ފަތިސް ނަމާދަށް ހޭލުމަށް އެހީއެއް!

ފަތިސް ވަގުތަކީ އެންމެ ނިދި ހަރު ވާ ގަޑި އެވެ. ވަރަށް އަރާމުކޮށް ނިދާލެވޭ ވަގުތުކޮޅެކެވެ. އަދި ޝައިތާނާގެ ވަސްވާސް ވެސް ގަދަވާ ވަގުތުކޮޅެކެވެ.

ފަތިސް ނަމާދަށް ތެދުވުމަށް މަސައްކަތް ކުރާ މީހުން ނިންދަވަން ޝައިތާނާ މަސައްކަތް ކުރެ އެވެ. އަދި ޝައިތާނާ އަހަރުމެންގެ މައްޗަށް ކުރި ވެސް ހޯދަ އެވެ. އެއީ ވަރަށް ގިނަ މީހުންނަށް ފަތިސް ނަމާދަށް ނުތެދުވެވޭތީ އެވެ.

ފަތިސް ނަމާދަށް ނުހޭލެވެނީ އަހަރުމެންގެ އާދަތައް ހުންނަ ގޮތުންނެވެ. އެހެންކަމުން އެ އާދަތައް ބަދަލު ކުރަން ޖެހެ އެވެ. ފަތިސް ނަމާދަށް ހޭލަން ބޭނުންވެ، ނުހޭލެވޭ މީހުންނަށް މި ލިޔުމުގެ ސަބަބުން ކޮންމެ ވެސް ވަރެއްގެ އެހީތެރި ކަމެއް ލިބޭނެ ކަމަށް އުންމީދު ކުރަމެވެ.

1. އަވަހަށް ނިދާށެވެ.

ފަތިސް ނަމާދަށް ހޭލަން ބޭނުން ނަމަ، ވީ އެންމެ އަވަހަކަށް ނިދާށެވެ. އިޝާ ނަމާދަށް ފަހު ބޭކާރު ގޮތުގައި ވާހަކަ ދައްކަން ތިބުމަކީ ކީރިތި ރަސޫލާ ނުރުހުންވެވޮޑިގެންވާ ސިފަ އެކެވެ.


2. ފަތިސް ނަމާދުގެ ސަބަބުން ލިބޭނެ ނިއުމަތާއި ނަމާދު ނުކޮށްފި ނަމަ ލިބޭނެ ގެއްލުން ދެނެގަންނާށެވެ.

ގަޑި ނުޖެހި ސްކޫލަށް ދެވެ އެވެ. ފްލައިޓް މިސްވެދާނެތީ ބިރުން ވެސް އަވަހަށް ހޭލެވެ އެވެ. އެއީ ގަޑިއަށް ސްކޫލަށް ނުދެވިއްޖެ ނަމަ ކުލާހުން ބޭރުގައި ހުންނަން ޖެހިދާނެތީ ގަންނަ ބިރަކާއި، ފްލައިޓް މިސްވެއްޖެ ނަމަ ލިބޭނެ ބޮޑު ގެއްލުން ތިމާއަށް އެނގޭތީ އެވެ.

ހަމަ އެފަދައިން ފަތިސް ނަމާދަށް ހޭލައި ނަމާދު ކޮށްލުމުން މުޅި ދުވަހުގެ މަސައްކަތުގައި ބަރަކާތް ލައްވާނެ ކަން ދެނެގަންނާށެވެ. އަދި ނަމާދު އެޅުމުގެ ސަބަބުން ތިމާއަށް ދުނިޔޭގައި އަދި އާޚިރުގައި ލިބޭނެ ބަދު ނަސީބު ދެނެގަންނާށެވެ.

3. ހޭލުމުގެ ނިޔަތުގައި ނިދާށެވެ.

ނިދަން އޮށޯތުމަށް ފަހު، ފަތިސް ނަމާދަށް ގަޑިއަށް ހޭލާނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފްސަށް ދޭށެވެ. ހޭލާނެ ކަމުގެ ނިޔަތާއި އެކު ނިދުމުން، ހޭލަން ފަސޭހަވާނެ އެވެ.

4. ނިދުމުގެ ކުރިން ވުޟޫ ކުރާށެވެ.

ވުޟޫ ކޮށްގެން ނިދައިފި މީހަކު ރައްކާތެރި ކުރުމަށް މަލާއިކަތުން ތިއްބަވާނެ ކަމަށް އިމާމު ބުޚާރީގެ ކިބައިން ރިވާވެގެންވެ އެވެ.

5. ޤުރްޢާން ކިޔަވާށެވެ.

އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން ކޮންމެ ރެޔަކު ވެސް ކީރިތި ރަސޫލާ، ޤުރްޢާނުން ކޮންމެވެސް މިންވަރެއް ވިދާޅުވާ ކަމަށް ރިވާވެގެންވެ އެވެ. އެގޮތުން ކޮންމެ ރެޔަކު ނިދުމުގެ ކުރިން، ކިޔުމަށް އިލްމުވެރިން އިރުޝާދު ދެއްވާފައިވާ ސޫރަތްތަކާއި ދުޢާތައް ކިޔުމަށް އާދަ ކުރާށެވެ. އޭރުން ފަތިސް ނަމާދަށް ހޭލަން ފަސޭހަ ވާނެ އެވެ.

6. ގަޑި ސޯނާކޮށް ތިމާ ތައްޔާރު ވާށެވެ.

ނިދަން އޮށޯތުމުގެ ކުރިން ފޯނު ނުވަތަ ގަޑި ސޯނާ ކުރާށެވެ. އެވަރުން ވެސް ހޭލަން އުނދަގޫވާ ނަމަ، ގޭގައި އުޅޭ މީހެއް ގާތުގައި ތިމާއަށް ގޮވައި ހޭލައްވަން ބުނާށެވެ.

7. ފަސް މިނެޓު ކިޔަން ނޯންނާށެވެ.

ހުރިހާ ކަމެއް ކޮށްގެން ތިމާއަށް ހޭލެވިދާނެ އެވެ. ދެން އޮތީ އެންމެ ބޮޑު މަސައްކަތެވެ. އެނދުން ތެދުވުމެވެ. 'އަދި ފަސް މިނެޓު، އަދި ފަސް މިނެޓު' މިއީ އެންމެނާ ވެސް ރައްޓެހި އިބާރާތެކެވެ. ފަސް މިނެޓަށް ނިދާ މީހުންނަށް ދެން ހޭލެވެނީ ކިތައް ފަސް މިނެޓު ފަހުން ކަން ވެސް އެއީ އާ ކަމެއް ނޫނެވެ. އެހެންކަމުން ހަމަ ހޭލެވުމާ އެކު އިތުރު އެއްވެސް ބަހަނާ އެއް ނުދައްކައި އެނދުން ތެދުވާށެވެ.

comment ކޮމެންޓް