ޗައިނާގެ ޖީ20 ސަމިޓުގައި ދުނިޔޭގެ އިގުތިސާދު ކުރިއެރުވުމަށް ގިނަ އެކްޝަން ޕްލޭންތައް އެކުލަވާލައިފި

ޗައިނާގައި ކުރިއަށް ދިޔަ ޖީ20 ސަމިޓުގެ ތެރެއިން -- ފޮޓޯ: އޭޕީ

ބެއިޖިން (ސެޕްޓެމްބަރު 9): ސިނާއީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމުގެ ބައްދަލުވުމުގައި މިއަހަރު އެންމެ ބޮޑަށް އިސްކަންދީފައި ވަނީ ދުނިޔޭގެ އިގުތިސާދު ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކަށެވެ.

ޗައިނާގައި ދެ ދުވަހަށް ދެމިގެންދިޔަ ޖީ20 ސަމިޓުގައި ވަނީ ދެމެހެއްޓެނިވި ގޮތަކަށް ދުނިޔޭގެ އިގުތިސާދު ކުރިއެރުވާނެ ގޮތަކާ ބެހޭ ސްޓެރެޓެޖީއެއް އެކުލަވާލާފަ އެވެ. އަދި ގައުމުތަކުގެ މެދުގައި އިންވެސްޓްމެންޓުތައް ހެދުމުގައި އަމަލު ކުރާނެ ގަވާއިދުތަކުގެ ފްރޭމްވޯކެއް ފުރަތަމަ ފަހަރަށް އެކުލަވާލާފަ އެވެ.

އެސަމިޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން ސަމިޓުގެ ބައިވެރިން އެއްބަސްވާ ގޮތުގައި ދުނިޔޭގެ އިގުތިސާދު އަނެއްކާވެސް ވަރުގަދަ ކުރެވޭނީ ހުރިހާ ގައުމުތަކުން ގުޅިގެން އާފިޔަވަޅުތަކާއި ސިޔާސަތުތައް ތައާރަފްކޮށް އަދި މިހާރު އަމަލު ކުރަމުންދާ ސިޔާސަތުތައް އިސްލާހުކޮށްގެންނެވެ.

ޗައިނާގެ ރައީސް ޝި ޖިންޕިންގް ވިދާޅުވި ގޮތުގައި ތަރައްގީގެ ދާއިރާއިން އެސަމިޓުގައި ފުރަތަމަ ފަހަރަށް އަލިއަޅުވާލާފައިވާ ކަންތައްތަކުގެ ތެރޭގައި ޔޫއެންގެ ދެމެހެއްޓެނެވި ތަރައްގީ އާ ބެހޭ އެޖެންޑާ 2030 ތަސްދީގު ކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވާލުމާއި އެފްރިކާ އާއި ތަރައްގީ ވެފައި ނުވާ ގައުމުތައް ސިނާއީ ގޮތުން ކުރި އެރުވުމަށް ހުރިހާ ގައުމުތަކުން އެއްބާރުލުން ހިމެނެ އެވެ.

މީގެ އިތުރުން އެސަމިޓުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ރެފިއުޖީންނާއި ޓެރަރިޒަމް ފަދަ މައްސަލަތަކާ ބެހޭ ގޮތުންވެސް މަޝްވަރާކޮށްފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް