކުރާގޮތަކީ ދޭތެރެދޭތެރެއިން އެގޮތަށް ހުންނަ ވެހިކަލްތައް ނަގައިގެން ތިލަފުއްޓަށް ގެންދިއުމެވެ. އެއީ މަސައްކަތާއި ވަގުތަށް ބަލާއިރު ގޮންޖެހުމަކަށްވާ އިރު އެކަން ދާއިމީ ހައްލަކަށް ވެސް މިވަނީ ނުވެފަ އެވެ.

އުޅަނދު އެތެރެކުރުމަށް ވެސް މަޑުޖެހުމެއް ބޭނުން!

މިކުޑަކުޑަ މާލެއަށް އުޅަނދު އިތުރު ކުރުން ހައްދެއް މިނެއްނެތެވެ. މިހާރު މާލޭގައި 50000 ވަރަކަށް އުޅަނދު ދުއްވަ އެވެ. ޓްރެފިކް ފުލުހުން ގަބޫލުކުރާގޮތުގައި އެ އަދަދު ކޮންޓްރޯލް ކުރަންޖެހެ އެވެ. ދުނިޔޭގެ ތަރައްގީ ގައުމުތަކަށް ބަލާއިރު އެކަން އޮންނަނީ އެގޮތަށެވެ. ހާއްސަކޮށް ވެރިރަށުގައި އުޅަނދު ދުއްވޭނީ ވަކި އަދަދަކަށެވެ. އަދި ވަކި މުއްދަތަކަށެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވި ގޮތުގައި މާލޭގައި ދުއްވޭ އުޅަނދުގެ އަދަދު 30000 އަށް ބަދަލުކުރަން މަސައްކަތް ކުރިނަމަވެސް މިހާރު އެކަން އޮތީ ހުއްޓިފަ އެވެ. ވެހިކަލް އަދަދު ކަނޑައެޅުމަށް މިހާރު މަސައްކަތެއް ނުކުރެ އެވެ.

މިހާރު މާލޭގައި ދުއްވާ އުޅަނދުތައް ޕާކް ކުރުމަށް މިހާރު ހުރި ޖާގައަކީ އުޅަނދަކަށް 1.5 މީޓަރެވެ. އުޅަނދުގެ އަދަދު 30000 އަށް ދަށްކުރެވިއްޖެ ނަމަ ޕާކްކުރާނެ ޖާގަ ދެ މީޓަރަށް ވާވަރަށް ކޮންޓްރޯލް ކުރެވޭނެ އެވެ. މީގެ ހަތް އަހަރު ކުރިން ފެށިގެން އަމަލުކުރަމުން އަންނަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ޓްރާންސްޕޯޓް އޮތޯރިޓީ އަށް ވަނީ ވަކި ސަރަހައްދެއްގައި ނުވަތަ ވަކި ރަށެއްގައި ދުއްވޭނީ ކިތައް އުޅަނދުކަން ކަނޑައެޅުމުގެ ބާރު ލިބިދީފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން ކޮށްފައެއް ނުވެ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ހުޅުމާލެ އާއި މާލެއާ ދެމެދު ބުރިޖް އެޅުމުގެ މަސައްކަތް ކުރެވެމުންދާ އިރު ވަކި އަދަދަކަށް އުޅަނދު ކޮންޓްރޯލް ކުރެވޭނީ ވަރަށް ބޮޑު ދިރާސާތަކެއް ކުރުމަށް ފަހު ކަމަށެވެ.

"މީގެ ކުރިން އޮތްކަމެއް ނޫން މާލެ އާއި ހުޅުމާލެ އާއި ބުރިޖް މެދުވެރިކޮށް ގުޅުމަކީ، އެހެންވީމާ މިހާރު އޭރާ ސިނާރިއޯ ބަދަލުވެއްޖެ ދެއްތޯ، އެހެންވީމާ މިހާރު ޖެހޭ ވަރަށް ބޮޑަށް އޭތި މޫވްމަންޓުތައް ބަލާލަން." މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ޓްރެފިކް ޕޮލިހުގެ އިސް ފަރާތަކުން ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް ރަނގަޅަށް ތަރުތީބުކޮށް ޕާކިން މައްސަލައަށް ހައްލެއް ގެނައުމަށް ފުރަތަމަ ކަމަކަށް ބިމުގެ ޖާގައަށް ބަލައި މާލޭގައި އުޅަނދު ދުއްވޭ އަދަދު ލިމިޓް ކުރެވެން ޖެހެ އެވެ. ހަމައެއާ އެކު އެ އުޅަނދެއް ދުއްވޭނީ ކިތައް އަހަރަށްކަން ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަގުތަކުގައި ޕާކްކުރާނެ ޖާގަ އެވަނީ ބޮޑެތި އުޅަނދުތަކުން ނަގައިފަ އެވެ. އެ އުޅަނދުތަކަކީ ގަވައިދު ބުނާ ގޮތުން ގަރާޖެއްގައި ޕާކްކުރަންޖެހޭނެ އުޅަނދުތަކެވެ. ނަމަވެސް އެކަން އެވަނީ އަރަތަކަށްވެފަ އެވެ. ގަރާޖެއް ނަމަ އެތައް ވެހިކަލް ރަޖިސްޓްރީ ކުރެވެ އެވެ. އެއީ ދެކޮޅު ނުޖެހޭ އަދި ބަޔަކު މުއްސަދިކުރަން ހަދާފައި އޮތް އުސޫލެކެވެ.

comment ކޮމެންޓް