"ސްޓީލިން ޕެރަޑައިސް" ދެއްކުމުގައި ސަމާލުވާން އަންގައިފި

ރާއްޖެއާ ގުޅޭ ގޮތުން އަލްޖަޒީރާއިން މިއަދު އާންމުކުރި "ސްޓީލިންގް ޕެރެޑައިސް" ޑޮކިއުމެންޓްރީ ދެއްކުމުގައި ސަމާލުވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

ބްރޯޑްކޮމް އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، އަލްޖަޒީރާ ޗެނަލް އިން ރާއްޖެއާ ބެހޭ ގޮތުން ތައްޔާރުކޮށް ދެއްކުމަށް ޕްރޮގްރާމް ގައިޑްގައި ހިމަނައި އަދި ޔޫޓިއުބްގައި މިހާރު އާންމުކޮށްފައިވާ ޑޮކިއުމެންޓްރީއާ ބެހޭ ގޮތުން ބައެއް ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންގެ ފަރާތުން ޝަކުވާ އާއި ކަންބޮޑުވުންތައް އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ.

ޝަކުވާ ހުށަހަޅާފައިވަނީ ބްރޯޑްކޮމް އިން ބުނިގޮތުގައި، އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި އޭގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި ހިލާފު ބައެއް ކޮންޓެންޓްތައް އެ ޑޮކިއުމަންޓަރީގައި ހުރިކަމަށް ބުނެ އެވެ.

ނަމަވެސް މީޑިއާނެޓުގެ ކަސްޓަމާ އެކްސްޕީރިއެންސް މެނޭޖަރު ސިމާނާ އިސްމާއިލް ސަން އަށް މިއަދު ވިދާޅުވީ، އަލްޖަޒީރާގެ ޑޮކިއުމަންޓްރީ ބްރޯޑްކާސްޓް ނުކުރަން ނުވަތަ އެ ޑޮކިއުމަންޓަރީ ދެއްކުން ބްރޯޑްކޮމް އިން މަނާކޮށްފައިނުވާ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ، އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި އޭގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި ކޯޑް އޮފް ޕްރެކްޓިސް އާ ހިލާފުވާ އެއްޗެއް ބްރޯޑްކާސްޓްކޮށް ނުވަތަ ރީބްރޯޑްކާސްޓް ކޮށްފިކަން އެ ކޮމިޝަނަށް ސާބިތުވެއްޖެނަމަ، އެފަރާތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

comment ކޮމެންޓް