ދިވެހި މީޑިއާގެ ފުރަތަމަ 360 ވީޑިއޯ، "ސަން"އިން ތައާރަފްކޮށްފި

ސަން އޮންލައިންގެ ފޭސްބުކް ޕޭޖުގައި ޕޯސްޓްކޮށްފައިވާ 360 ޑިގްރީގެ ވީޑިއޯގެ ސްކްރީންޝޮޓެއް --

އެއީ ދުނިޔޭގައިވާ އެންމެ ބޮޑު މިސްކިތެވެ. އިސްލާމީ ތާރީހާ ގުޅިފައިވާ މިސްކިތެވެ. ބިން މަތީގައި ބިނާ ކުރި ދެ ވަނަ މިސްކިތެވެ. މަދީނާގައި ކީރިތި ރަސޫލާﷺ ބިނާ ކުރެއްވި އެ މިސްކިތުގައި މިހާރު އެއްފަހަރާ ހަ ލައްކަ މީހުންނަށް ނަމާދު ކުރެވޭނެ އެވެ. ހައްޖު މޫސުމުގައި އެއްފަހަރާ އެއް މިލިއަން މީހުންނަށް ނަމާދު ކުރެވޭނެ އެވެ.

ހައްޖުގެ އަޅުކަމަށް ސައުދީން ވަމުންދާ ތައްޔާރީތައް ކަވަރު ކުރުމަށް ސަން މީޑިއާގެ ގްރޫޕުން މައްކާއަށް ގޮސްހުރި ސަންޓީވީގެ ނިއުސް ހެޑް އިބްރާހިމް ޒަކީ ވަނީ އެ މިސްކިތުގެ ނަލަ މަންޒަރުތައް ތަފާތު ގޮތަކަށް ދައްކާލާފައެވެ. އެ މިސްކިތަށް ޒަކީ ޒިޔާރަތް ކުރި ތަންތަނުގެ ހުރިހާ ދިމާލެއް ބަލާލެވޭ ވީޑިއޯއެއް އޭނާ ވަނީ އާންމުކޮށްފައެވެ. ސަން އޮންލައިންގެ ފޭސްބުކް ޕޭޖުގައި ޒަކީ ޕޯސްޓް ކުރި ވީޑިއޯއަކީ 360 ވީޑީއޯއެކެވެ.

ކެމެރާގެ ލެންސް ފިޔަވައި ވަށައިގެންވާ ހުރިހާތަނެއް އެ ވީޑިއޯއިން ފެންނާނެ އެވެ. ކުރަންޖެހޭ ހަމައެކަނި ކަމަކީ ވީޑިއޯ ޕްލޭ ކުރުމަށްފަހު، ފޯނުންނަމަ މަޑުމަޑުން އަބުރަމުން ގެންދަންވީ އެވެ. ބޭނުންވާ ދިމާލެއް ނަލަކޮށް، އިނގިލި ކުރިން ކަހާލަމުން ބަލާލަންވީ އެވެ. ކޮންޕިއުޓަރުންނަމަ މައުސްއަށް ފިއްތާލައިގެން ބޭނުން ދިމާލެއް ބަލަމުން ދާންވީ އެވެ.

ސަން އިން ތައާރަފް ކުރި 360 ވީޑިއޯއާއެކު ރާއްޖޭގެ މީޑިއާގެ ތާރީހުގައި އަނެއްކާވެސް އާ ސަފުހާއެއް ސަން މީޑިއާ ގްރޫޕުން މި ވަނީ ލިޔެފައެވެ. ދިވެހި މީޑިއާގެ ތަރައްގީއަށް އަބަދުވެސް މިފަދަ އާ ކަންތައްތަކެއް އަޅުގަނޑުމެން ދާނީ ތައާރަފް ކުރަމުންނެވެ.

ސަން މީޑިއާ ގްރޫޕްގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ، "ޒަމާނީ މީޑިއާގެ ފަސޭހަތައް، ދިވެހީންނާ ހަމަޔަށް ގެނެސްދިނުމަށް، ސަންއިން އަބަދުވެސް މިއަންނަނީ މަސައްކަތްކުރަމުން" ކަމަށެވެ.

