"ފިރިމީހާއަށް ގަދަރުކުރަން ނޭގޭ އަންބެއް އެކަމަކު މަ ހާދަ ކެތްކުރަމޭ. އެއްވެސް ބާރެއްނެތް ކުޅޭ ކުޅޭ ބުދެއްހެން ގެންގުޅެލެވޭނެއިރު އަހަރެން މިހުންނަނީ އަދިވެސް ދުރުން، ގެއްލުމެއްވެދާނެތީ. ކަމެއްކުރަން ހިތަށް އަރާއިރަށް އަނބުރައިގަނޭ. އެހެންވެ ބިރު ކެނޑެންދެން މިހިރީ. ޚިޔާލަށް ގެނެވޭވަރަށްވުރެ އަހަރެން ބާރުގަދަވާނެ. އިންސާނުންނާއި އެކަށީގެންވާވަރަށްވުރެ ބާރުގަދަ ކަން ތި މޮޔަ އިންސިކުއްޖާއަށް ރަގަޅަށް އެނގޭނެ. ވީއިރު ތިފާޑަށް ވާހަކަ ތިދައްކަނީ އަހަރެން ލައްވާ މަޖުބޫރުން ކަމެއް ކުރުވަންތަ؟ އޭނ........" އެ ބޮޑު ބޮޑު އަތްތިލައިން އަމީރާގެ ދަތްދޮޅީގައި ހިފާލުމުން އަމީރާގެ ހިތް ރޫރޫއަޅައިގަތެވެ.

"އެހެން ކަމެއް ނޭގުނަސް ފޮނިކަނޑަން އެނގޭ......" އަމީރާ އެވަރުންވެސް ބިރުގަތްކަމަކަށް ނެހެދުނެވެ.

"އެހެން ކޮންކަމެއް ނޭގެނީ؟ " އޭމޮން ހުރީ ނުލަފާކޮށް ހިނިއައިސްފައެވެ. އަމީރާ ޚިޔާރުކުރީ ހިމޭންކަމެވެ. މި މަޚުލޫގާއި ވާހަކަދައްކަން ހިތްވަރުދެނީ ޚުދު އޭނައެވެ. އޭނަ ހިމޭނުން ހުރެއްޖެއްޔާ މި މީހާ މައިތިރިވެދާނެއެވެ. މިހާރު އޭމޮންއަށް ހީވެގެން އުޅެނީ އަމީރާ ވާހަކަދައްކާ ހިތްވަނީކަމުގައެވެ. ވާހަކަނުދައްކާ ހުރެއްޖެއްޔާ ހީކުރާނީ ބިރުންކަމަށެވެ. ހަގީގަތަކީ އޭނަ އިންތިހާއަށް ރުޅި އަންނަކަމެވެ. ފަކުރުވެސް ގަނެއެވެ. އަތްލިޔަސް ހޮޑުލަވާގޮތްވެއެވެ. އަނދިރިގަނޑެއްފަދަ މީހާގެ ދެލޮލުގައި އެހުންނަ ބިރުވެރިގޮތަކުންވެސް މީހަކު ނަފްރަތު ކުރާނެއެވެ. ސީދާ ޝައިތާނެއްގެ ނަސްލުން އައިސް ހުރި ޝައިތާނެކެވެ. ފެންނަން ނުކެރެނީވެސް ދެއްވާފައިވާ ހުތުރު ސިފައަކުންނެވެ.

"ވާހަކަ ދައްކަބަލަ. މިއަހަނީ ކޮންކަމެއްހެއްޔޭ ނޭގެނީ....." އޭމޮންއަށް އުދަގޫވީކަން ނޭގެއެވެ.

އަމީރާ އަދިވެސް ބޮޑަށް ތުންފިތާލިއެވެ. އޭމޮން ކައިރިވެލުމުން އެދިގު އިސްތަށިގަނޑު އޭނަގެ މޫނަށް ފައިބައިގެންފިއެވެ. އަމީރާގެ ހިތް ޑަންޑަންލާފައި ތެޅިގަތީ ބިރުވެރިކަމާއި ރުޅިވެރިކަން މަސްހުނިވެ ނުބައި އިހުސާސްތަކެއް ކުރެވިފައެވެ. ރަގަޅަށްވެސް މި މަޚުލޫގުގެ އަތްދަށުވެފައިވާ ގައިދީއެކޭ އޭނަގެ އެއްވެސް ތަފާތެއްނެތެވެ. ނޭގެނީ މިގޮތަށް އޭނަ މި ޝައިތާނާއާއި ކައިވެނިކުރަން އެއްބަސްވެ ހުއްދަދީގެން އުޅެނީ ކާކުކަމެވެ. އެސުވާލުކުރާނެ ހުއްދައެއްވެސް ނެތެވެ. އޮޅުން ފިލުވަން އުޅެވޭނީވެސް އެހެންނޫންނަމަ ތާއެވެ.

