ފޭކް ސެޓްފިކެޓަށް ޗުއްޓީ ވެސް ވިއްކަނީ!

މުވައްޒަފަކު އެމްސީ ހުށައަޅަނީ-- އެމްސީ ހުށައެޅުމުގައި ގިނަ މަކަރުތަކެއް ހަދާ-- ސަން ފޮޓޯ

މާލޭގައި ހިންގާ އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކުރާ ނޫކަށި ފުރައިގެ ޒުވާނެކެވެ. ކޮންމެ ރަސްމީ ބަންދަކާ އެކު އެ ޒުވާނާއަށް ބޮޑެތި ބަލިތައް ޖެހޭކަމަށްވެ އެވެ. އެއް ފަހަރު ލޮލުރޯގާ އެވެ. އަނެއް ފަހަރު ފާނަ ބަސަންދެވެ. އަނެއް ފަހަރު އެހެން ކޮންމެ ވެސް ބައްޔެކެވެ. އެއްވެސް އީދެއް ނުވަތަ ސްކޫލް ބަންދެއްގައި އޮފީހަކަށް ނުނިކުމެ އެވެ. ނަމުގައި އަބަދު ވެސް ބޮޑު ބައްޔެއްގަ އެވެ. ނަމަވެސް ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ބަލާއިރު މުޅިންހެން ފެންނަނީ އުފާކުރާ މަންޒަރެވެ. މިއީ އެތައް ބައެއްގެ ވެސް ހާލެވެ.

ދޭތެރެ ދޭތެރެއިން އޮފީހަށް ނުވަތަ ޑިއުޓީއަށް ނައުމަކީ ރާއްޖޭގައި ވަރަށް ބޮޑު އާދައެކެވެ. ހާއްސަކޮށް އަދުގެ ޒުވާނުންނެވެ. ވަކި ދާއިރާއެއް ނޫނެވެ. ވަޒީފާއަށް ފަރުވާ ކުޑަކުރުމަށް ފަހު އެކަމުން ސަލާމަތްވާން ކަން ކުރާގޮތަކީ ގާނޫނުން ލިބިދޭ ހައްގެއް ނާޖާއިޒު ފައިދާ ނަގަނީ އެވެ. އެކަންކުރަނީ ފަންނީ ހިދުމަތެއްދޭ ޑޮކްޓަރުން ބޭނުންކޮށްގެންނެވެ. ކްލިނިކުތަކާއި ހޮސްޕިޓަލްތަކުން ވަރަށް ފަސޭގައިން އެޖަރީމާ ހިންގަ އެވެ. އެއީ ނުހައްގުން "މެޑިކަލް ސެޓްފިކެޓް(އެމްސީ)" ހޯދައިގެންނެވެ.

މާލޭގެ ހޮސްޕިޓަލެއްގެ ރިސެޕްޝަނުގައި މަސައްކަތްކުރާ އަންހެން ކުއްޖަކު ކިޔައިދިން ގޮތުގައި އެ ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް ފައިސާ ދެއްކުމާ އެކު ފަސޭހައިން އެމްސީ ލިބިގެންދެ އެވެ. އެކަން ގާތް މީހުން އެދުމުން ތަކުރާރުކޮށް ކޮށްދޭ ކަމަށް އޭނާ އެއްބަސްވެ އެވެ.

"މެމޯ ހަދާފައި ގޮސް ޑޮކްޓަރު ކައިރި ބުނުމުން ދޭނެ އެމްސީ،" އަސްލު ވެސް މީހުން ވަރަށް ގުޅާ އެމްސީ ހޯދަން،" އޭނާ ބުންޏެވެ.

ފިނޭންސްގެ ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލާފައި، އެ މިނިސްޓްރީގެ ގޯތިތެރޭގައި: ސަން ފޮޓޯ

އޭނާ ބުނާ ގޮތުން 100 ރުފިޔާ ދީގެން މެމޯ އެއް ހައްދައިގެން ތިން ދުވަހުގެ އެމްސީއެއް ޑޮކްޓަރު ލިޔެދެ އެވެ. އަނެއް ބައިފަހަރު އާސަންދައިން ވެސް އެކަން ކުރެ އެވެ. އާންމުކޮށް އެންމެ ގިނައިން ވެސް ދެނީ ތިން ދުވަސް ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އެހެން ގޮތްގޮތަށް ލިބޭ މައުލޫމާތައް ބަލާއިރު ފާނަބަސަދު ނުވަތަ ލޮލުރޯގާ ފަދަ ބަލިތައްކަމަށް ބުނެ ޑޮކްޓަރާއި އޮންނަ ގުޅުމަކުން ނުވަތަ ކުރާ ފައިސާގެ މުއާމަލާތަކުން އެތަކެއް ދުވަހަށް އެމްސީ ހޯދަ އެވެ. އަދި ބައެއް ފަހަރު އެފަދަ ބަލިތަކުގެ އަލާމާތްތައް ޑޮކްޓަރަށް ކިޔައިދީގެން އަދި އެމްސީ ހޯދުމަށް ސީދާ ޑޮކްޓަރަށް ދައްކައިގެން ވެސް އެމްސީ ހޯދަ އެވެ. ބައެއް ފަހަރު އެކަމަށް ކުރާ ހޭދަވެސް ބޮޑެވެ. އަދި ހަދާ މަކަރު ވެސް ބޮޑެވެ.

