އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން ސާފުކޮށްދޭ ވަރަށް ކުޑަ އާލާތެއް!

ފެން ސާފު ކުރުމަށް އުފައްދާފައިވާ އާޑިވައިސްގެ ފުޅާ މިނުގައި ހުންނަނީ އެއް ސެންޓިމީޓަރު އަދި ދިގުމިނުގައި ހުންނަނީ ދެ ސެންޓިމީޓަރު -- ފޮޓޯ: ސްޓެންފޯޑް

އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން ސާފުކޮށްދޭ ވަރަށް ކުޑަ އާލާތެއް ޓެސްޓުކޮށްފި ކަމަށް އެމެރިކާގެ ސްޓެންފޯޑް ޔުނިވާސިޓީގެ ސައިންސުވެރިން ބުނެފިއެވެ.

ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ ނޭޗާ ނެނޯޓެކްނޮލޮޖީގައި ހިމަނާފައިވާ ދިރާސާއެއްގައިވާ ލެބޯރެޓަރީ އެކްސްޕެރިމެންޓުން ދެއްކި ގޮތުގައި، ފުޅާ މިނުގައި އެއް ސެންޓިމީޓަރު އަދި ދިގުމިނުގައި ދެ ސެންޓިމީޓަރު ހުންނަ އެ ޑިވައިސް ފެނަށް ލުމުން އެންމެ 20 މިނިޓު ތެރޭ 99.9 ޕަސެންޓް ބެކްޓީރިއާ ވަނީ ނައްތާލާފައެވެ.

ޕްރޮޖެކްޓުގެ ލީޑަރު ޗޮންގް ލިއު ވިދާޅުވި ގޮތުގައި އެ އާލާތުގެ ހާއްސަ ކަމަކީ، މީގެ ކުރިން އުފައްދާފައިވާ އެފަދަ އާލާތްތަކާ އަޅައިބަލާއިރު އޭގެއިން ބޭނުން ކުރާ ހަކަތައިގެ މިންވަރު އިތުރުވުމެވެ.

"އެ ޑިވައިސްގެ އެންމެ ރަނގަޅު ކަމަކީ އޭގެއިން އިރުން ލިބޭ ހަކަތައިގެ 50 ޕަސެންޓް ބޭނުން ކުރާކަން. އޭގެ ސަބަބުން ފެން ސާފުކުރާ ސްޕީޑް މާއަވަސް ވާނެ. އަދި ފެން ސާފު ކުރުމަށް އެއަށް އިތުރު ހަކަތައެއް ވެސް ބޭނުން ނުވާނެ،" ލިއު ވިދާޅުވިއެވެ.

އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން ސާފު ކުރާ އެހެން އާލާތްތަކުން ފެން ސާފު ކުރުމަށް ގާތްގަނޑަކަށް ދެދުވަސް ނަގާ ކަމަށް ސްވިސް ފެޑެރަލް އިންސްޓިޓިއުޓް އޮފް އެކުއޭޓިކް ސައިންސެސް އެންޑް ޓެކްނޮލޮޖީ އިން ބުންޏެވެ.

އެ ޑިވައިސް ބާޒާރަށް ތައާރަފް ކުރުމުގެ ކުރިން އިތުރު އެކްސްޕެރިމެންޓުތައް ހަދަން ޖެހޭ ކަމަށް ލިއު ވިދާޅުވިއެވެ. އަދި އެއީ އަގު ހެޔޮކޮށް އުފައްދާ އާލާތެއް ކަމުން އޭތި ވިއްކާ އަގުވެސް ކުޑަ ވާނެ ކަމަށް އޭނާ ލަފާ ކުރެއްވިއެވެ. (އަލްޖަޒީރާ)

comment ކޮމެންޓް
ގުޅޭ ޚަބަރު