"މިބުނަނީނު ވާހަކަ ދައްކާށޭ...." އޭމޮން ގުގުރައިގަތެވެ.

އެވަރުންވެސް އަމީރާ ހުރީ ޖެހި ތަބެއްހެންނެވެ. އޭމޮންގެ މެޔާއި ލާ އަމީރާ ފިތާލިއިރު މޭގެ ކަށިގަނޑު ބިންދައިގެން ދާނެހެން ހީވެ ނޭވާވެސް ހާސްވިއެވެ. އެވަރުންވެސް އޭނަ ހުރީ ގޮތުގައި ހިފަހައްޓައިގެންނެވެ. ކުއްލިއަކަށް އޭމޮން އަމީރާގެ ގައިން ދޫކޮށްލާފައި ވިދުވަރެއްހާ ހަލުވިކޮށް ގޮސް ހެނާގެ އެނދާއި ކައިވެލިތަން ފެނުމުން އަމީރާގެ ކަރުތެރެއިން ބިރުވެރިގޮތަކަށް ހަޅޭއްލަވައިގަނެވިއްޖެއެވެ. އެދިމާލަށް ދުއްވައިގަނެވިއްޖެއެވެ. އޭމޮންގެ ގައިގާ ދެއަތުން ހިފައިގަނެވުނީ އެކަން ހުއްޓުވާށެވެ.

"ހުއްޓާލާ ޕްލީޒް....." އަމީރާ އާދޭސްކުރާގޮތަކަށް ބުނެލިއިރު އޭނަގެ ދެފައިވެސް ތުރުތުރުލައެވެ. މި އިފުރީތު ހެނާގެ ގައިގާ އިނގިލިކުރިވެސް ޖައްސާލާކަށް އޭނަ ނޭދެއެވެ. އޭމޮން ހޭންފެށިއެވެ.

"އެކުއްޖާގެ ގަޔަށް ލާން އަހަންނަށް ދެން މަޖުބޫރުނުކުރޭ. ކޮންމެފަހަރަކު ހުއްޓާލަން ބުނީމަ އަހަންނަށް ކޮންޓްރޯލް ނުކުރެވިދާނެ އިނގޭ....." އޭމޮން ވާހަކަދައްކަނީ އިންސާނެއް ފަދައިންނެވެ. މިއީ އަނެއްކާ ޝައިތާނާގެ ބާރު ހޯދައިގެން އުޅޭ އިންސާނަކަށްވެސް ވެދާނެއެވެ. މައިކަލްގެ މޫނުވެސް އޭނަގެ ލޮލުގެ ކުރިމަތިން ފެނިލިއެވެ.

"ކޮން ވާހަކައެއް ދައްކަން ބޭނުމީ..." އަމީރާ މައިތިރިވިއެވެ.

"އަހަންނާއިއެކު ހިނގާލަން އާދޭ...." އޭމޮން ދިއްކޮށްލި އަތުގައި ހިފައިގެން އަމީރާ ހިނގައިގަތީ މަޖުބޫރުވެފައި ހުރެއެވެ. ހިތާހިތުން އޭނަ ދުޢާކުރީ މިނުލަފާ މީހާގެ ކިބައިން ސަލާމަތްވުމަށެވެ. ބޭރަށް ނުކުތްއިރު ތަރިތަކުން އުޑުމަތި ވިދާ ބަބުޅަނީ ކަޅުސާލެއްގައިވާ ހުދު ޖަވާހިރުތަކެއްފަދައިންނެވެ. ކޮންފަދަ ޗާލުކަމެއް ހެއްޔެވެ؟ ހިތްތައް އާޝޯޚުވާވަރުވެއެވެ. ކަނޑުން އަންނަ ތެތް ރޯޅިތައް އޭނަގެ ވިހުރުވިފައިވާ ރީތި އިސްތަށިގަނޑާއި ގޯނާކުރަމުންދާއިރު ކައިރީގައި ހުރި މީހާގެ ވެސް އޮތީ ވަރުގަދަ އިސްތަށިގަނޑެއްކަން އަމީރާއަށް އެނގުނެވެ.

އޭމޮން އޭނަ ގޮވައިގެންގޮސް އިށީނީ ކުރީދުވަހު ޖިފުޓިގަނޑު ޖަހާފައި ހުރިތަނުގައެވެ. ހިތް ނޭދުނަސް އޭނަ ކުރި ގޯނާތަކަށް ކެތްކުރަންޖެހުނެވެ. ނަސީބަކުން މިރޭވެސް އޭނަ އުޅުނީ ވަކި ހައްދެއްގެ ތެރޭގައެވެ.