ބައެއް ފަހަރު އެފަދަ ކަންކަން އެބަ ފަޅާއަ އެވެ. ދާދިފަހުން ވެސް ވަނީ އެފަދަ މައްސަލައެއް ފެންމަތިވެފަ އެވެ. ޕްރިސްޓީން އައިލެންޑްސް އިންވެސްޓްމެންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހިންގަމުންދާ ކުންފުންޏެއްގައި ވަޒީފާ އަދާކުރި މީހަކު ޑޮކްޓަރަށް ނުދައްކައި ފޭކް އެމްސީ ހުށަހަޅައިގެން ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން މިދިޔަ މަހު ވަނީ ނިންމައިފަ އެވެ.

ގާނޫނުގެ ބޭނުން ނަހަމަގޮތުގައި!

ވަޒީފާއާ ބެހޭ ގާނޫނުގެ 42 ވަނަ މާއްދާއިން ސަލާމުގެ ޗުއްޓީގެ ގޮތުގައި އަހަރެއްގެ މައްޗަށް މުސާރަ ލިބޭ ގޮތަށް ކޮންމެ މުވައްޒަފަކަށް 30 ދުވަސް ލބިގެންދެ އެވެ. ނަމަވެސް ގާނޫނު ބުނާ ގޮތުން ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީގައި ހުރެވޭނީ ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށައެޅުމުންނެވެ.

ގާނޫނުގައި އެ ފުރުސަތު ދީފައި އެ ވަނީ މީހާ ބައްޔެއްވާ ހާލުގައި އޮފީހަށް ނުދެވުމުން އެކަން އޮފީހަށް އަންގައިދިނުމުގެ ބޭނުމުގަ އެވެ. އަދި އެއީ ފަރުވާ ކުޑަކުރުން ނޫން ކަމަށް ބަލައި މުސާރަ ލިބޭނެ ގޮތް ހަމަޖެއްސުމަށެވެ. ނަމަވެސް މިފެންނަނީ ގާނޫނުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާތަނެވެ. މިއީ ވަޒީފާ ދޭ ފަރާތްތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

"ވަރަށް ސަލާމް ބުނޭ، އެކަމަށް ނޯވޭ ކުރެވޭނެ ކަމެއް، އެކަން އޮންނަނީ ހައްގަކަށްވެފައި، އެކަމަކު އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފާތީ ކުންފުނިތަކަށް މިވަނީ ގެއްލުން،" ވިޔަފާރި ކުންފުންފުންޏެއްގެ އިސްވެރިއަކު ބުންޏެވެ.

ހެލްތް މިނިސްޓްރީން އެކަން ކުށްވެރިކުރޭ!

އެމްސީއަކީ ބަލި މީހާ މަސައްކަތަށް ނުދެވޭ ހާލުގައި ދޭން ޖެހޭ އެއްޗަކަށްވާ އިރު އޭގެ ނާޖާއިޒު ފައިދާ ނުނެގޭނެ ކަމަށް ސިއްހީ ހިދުމަތްދޭ ތަންތަނުގެ ބެލެނިވެރިފަރާތް ކަމަށްވާ ހެލްތް މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓުރީގެ ސްޕޯކްޕާސަން ތަސްލީމާ އުސްމާން ވިދާޅުވާ ގޮތުގައި އެމްސީއަށް އެދޭހާ މީހަކަށް އެ ދީގެން ނުވާނެ ކަމަށާއި އެސެޓްފިކެޓް ދޭންވާނީ ބަލަން ޖެހޭ ވަރަށް ސިއްހީ ކަންކަން ބެލުމަށް ފަހު އެވެ.

"މީހަކު އަދި މެޑިކަލް ސެޓްފިކެޓެއް ބޭނުންވެގެން ދިޔަސް ދޭ ގޮތަކަށް ނޫން އިންނަނީ، ޑޮކްޓަރު ބެލުމަށް ފަހު މެޑިކަލް ދޭ ވަރު ކަމެއް ފެނިއްޖެ ނަމަ ދޭ ގޮތަށް އުސޫލް އިންނަނީ،" ތަސްލީމާ ވިދާޅުވި އެވެ.

ތަސްލީމާ ވިދާޅުވީ ފޭކް ސެޓްފިކެޓު އުޅޭކަން ފާހަގަކުރެވިގެން ވަޒީފާ ދޭ ބައެއް ފަރާތްތަކުން އެތަންތަނުގެ މުވައްޒިފުން ހުށައަޅާ ސެޓްފިކެޓުތަކުގެ ސައްހަކަން ބެލުމަށް ހެލްތް މިނިސްޓްރީއަށް ހުށަހަޅާ ކަމަށެވެ.

ކޮންމެ އަކަސް ގާނޫނުން ލިބިދީފައިވާ ފުރުސަތެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އެތައް ބަޔަކު އެވަނީ އެމަކަރުގައިޖެހިފަ އެވެ. މަސައްކަތަށް ފަރުވާ ކުޑަކޮށް އެކަން ފޫބައްދަނީ ވަގު ސެޓްފިކެޓު ހުށައަޅައިގެނެވެ. މިކަން ހުއްޓުވަންޖެހެ އެވެ.

comment ކޮމެންޓް