ސެމްސަންގ ގެލެކްސީ އެސް8 ގައި ވެސް ހެޑްފޯނު ޖެކެއް ނުހުންނާނެ!

މި އަހަރު ނެރުނު ސެމްސަންގް ގެލެކްސީ ނޯޓު7 ފޯނު ވެގެން ދިޔައީ ސެމްސަންގްއަށް ބޮޑު ގެއްލުމަކަށެވެ. އެ ފޯނުގެ ބެޓެރީ ދޮންބޮޑުވެ، "ބަޑި ޖަހަން" ފަށާ މައްސަލަ ދުނިޔޭގެ ހުރިހާ ދިމާލަކުން ފެންމަތިވި އިރު، އެންމެ ފަހުން ސެމްސަންގްއިން ވަނީ އެ ފޯނުތައް އަނބުރާ ނަގައި، ކަސްޓަމަރުންނަށް ބަދަލު ދޭން ފަށައިފައެވެ.

އެއީ ނޯޓު7 ގެ ފެއިލިއަރު ސެމްސަންގ އިން ގަބޫލުކުރުން ކަމުގައި ބެލެވިދާނެއެވެ. އެކަން ގަބޫލުކޮށް، ސެމްސަންގ އިން މިހާރު ވަނީ އެކުންފުނިން ދެން އެންމެ އަވަހަށް ނެރޭނެ ފޯނު ކަމުގައިވާ، ސެމްސަންގ ގެލެކްސީ އެސް8ގެ މަސައްކަތް ފުރިހަމަ ކުރުމަށް ހިތްވަރު އާ ކޮށްފައެވެ.

ބެލެވޭ ގޮތުގައި، ސެމްސަންގ ގެލެކްސީ އެސް8 ރިލީޒް ކުރާނީ އަންނަ އަހަރުގެ ކުރީކޮޅުއެވެ.

އެ ފޯނު ރިލީޒް ކުރާ އިރު، އޭގައި ކުރީގެ ފޯނުތަކަށް ވުރެ އެތައް ތަފާތު ކަންތައްތަކެއް ހުންނާނެ ކަމަށް ބެލެވެއެވެ.

މި މަހުގެ ތެރޭގައި އެޕަލްއިން ރިލީޒްކުރި އެޕަލް އައިފޯން 7 އަދި 7 ޕްލަސް ހަދާފައި ވަނީ ހެޑްފޯނު ޖަހާ ޖެކު ނުލައެވެ. އޭގެ ބަދަލުގައި، އެޕަލްގެ ޗާޖަރު ޖަހާ ލައިޓްނިންގް ޕޯޓަށް ޖެހޭ ފަދަ ހެޑްފޯނު އައިފޯން 7 އާ އެކު ލިބެއެވެ. ނުވަތަ ކުރީގެ ހެޑްފޯނުތައް ބޭނުންކުރަން އެދޭ ނަމަ، އެ ހެޑްފޯނު ބޭނުންކުރެވޭނެ ފަދަ އެޑަޕްޓަރު ވެސް ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން ފޯނާ ވަކިން ގަނެވޭނެ ވަޔަލެސް ހެޑްފޯނު "އެއާޕޮޑްސް" ވެސް އެޕަލްއިން ރިލީޒް ކޮށްފައި ވެއެވެ.

އެޕަލްގެ ފިޔަވަޅުތަކުގެ ފަހަތުން ހިނގައި، ސެމްސަންގ ގެލެކްސީ އެސް8 ވެސް ހެޑްފޯނު ޖެކާ ނުލައި އުފައްދާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

ސެމްސަންގ ފޯނުތަކާއި އެހެނިހެން ގިނަ ސްމާޓުފޯނުތަކުގައި އާންމުކޮށް ހުންނަނީ ޔޫއެސްބީ ޓައިޕް ސީ ޗާޖަރެވެ. ނަމަވެސް އަޑު ފެތުރިފައިވާ ގޮތުން ނަމަ، ސެމްސަންގ ގެލެކްސީ އެސް8 އުފައްދާނީ، އާންމުކޮށް ހުންނަ 3.5 މިލިމީޓަރު ޖެކުގެ ބަދަލުގައި، އާ ޖެކަކާ އެކުގަ އެވެ. އެއީ ސެމްސަންގްއިން އަމިއްލައަށް އުފައްދާ ފީޗާއެއް ކަމަށް ވެއެވެ.

comment ކޮމެންޓް