ހޭލެވުނުއިރު އަމީރާ އާދައިގެ މަތިން އޮތީ ކޮޓަރީގެ އެނދުގައެވެ. އޭމޮންގެ އެއްވެސް ނިޝާނެއްނެތެވެ. އަމީރާ ބަލައިލިއިރު ދޮރުވެސް ހުރީ ތަޅުލާފައެވެ. ކޮންމެރެއަކު ރޭގަނޑު ނިދާގަޑީގައި ހުވަފެނާއި ހަގީގަތާއި ދޭތެރޭގައި މިހިނގާ ކަންތައްތަކާއިމެދު އޭނަ ވިސްނަ ވިސްނާ ސިކުނޑި ސުމަކަށް ދާވަރުވިއެވެ.

ހެނާއާއި އާސާއާއި ދެކުދިން ޑިއުޓީއަށް ދިޔަގޮތަށް އުޅުނީ ފުދޭވަރަކަށް އަވަދިނެތިއެވެ. އެއްފަހަރު ހެދުނު ނާސްތާ ހިފައިގެން ހޮޓަލުގެ ރޫމަކަށް ދާން ޖެހުމުން ހެނާ ހުރީ އުފަލުންނެވެ. އެކޮޓަރީގައި ތިބީ ޒުވާން ދެމަފިރިންނެވެ. ހަނީމޫން ކަޕްލްއަކާއި ވައްތަރެވެ. ހެނާ ކޮފީ ގެންގޮސްދިނުމުން ޓިޕްސްވެސް ދިނެވެ. ހެނާ ވަރަށް ލަދުގަތެވެ.

"ކޮން ލަދެއްތަ؟ މިއީވެސް ބުރަމަސައްކަތް ކުރީމަ ބައެއްމީހުން ހަދިޔާއަކަށް ދޭ އެއްޗެއް. އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އެހެން މީހުން ރެސްޕެކްޓްކުރާ ރަގަޅު މަގާމެއްގައި ހުންނާނީ. މިއީ ބިގްނިން. އިރާދަކުރެއްވިއްޔާ ދެން އެނބުރި ފަހަތަކަށް ނުބަލާނަން..." ހެނާ ހިތާހިތުން ކިޔައިލިއެވެ. ސިޑިން ތިރިއަށް ދިޔައިރު ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއްވިއެވެ. ދުރުގައި ނިކްޒާދު ހެވިފައި ބަލަން ހުރިތަން ފެނިފާ ހެނާ ގަތީ އަމަށަކު ލަދެއްނޫނެވެ. އެގޮތަށް ނިކްޒާދު ބަލަން ހުރި ސަބަބެއް އެއްގޮތަކަށްވެސް ނޭގުނެވެ. ހެނާ ރެސްޓޯރެންޓަށް ވަންނައިރަށް އާސާ ގޮވާލިއެވެ.

"ކޮޓެޖަށް ބްރޭކްފާސްޓް ގެންގޮސްދޭން އެބަޖެހޭ. ހެނާ މިކަން ކޮށްދޭންވީނު......" އާސާ އެއްލޯ މަރައިލިއެވެ.

"ނޯވޭސް......" ހެނާ ވަގުތުން އިންކާރުކުރިއިރު އޭނަގެ މޫނަށް ހުރިހާ ލޭތައް ޖަމާވެއްޖެއެވެ. އާސާ އޭނައާއި ޒޯހަން އަޅުވާކިޔާތީ އޭނަ ހުންނަނީ ކަންބޮޑުވެފައެވެ. އެހެންމީހަކަށް މިވާހަކަ އިވިގެން ޒޯހަންގެ ކަންފަތަށް ފޯރާދުވަހަކުން މި ވަޒީފާއަށް އަލްވިދާއު ކިޔަން ޖެހިދާނެއެވެ.

"ބީ ބްރޭވް، ޕްރޮމޯޝަނާއި އެއްޗެހި ލިބޭނީ މިގޮތަށް އުޅެގެންނޭ. ޒޯހަން އެހެން ކަމަކު ކިޔައިފިއްޔާވެސް ކޮށްދެއްޗޯ....." އާސާ ހިނިގަނޑެއްޖަހައިލިއެވެ.

"ކާކުތަ ތިހެން ބުނީ..." ހެނާ ސިހޭގޮތްވިއެވެ.

"ނިކްޒާދު...." އާސާ ހީގަތެވެ.

"ޑާޓީ މައިންޑެޑް މީހެކޭ ދޯ....." ހެނާ ފޫހިވާގޮތްވެފައި ބުމަ ކައިރިކުރުމުން އާސާ ހޭންފެށިއެވެ.