"360 ވީޑިއޯއަކީ ހިތްގައިމު އާ ވަސީލަތެއް. މިފަދަ އާ ކަންކަން އަޅުގަނޑުމެންނަށް ތައާރަފް މިކުރެވެނީ، ގުޅިގެން މަސައްކަތްކުރާ، ވަރުގަދަ ޓީމެއް ސަންގައި އޮތުމުން. ސަންގެ މުޅި ޓީމަށް ހާއްސަ ޝުކުރެއް،" ސިނާން ވިދާޅުވިއެވެ.

ސަން މީޑިއާ ގްރޫޕުގެ ކްރިއޭޓިވް ޑައިރެކްޓަރު މުސްތަފާ މުހައްމަދު ރަޝީދު (މުސްތޮ) ވިދާޅުވީ، ސަންގެ މަގުސަދަކީ އަބަދުވެސް ކިޔުންތެރިންނާ ރައްޓެހި އަދި ކިޔުންތެރިން ގަޔާވާ އުފެއްދުންތައް ގެނެސްދިނުން ކަމަށެވެ. ސަން މީޑިއާއިން ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ތަފާތު އުފެއްދުންތައް ކިޔުންތެރިންނާ ހިސާބަށް ގެނެސްދޭނެ ކަމަށް މުސްތޮ ވިދާޅުވި އެވެ.

"360 ވީޑިއޯ އަޅުގަނޑުމެން މި ފެށީ ހައްޖުގެ އަޅުކަމާއެކު މައްކާއިން. ހާއްސަ ހާލަތްތަކުގައްޔާއި ދިވެހިންނާ ގުޅޭ މުހިއްމު ދަނޑިވަޅުތަކުގައި މިފަދަ ވީޑިއޯތައް އަދިވެސް ފެންނާނެ،" މުސްތޮ ވިދާޅުވި އެވެ.

ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ، "ސަން އޮންލައިނުން އަބަދުވެސް މަސައްކަތްކުރާނީ، މިފަދަ މީޑިއާއެއް ކުރިއަށް ގެންދިއުމަށް އެވަގުތެއްގައި ލިބެންހުރި ޓެކްނޮލޮޖީގެ ހުރިހާ ކުރިއެރުންތަކެއް ވެސް ބޭނުންކޮށްގެން ކުރިއަށް ދިއުމަށް" ކަމަށެވެ.

ހިރިގާ ވިދާޅުވީ، މީޑިއާގައި ބޭނުންކުރާ ޓެކްނޮލޮޖީގެ ވަސީލަތްތައް ދުވަހުން ދުވަހަށް ތަރަށްގީވަމުންދާއިރު، އެފަދަ ވަސީލަތްތަކާއެކު، ސަންގެ ކިޔުންތެރީން ޝައުގުވެރިވާގޮތަށް ޚަބަރާއި މައުލޫމާތުތައް ބައްޓަންކުރުމަށް އަބަދުވެސް މަސައްކަތްކުރަމުންދާނޭ ކަމަށެވެ.

ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި "ސަން"އިން ވަނީ ރާއްޖޭގެ އޮންލައިން މީޑިއާގައި އާ ކަންތައްތަކެއް ތައާރަފް ކޮށްފައެވެ. މުހިއްމު ރަސްމިއްޔާތުތަކާއި މުޒާހަރާތައް ރާއްޖޭގައި ފުރަތަމަ ފަހަރަށް 2011 ވަނަ އަހަރުން ފެށިގެން ލައިވް ސްޓްރީމް ކުރަން ފެށީ "ސަން" އިންނެވެ. ރާއްޖޭގެ މީޑިއާއަކުން ފުރަތަމަ ފަހަރަށް ނެރުނު އައިފޯން އެޕްލިކޭޝަން ނެރުނީ "ސަން" އިންނެވެ. އެސްއެމްއެސް މެދުވެރިކޮށް ޚަބަރު ސުރުހީ މޯބައިލްފޯނުތަކަށް ފޮނުވަން ފެށީ ވެސް "ސަން"އިންނެނެވެ.

އަބަދުވެސް "ސަން" މަަސައްކަތް ކުރާނީ ނޫސްވެރިކަމުގެ އާ އުފެއްދުންތަކުގެ ތެރެއިން ކިޔުންތެރިންނަށް ފަސޭހަކޮށް ހަބަރާއި މައުލޫމާތު ގެނެސްދިނުމަށެވެ.

comment ކޮމެންޓް