ވަޔަލެސް ހެޑްސެޓާއި ދެ ކެމެރާ ހިމެނޭ ވޯޓާޕްރޫފް އައިފޯން 7 ދައްކާލައިފި

އެޕަލްގެ ސްމާޓްފޯން އައިފޯނުގެ ހަތް ވަނަ ސީރީޒްގެ ދެ ފޯނު ކަމުގައިވާ އައިފޯން 7 އަދި އައިފޯން 7 ޕްލަސް ރަސްމީކޮށް އިފްތިތާހުކޮށް، އެތައް ބައެއްގެ އިންތިޒާރުތަކަށް ނިމުމެއް ގެނެސްފި އެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވި ގޮތުގައި މިއީ މިހާތަނަށް އުފައްދާފައިވާ އެންމެ "ބެސްޓް"، އެންމެ އީޖާދީ އައިފޯނެވެ.

އައިފޯން 7 އަދި 7 ޕްލަސްގެ ޑިޒައިނަށް ބަލާއިރު އޭގައި ހުންނަނީ ރިފްލެކްޓިވް ސާފެސް އެކެވެ. އޮކްސައިޑް ޕްރޮޓެކްޓިވް ފަށަލައެއް ލެވިފައިވެ އެވެ.

ވަޔަރލެސް ހެޑްފޯން "އެއާޕޮޑް"

އައިފޯން 7 ޕްލަސްގައި، ކުރިން ވާހަކަ ފެތުރިފައިވާ ގޮތަށް ޓްވިން ކެމެރާއެއް ހުރެ އެވެ. އެއީ ފޯނުގެ ފަހަތުގައި ދެ ލެންސެވެ. ކޮންމެ ލެންސެއްގައި 12 މެގަޕިކްސެލް ހުރެ އެވެ.

އައިފޯން 7 ގެ ދެ ފޯނު ވެސް ހިރަފުހާއި ފެން ޖެހުނަސް ހަލާކެއް ނުވާނެ އެވެ. ޑަސްޓް އަދި ވޯޓަރ ރެސިސްޓަންޓް ދެ ފޯނުގައި، ހޯމް ބަޓަންއަށް ތަފާތު ކަމެއް ގެނެސްފައިވެ އެވެ.

ހޯމް ބަޓަން މަސައްކަތް ކުރާނީ ޕްރެޝާ ސެންސިޓިވްކޮށެވެ. ހޯމް ބަޓަން އިނަސް އެޔަށް ކްލިކް ނުކުރެވޭނެ އެވެ. ނަމަވެސް އެ ބަޓަނަށް ޕްރެޝަރެއް ލުމުން އެ ބަޓަން މަސައްކަތް ކުރާނެ އެވެ.

އެޕަލް އައިފޯނު 7 އަދި އައިފޯން 7 ޕްލަސް --

އައިފޯން 7 ގެ ކެމެރާތައް ވަރަށް ފުރިހަމަ ވާނެ ކަމަށް އެޕަލްއިން ބުނެ އެވެ. އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒް ކުރެވޭ މި ކެމެރާތަކުން އެކްސްޕޯޝަރ ވަގުތު ތިން ގުނައަށް އިތުރުވެ އެވެ. އައިފޯން 7 ގެ ކެމެރާގައި 1.8 އެޕެޗަރގެ ލެންސްއަކާއި ކުއަޑް އެލްއީޑީ ފްލޭޝެއް ހުރެ އެވެ. އަދި ފްރަންޓް ފޭސިންގް ކެމެރާގައި ހަތް މެގަޕިކްސެލް ހުންނާނެ އެވެ.

އައިފޯން 7 ޕްލަސްގެ ޑުއަލް ކެމެރާގެ ސަބަބުން ވައިޑް އޭންގަލް ފޮޓޯތަކާއި ޓެލެފޮޓޯ ނެގެ އެވެ. އެއް ލެންސުން ޒޫމް ކުރެވޭ ވަރަށް ވުރެ އަނެއް ލެންސްގެ ޒޫމް ކުރުމުގެ ގާބިލިއްޔަތު ދެގުނައަށް އިތުރެވެ.

އައިފޯން 7 ގައި ހިމެނެނީ ސްޓޭރެއޯ ސްޕީކަރުތަކެކެވެ. އަދި ކުރީގެ ފޯނުތަކުގައި ހުންނަ ހެޑްފޯން ޖެކުތައް ވަނީ ނަގައިފަ އެވެ. އޭގެ ބަދަލުގައި، ހެޑްފޯނު ޖަހަން ދެން ޖެހޭނީ ފޯނުގެ ޗާޖަރު ޖަހާ ލައިޓްނިންގް ޕޯޓަށެވެ. އާ ހެޑްފޯނެއް ވެސް މި ފޯނާ އެކު ތައާރަފު ކޮށްފައިވެ އެވެ.

އައިފޯން 7 ޕްލަސް --

އަދި ވަޔަލެސް ޓެކްނޮލޮޖީއާ އެކު "އެއާޕޮޑް" ކިޔާ ވަޔަލެސް ހެޑްފޯނެއް ވެސް އެޕަލްއިން ތައާރަފު ކޮށްފައި ވެ އެވެ. ކަންފަތަށް ހެޑްފޯނު ޖެހި ކަން އިންފްރާރެޑް ސެންސަރުތަކަކުން ދެނެގަނެވޭ އިރު، މި ހެޑްފޯނު މަސައްކަތް ކުރަނީ ހަމައެކަނި މީހެއްގެ ކަންފަތުގައި އެ ލައްވާފައި ހުންނަ އިރު އެވެ.

އެއާޕޮޑް ހެޑްފޯންސްއަކީ އައިފޯނާ ވަކިން ވިއްކަން ހުންނަ އެއްޗެކެވެ. އޭގެ އަގަކީ 169 އެމެރިކާ ޑޮލަރެވެ.

އައިފޯން 7 އަދި 7 ޕްލަސް މިއަދު އިފްތިތާހު ކޮށްފައިވާ އިރު، އައިފޯން 7 ގެ އަގު ފެށެނީ 649 ޑޮލަރުންނެވެ. އަދި އައިފޯން 7 ޕްލަސްގެ އަގުތައް ފެށޭނީ 769 ޑޮލަރަށެވެ. ދެ ފޯނުގެ ވެސް 256 ޖީބީގެ މެމޮރީއާ ހަމައަށް ލިބެން ހުންނާނެ އެވެ.

comment ކޮމެންޓް