"ހަހަ. ހެނާ ކުޑަޔަކަސް ވިސްނުން ހުރިގޮތް ބަލާލަބަ. ނިކްޒާދު އެބުނީ އެހެނެއްނޫނޭ. މިސާލަކަށް ތަންމަތި އަޅާދީ ކޮޓަރި ސާފުކޮށްދޭ ވާހަކައޭ. ނިކްޒާދު ބުނީ ޒޯހަން ކޮޓެޖްގެ މަތީބައި ކުއްޔަށް ހިފައިގެން އުޅޭ ވާހަކަ. އެކަނި ހުރީމަ އޭނަގެ ކަންތައްކޮށްދޭނެ ރޫމްބޯއިއެއް ނޫނީ މެއިޑެއް ހުންނަން ޖެހޭނެގޮތަކަށް އޭނަގެ ވާހަކަހުރީ، އިސްވެރިޔާ އަންގަވާގޮތަކަށް ނޫޅެންޏާ ވަޒީފާ ގެއްލިދާނެ. އާސާއަށް ނުދެވެންޏާ ހެނާ ފޮނުވާށޭވެސް ބުނި، އަހަރެމެންނަށް ކަން ނޭގޭ އޭނަ އިތުބާރުކުރަނީ. އެއީ މަށަށް ހީވާގޮތް. ލިބޭ ފަޚުރެއްނު......." އާސާ އޭރު އުޅުނީ ތަބައް ތައްޔާރުކުރާށެވެ. އޮރެންޖް ޖޫސްއަޅާފައި ހުރި ބިއްލޫރި ތަށީގެ މަތީގައި އޮރެންޖް ފޮތްޗެއް ޖަހާލާފައި އިނުމުން ހާދަ ހިތްގައިމެވެ. އާސާ ކޮންމެކަމެއް ކުރަނީ ފާޑުވެރިކަމާއިއެކުގައެވެ. މަގުމަތީގައި ސަކަރާތްޖަހާ ހަލަނިކޮށް އުޅޭ ކުއްޖާއޭ ބުނާނީ ކާކުހެއްޔެވެ؟ ހެނާ އޭރު ހުރީ ދެ ޚިޔާލެއްގައެވެ. ކޮޓެޖަކީ ސިއްރުން ފުރިފައިވާތަނެއް ކަމަށް ކިޔާތީ އެގެއަށް ޒިޔާރަތްކޮށްލަން ލިބޭ މިފަދަ ފުރުސަތެއް ނަގާލުމަކީ މޮޔަވެސް ކަމެކެވެ. އެކަމަކު ޒޯހަންގެ ކޮޓަރިއާއި ހަމަޔަށްދާތަނުން އަތުން ތަބައް ދޫވެއްޖެއްޔާ މާ ރީއްޗެއް ނުވާނެއެވެ.

"ނެގަޓިވްކޮށް ވިސްނަނަ ހަދާތީ މިގޮތަށް ދިރިއުޅުން ވޭތުވެގެން މިދަނީ. ދޮންބައްޕަމެންގެ ނުފޫޒުން ސަލާމަތްވާން ވަރަށް ހިތްވަރުކުރަން ޖެހޭނެ..." ހެނާ އަމިއްލަ ހިތަށް ވިސްނާދިނުމަށްފަހު އާސާ ކައިރީ ބުނީ ކޮޓެޖަށްދާނީ އޭނަ ކަމުގައެވެ. ހެނާ ތަބަކުގައި ހިފަމުންވސް ބިސްމި ކިޔާފައި ހިތާހިތުން ދުޢާކުރިއެވެ.

"ސަލާމަތުން އަންނައްޗޭ. ޒޯހަން ނުބަޔެއް ހަދަންޏާ މިސްކޯލެއް އިނގޭ، ދުމެއް ޖަހާފައި ދާނަން....." އާސާ ހިނިގަނޑެއް ޖަހައިލިއެވެ.

"ގުޑް ލަކް ކުޑަ ކުޑަ ހެނާ......." އާސާ ހުރީ ހިނިއައިސްފާ ބަލަހައްޓައިގެންނެވެ.

ކޮޓެޖުގެ އަނެއްފަޅީގައި އޮންނަ މަގުން ތިރިއަށް ފައިބަން ހަނިމަގެއް އޮތުމުން ވަރަށް ފަސޭހައިން ތިރިއަށް ފޭބުނެވެ. ކޮޓެޖުގައި އިންދާފައިވާ މާގަސްތަކުގައި ފޮޅިފައިވާ މާތަކުގެ މީރުވަސް މުޅިތަނުގައި ހުވަދުލާފައިވެއެވެ. ހެނާ ކޮޓެޖުގެ ބެލް ޖަހާލިތަނުން އިންތިޒާރުގައި ހުރެފައި ޒޯހަން ދޮރު ހުޅުވާލުމުން ހެނާ ކުޑަކޮށް މާޔޫސްވާގޮތްވިއެވެ. އޭނަ ހީކުރިގޮތަށް އެތެރެއަށް ވަނުމުގެ ނަސީބެއް މިއަދަކު ނުލިބުނެވެ. ޒޯހަން ހުރީ އެކަނި ޖިންސްލައިގެންނެވެ. އެ ފުޅާ ކަސްރަތީ ހަށިގަނޑުގައި ދާތިކިތައް މުތީތަކެއްފަދައިން ވިދާތީ ކަސްރަތުކޮށްލާފައި އައީކަން ހެނާ ދެނެގަތެވެ.

