ބިހަކާ ނުލައި ދަރީން އުފެއްދިދާނެ: ސައިންސްވެރިން

މުސްތަގުބަލުގައި އަންހެނެއްގެ ބިހާ ނުލައި ދަރީން އުފެއްދިދާނެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ބާތުގައި، މީދާ ބޭނުންކޮށްގެން ކުރި އެކްސްޕެރިމެންޓަކުން މިކަން ހާމަކުރެވޭ ކަމަށް ސައިންސްވެރިން ބުނެ އެވެ.

ބީބީސީ އިން ރިޕޯޓު ކުރާ ގޮތުގައި، ސައިންސްވެރިން ވަނީ ފިރިހެން މީދަލުގެ ދަރިފަންޏަށް "އޮޅުވާލައިފަ" އެވެ. ދަރިފަނި ގަރުބަގަންނަނީ ބިހަކާ ކަމަށް ދަރިފަންޏަށް ހީވާ ގޮތަށް އޮޅުވާލަނީ އެވެ. މި ކަމުގެ ސަބަބުން، ދަރިފަނި ބިހާ އެއްކޮށް ގަރުބަގަންނަ ފަދައިން، އެހެން ސެލްތަކާ އެކު ވެސް "އެކުވެ"، ގަރުބަގަނެ އެވެ.

މީދާ ބޭނުންކޮށްގެން ކުރި މި އެކްސްޕެރިމެންޓުގައި، ގަރުބަގަނެފައި ނުވާ މީދަލުގެ ބިސް ސެލްއެއްގައި ކެމިކަލް ބޭނުންކޮށްގެން މުޑުވައްކޮށް އެމްބްރްޔޯއެއް ހެދުމަށް ފަހު އެއާ ދަރިފަނި އެއްކޮށްގެން ގަރުބަގަތެވެ.

މިފަދައިން ހެދި އެކްސްޕެރިމެންޓުތަކަށް ބިނާކޮށް، ސައިންސްވެރިން ބުނީ މީދާ އުފަންކުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މި އެކްސްޕެރިމެންޓުގެ ލީޑު ސައިންޓިސްޓް ޑރ. ޓޯނީ ޕެރީ ވިދާޅުވީ، މީދަލުގެ ދަރިފަންޏާއި އެހެން ސެލްތަކާ ކެމިކަލް ބޭނުންކޮށްގެން މިފަދަ ކަމެއް ކުރެވޭ ނަމަ، އިންސާނުންގެ ސެލް ބޭނުންކޮށްގެން ވެސް ބިހާ ނުލައި އިންސާނުން އުފެއްދިދާނެ ކަމަށެވެ.

"ކުރިޔަށް އޮތް ތަނުގައި، ހަށިގަނޑުގެ ކޮންމެވެސް ސެލްއަކާ ދަރިފަންޏާ އެއްކޮށްގެން ދަރިއަކު ގަރުބަގަތުމުގެ ފުރުސަތު އޮވެދާނެ،" ޑރ. ޕެރީ ވިދާޅުވި އެވެ.

އެގޮތުން، އަންހެނަކާ ނުލައި ދަރިއަކު އުފެއްދިދާނެ ކަމަށާއި ނުވަތަ ފިރިހެނަކު އޭނާގެ އަމިއްލަ ދަރިފަންޏާއި އަމިއްލަ ހަށިގަނޑުގެ އެހެން ސެލްއެއް ބޭނުންކޮށްގެން ވެސް ދަރިއަކު ހެދިދާނެ ކަމަށް މި ދިރާސާއިން ދައްކަ އެވެ.

ޑރ. ޕެރީއާއި އޭނާގެ ޓީމުން ބުނާ ގޮތުގައި، މި ހޯދުމަކީ ފިކުރީ ގޮތުން 200 އަހަރު ދުވަހަށް ވުރެ ވެސް ކުރިޔަށް އިންސާނުން އެޅި ފިޔަވަޅެކެވެ.

comment ކޮމެންޓް