"ގުޑް މޯނިން...." ޒޯހަން ބަލަން ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އޭނަ ފެނިފާ ބިރުގަތީހެއްޔެވެ؟ ތަބައް ހުރިގޮތަށް ބަންޑުންކޮށްލަފާނެތީ ކަމަށް ވެދާނެއެވެ. ހެނާ ލަދުން ވިރިވިރި ހުރެ އަދި ތަބައް ދިއްކޮށްލާފައި އައިކޮޅަށް ހިނގައިގަތީ ޖަވާބުވެސް ނުދީއެވެ. ވަކި ހިސާބަކަށްގޮސްފައި އާސާ ކިޔައި ދިންގޮތަށް ނެހެދުނީތީ ކަންބޮޑުވެފައި އެނބުރި ބަލާލިއިރު ޒޯހަން ދޮރު ލައްޕާލައިފިއެވެ. އެވަރުންވެސް ހެނާ އެތައްފަހަރު ހިތަށް ވިސްނާދިނީ އެކަމާއި ހާސްނުވުމަށެވެ. ދެންފަހަރަކު ރަގަޅުކުރުމަށެވެ. އިންސާނެއްވެއްޖެއްޔާ ކުށް ކުރެވޭނެއެވެ. ކަންތައް ދަސްވާނީ އޭރުންނެވެ. އޭނަ މިހިރީ ދިރިއުޅުމުގެ މައިދާނަށް ނުކުމެ ކާމިޔާބު ހޯދަން އަތުކުރި އޮޅާލާފައެވެ.

ހަނިމަގުން ހިނގާލާފައި ދިޔައިރު ދެފަރާތުގައި އޮތީ ވާގަނޑެވެ. ބޯ ގަސްތަކެވެ. އެމަގު އަރާމުވެފައި ހިތްގައިމުކަމުގެ އިންތިހާއެވެ. އެހާ ފަޅެވެ. ދުއްވާ އުޅަދުތައްވެސް މިމަގުގައި އަޑިގުޑަން ގިނަކަމުން ޚިޔާރުކުރަނީ ތާރަ އަޅާފައި އޮންނަ މަގުތަކެވެ. ހެނާ އަމިއްލަ ޚިޔާލެއްގައި ހުރެ ކުރިއަށް ފިޔަވަޅު އަޅަމުންދަނިކޮށް މީހަކު ގޮވައިލިހެން ހީވެގެން އެނބުރި ބަލައިލިއިރު ކުރިމަތީގައި މިހިރީ ޒޯހަންއެވެ. މިހާރު ހުރީ ޖިންސާއިއެކު މުށިކުލައިގެ ޓީޝާޓެއްލައިގެންނެވެ.

"ކާކު ބުނީ އެގެއަށް ބްރޭކްފާސްޓް ގެންނާށޭ. އޭނ؟ " ޒޯހަން ހަރުކަށިކަމާއިއެކު އަހާލައިފިއެވެ.

"ނިކް....." ހެނާގެ ހިތް އޭގެ މަގާމުން ކައްސާލިހެން ހީވިއެވެ. ހިތުގައި ޖެހުނުލެއް ބޮޑުކަމުން ލޮލަށް ކަރުނަތައް ބޮނޑިވެގަންނާން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އޭނަގެ ހުރިހާ "ޕޮޒިޓިވް" އެނާޖީއެއް ޒޯހަން ދަމައިގެންފިއެވެ.

"އަހަރެން ބުނީ ހޮޓަލުގެ ރޫމަށް ފޮނުވާދޭށޭ. އެތާގައި ތިބޭ ވޭޓަރުންގެ ތެރެއިން އެންމެ ކަމުނުދާ ކަޑަ ކުއްޖާ ފޮނުވަންތަ ނިކްޒާދަށް އެނގުނީ؟ " ޒޯހަން ވަގުތުން ނިކްޒާދަށް ގުޅައިގެން ބަވާލިތަން ފެނުމުން ހެނާ ހުރީ ހުއްޓުން އަރާފައެވެ. ގަނޑުވެފައިވާ ބުދެއްފަދައިންނެވެ. އާސާއަށް އޮޅުނީކަން ޔަގީނެވެ. ޒޯހަން އޮފީހަށް އައިސްފާ ހޮޓަލުގެ ކޮޓަރީގައި މަޑުކޮށްފައި ސައިބޯން ނިންމައިގެން ހުރީކަމަށް ވެދާނެއެވެ. ނިކްޒާދު ކީއެއްޗެއް ހެނާއަށް ސާފުނުވިއެވެ. އަޑުއިވުނީ ޒޯހަން ދެއްކި ވާހަކައެވެ. ހެނާގެ ޝަކުވާވެސް ޒޯހަން ކޮށްލިއެވެ. އޭނަގެ އެއްވެސް ކަމެއްގައި ހެނާ ނުފޮނުވަން އަމުރުކުރިއެވެ. ވަޒީފާއަށް ގާބިލުމީހުން ހޯދަންވެސް އެންގީ ރުޅިއައިސް ރަތްވެފައި ހުރެއެވެ.

"އެއްވެސް މެނާސް އެއްނެތް. ސަލާމުގެ ޖަވާބެއްވެސް ނުދީ އަދި ތަބައް ދީފައި ދިޔައީނު. ބަޔާނެއްވެސް ދޭންޖެހޭނެ. ތިހާ ފަރުވާކުޑަ ވޭޓަރުންގެ ސަބަބުން އަހަރެމެންގެ ބިޒިނަސްއަށް ގެއްލުންވާނީ. ދެން މިކަހަލަ ކަމެއް ތަކުރާރުވެގެން ނުވާނެ......" ޒޯހަން ފޯނު ކަނޑާލާފައި ހެނާއަށް ބަލައިލީ އެކަޅުކުލަގަދަ ބުމަ ކައިރިކޮށްލަމުންނެވެ. ނުރުހުމާއި ފޫހިކަމުގެ ނަޒަރެކެވެ. ހެނާ ހިރިލާންވެސް ނުކެރިހުރެ އޭނަ ދާތަން ބަލަން ހުރެފައި ލޯ ފޮހެލައިފިއެވެ. އޭނަ އަމީރާހާ ރީތި އަންހެންކުއްޖަކަށްވި ޒޯހަން އެގޮތަށް ރުޅި ނުބާލާނެކަން ޔަގީނެވެ. އެންމެން އޭނަ މިހާ ދަށްކޮށްލަނީ ކީއްވެބާވައެވެ. ހިތުގައި ޖެހި ވަރަށް އަސަރުކޮށްފިއެވެ. ޒޯހަންދެކެ ފާޑެއްގެ ފޫއްސެއްވެސް ވެއްޖެއެވެ. އެކަހަލަ މުއްސަދި މީހުންގެ ގޮތްކޮޅު ވަރަށް ބޮޑުވާނެއެވެ. ޒޯހަންގެ ނަން ޚާއްސަވިޔަސް މީހާގެ މިޒާޖު ފެނިފައި އެނަމަށް ދެވުނު ޝައުގުވެސް ފިލާގޮތްވިއެވެ. އާސާ ބުނާ ފަދައިން ކޮޓެޖްގައި ދިރިއުޅެނީ ޖިންނިއެއް ނޫންކަމެއްވެސް ނޭގެއެވެ. ޖިންނިން އަލިފާނުން ހެއްދެވިގެންވާތީ ހޫނުވެފައި ރުޅިގަދަވާނެއެވެ.

"އައި ހޭޓް ޔޫ. ފޮނިމީހާ....." ހެނާ ކުއްލިއަކަށް ޚިޔާލު ބަދަލުވިއެވެ. އެކަހަލަ މީހަކަށްޓަކާ ލޮލުން ކަރުނަ އޮއްސުމަކީ ފިނޑި އަމަލެކެވެ. އޭނައަށް ކުރިމަތިވާހާ ގޮންޖެހުން ތަކުން އަރައިގަނެ އޭނަ މޮޅުކުއްޖަކަށް ވީ ދުވަހަކުން އިރާދަކުރެއްވިއްޔާ އެ ޒޯހަންވެސް ލަދުގަންނާނެއެވެ. ހިތަށް ވިސްނާދިނުމަށްފަހު ހެނާ ހީލާފައި ދާން ހިނގައިގަތީ ރެސްޓޯރެންޓާއި ދިމާލަށެވެ.

ހެނާ ހުރީ ކަންހިނގިގޮތް އާސާއަށްވެސް ސިއްރުކޮށް ލައިގެންނެވެ. ޑިއުޓީ ނިމެން ގާތްވެފައި ހުއްޓާ ނިކްޒާދު އޭނަ ކެބިންއަށް ގެންގޮސް ވާހަކަދެއްކިއެވެ. އޭނަގެ ހިތްހެޔޮކަން ފާޅުވީ އެވަގުތުއެވެ. އާސާއާއި ހަވާލުކުރި މަސައްކަތެއް ހެނާއަށް ދީގެން ކުށެއްކުރެވުނީކަން ނިކްޒާދުއަށް އެނގުނެވެ. އޭނަ ދިނީ ހިތްވަރެވެ. އެކަހަލަ ކަންތައް ހަޔާތުގައި ދިމާވާނެކަމަށާއި ކުށް ތަކުރާރުނުކުރަން އެދުނެވެ. އެހެންކުދިންގެ މަސައްކަތާއި ހަވާލުނުވާން ބުނީވެސް ރީތިކޮށެވެ. ފުރަތަމަ ނަޒަރުން ނިކްޒާދުއާއިމެދު ހެނާ ދެކުނީ އެންމެ ރަގަޅަށްނޫންކަން ހެނާއަށް ޔަގީންވިއެވެ. ފޮތުގެ ބޭރުގަނޑު ބަލާފައި ފޮތާއިމެދު ގޮތެއް ނުނިންމަން ބުނާ ސަބަބަކީ އެއީއެވެ.

ހެނާ ރެސްޓޯރެންޓުން ނުކުތީ އާސާއާއިއެކުގައެވެ. ދެކުދިން ދުފަމުން އަނގަ ތަޅަމުން އައިއިރު ތިބީ ވަރަށް ހަމަޖެހިލާފައެވެ. އާސާ އެކިފަހަރުމަތިން ހެނާ ކަންބޮޑުވެފައި ހުރި ސަބަބެއް އޮޅުން ފިލުވަން މަސައްކަތްކުރިއެވެ. އެންމެފަހުން އާސާ އަށް ނުހުރެވިގެން އޭނަ ކުރި ކުށް ހާމަކޮށް މާފަށް އެދުނެވެ.

"ސޮރީ ހެނާ ބޭބީ. އަސްލު ޒޯހަން ބުނީ އޭނަ ބީޗްމައުންޓްހޮޓަލުގައި ހުންނަ ރޫމަށް ބްރޭކްފާސްޓް ފޮނުވަން. ބުނީވެސް ނުވައެއް ޖަހާއިރަށޭ. ޒޯހަންއަށް ޖެއްސުމަކަށް ހެނާ ކޮޓެޖަށް ފޮނުވީ. އެކަމަކު އެނގިއްޖެ ހީކުރިގޮތަށް ނޫންކަން ކަންތައް ވެގެން ދިޔައީ. ހެނާ އައީއްސުރެ ތިހުންނަނީ މީހެއްގެ ޖަނާޒާއިން އައިހެން. މަތިމަރުވެފައި. ބުނެބަލަ ކިހިނެއްވީތަ؟ " އާސާ ސުވާލުކުރުމުން ހެނާ ހީގަނެފައި ބުނީ ކަމެއް ނުވާކަމުގައެވެ. ނިކްޒާދު އޭނަ ގެންދިޔައީ ކުރީ ރޭ ކޮފީ ބަންޑުންކުރީތީ އެވާހަކަ ދައްކާލަން ކަމުގައި ބުނެލައިފާ އާސާ ހަމަޖައްސާލިއެވެ.

"އާސާ، އަހަންނަށް އެނގޭ އާސާ ހާ ހެޔޮއެދޭ އެކުވެރިއެއް ނެތްކަން. އެމީއާއި ޝެއާ ނުކުރާވަރަށް އާސާއާއި ކަންތައް ޝެއާކުރެވެނީވެސް އެހެންވެ. ސޯ ދެން އެކަން ހަނދާން ނައްތާލާ...." ހެނާ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެއީ ހެނާގެ އެންމެ ރީތި އެއްސިފައެވެ. އިރުގެ އަލިހެން އެ ހިނިތުންވުމުގެ އަލި މުޅި ވުޖޫދަށްވެސް ފަތުރާފަދައެވެ.

މައިކަލް އޭނަގެ މަންމަގެ އިސްތަށިގަނޑުގައި ފުނާ އަޅުވާދީފައި ވޫލްކޮޅު އައްސާލަދިނެވެ. މޫމިނާ މައިކަލް ގެ ނިތްކުރިއަށް ބޮސްދިނެވެ. އޭނަ އަތުލަފިކޮށްގެން ކާ މޭޒުދޮށުގައި ބައިންދާފައި ބިސްގަނޑު ނޮޅާލާފައި ކާންދޭންފެށިއެވެ. ފިރިހެން ދަރިއަކަށްވިޔަސް މައިކަލްގެ ޚިދުމަތް މަންމައަށް އެހާ ރަގަޅަށް ލިބޭތީ މޫމިނާ އިންނަނީ ވަރަށް ހިތްހަމަޖެހިފައެވެ. މޫމިނާގެ ބަލިކަމުން އޭނަގެ އެއުމުރުގައިވެސް މާމައަކަށް ހަދައިފިއެވެ. ދަރިފުޅު އެކަނިމާ އެކަނި ކައްކާ ގޭގެ ހުރިހާ މަސައްކަތެއް ކުރަމުން އުޅޭތަން ފެނިފާ މޫމިނާގެ ހިތަށް އަސަރުކޮށް އަބަދު އެދެމުންދަނީ ގެވެހި ޅީދަރިއަކު ގެނެސްދިނުމަށެވެ. މައިކަލް ހުންނަނީ މަންމަގެ ހުވަފެންތައް ފުރިހަމަކޮށްދިނުމަށް ކުރަން ޖެހުނު ކޮންމެ ކަމެއްކުރާށެވެ. މަންމަ އެދެނީ ކޮއްކޮގެ ދަރިފުޅު އަމީރާއާއި ކައިވެނިކުރުމަށެވެ. އަމީރާގެ މިޒާޖާއި ގޮތްދޫނުކުރާވަރު މަންމައަށް ނޭގެނީއެވެ.

"މަންމަގެ ލޯބިވާ ދަރިފުޅާ، މާ ގިނައިން އެކޮޓަރިއަށް ވަންނާތީ މަންމަ ހިތްހަމައެއްނުޖެހޭ. އެނގެއެއްނު ......." މޫމިނާ އެއްޗެކޭ ބުނަން އުޅުމުން މައިކަލް މަންމަގެ މޫނުގައި ފިރުމައިލިއެވެ.

"މަންމާ، ޔަގީންކުރޭ، އަހަރެން ގޯސްކަމެއް ނުކުރާނަން. ފައިދާ ހުރިކަމެއް ކުރާނީ......ޕްލީޒް އެވާހަކަ ނުދައްކާ...." މައިކަލް އެދުނެވެ. މޫމިނާ ހިމޭންވިއެވެ. ނަމަވެސް އޭނަ ބިރުގަންނަނީ ދަރިފުޅަށް ގެއްލުމެއްވެދާނެތީއެވެ. އެއީ ކިހާވަރެއްގެ ނުރައްކާތެރިކަމެއްކަން އެންމެ ބޮޑަށް ދަންނަ އެކަކީ މޫމިނާއެވެ. ލިބޭ ކޮންމެ ހުސް ވަގުތެއް މައިކަލް ހޭދަކުރަނީ އެކޮޓަރީގައެވެ. މައިކަލްނޫނީ އާއިލާ މީހެއްވެސް ދަންނަ މީހެއްވެސް އޭނަގެ ހުރީ އެއްނޫނެވެ. އޭނަގެ ހުރިހާވެސް ކަމަކީ މައިކަލްއެވެ. ދަރިފުޅަށް ނުރައްކަލެއް ނުވުމަށް އެދި ހިތާހިތުން އެތައްފަހަރު ދުޢާކުރެވުނެވެ.

ރަފައެލްއާއި އަމީރާގެ އެކުވެރިކަން ބަދަހިވަމުންދާއިރު ރަފައެލް އަމީރާދެކެ ރުހޭކަމުގެ އެއްވެސް އިޝާރާތެއް ދީފައެއްނުވެއެވެ. މިވީހާތަނަށްވެސް އަމީރާ އޭނައަށް މުޚާތަބުކޮށް އުޅެނީ "ސަރ" ކިޔާފައެވެ. އެކަން ހުއްޓުވަންވެސް ރަފައެލް އެއްޗެކޭ ބުނެފައެއްނެތެވެ. ފެނިލާއުޅެނީ އެހާ މަދުންނެވެ. ރަފައެލް ގެ ވަޒީފާގެ ގޮތުން އޮފީހަށްވެސް ނާދެވެނީކަމުގައި އޭނަވަނީ ބުނެފައެވެ. ކޮންމެގޮތެއް ވިޔަސް އަމީރާ ހުންނަނީ ރަފައެލްއާއި ވާހަކަދައްކާހިތްވެފައެވެ. އެއަޑުއަހާހިތުން ކެތްމަދުވެފައެވެ. އެއަށް ލޯތްބޭ ކިޔާފައި ނަމެއް ނުދެވޭނެއެވެ. ރަފައެލް ގަނެދިން ހަދިޔާތަކަށް ބަލަން އޮތްވާ ހޭލެވުނީ އޭމޮން އުދަގޫކުރަން ފެށީމައެވެ. އާދައިގެ މަތިން ކޮޓަރީގެ ބޮކިތައް ހުރީ ނިވާލާފައެވެ. އޭމޮން އިށީނީ އެނދުގެ މަގަތުގައެވެ. އަމީރާ ކުއްލިއަކަށް ފުންމައިގެން ތެދުވެފާ ރަޖާ މެޔާއި ހަމަޔަށް ދަމާލަމުން ހެޑްބޯޑަށް ލެނގިލިއެވެ. އޭމޮން ނުލަފާގޮތަކަށް ހުނެވެ.

"ކަލޭ ކީއްކުރަން ތިއުޅެނީ؟ ކޮބާ ބޭނުމަކީ؟ "އަމީރާއަށް ވާހަކަދެއްކުނީ ވަރަށް ބާރަށެވެ.

"އަހަރެން މިއައީ ސިއްރެއް ބުނެލަން. ބޭނުންތަ އެނގެން...." އޭމޮންގެ ބަރު އަޑު ކޮޓަރީގެ ތެރޭގައި ގުގުމާލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު