ޕާސްޕޯޓް ކެންސަލް ކުރީ ކޮރަޕްޝަންގެ ވާހަކަތައް އޮއްބާލަން: ނަޝީދު

އަލް ޖަޒީރާއިން އާންމު ކުރި "ސްޓީލިންގް ޕެރެޑައިސް" ޑޮކިއުމެންޓްރީއަށް ރައީސް ނަޝީދު އިންޓަވިއު ދެއްވަނީ ---

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ޕާސްޕޯޓު ހިފެހެއްޓީ ސަރުކާރުގެ ކޮރަޕްޝަނުގެ އަމަލުތަކާ ގުޅިގެން އަލް ޖަޒީރާއިން އާންމު ކުރި "ސްޓީލިންގް ޕެރެޑައިސް" ގެ ވާހަކަތައް އޮއްބާލަން ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ އިތުރުން އިމިގްރޭޝަނުން މިއަދު ޕާސްޕޯޓް ކެންސަލް ކުރި މީހުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދާއި ނަޝީދު ސަރުކާރުގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނާއި 3 ނޮވެމްބަރު 1988 ގެ އުދުވާނީ ހަމަލާއާ ގުޅިގެން އުމުރަށް ޖަލަށްލާފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅޭ އަބްދުﷲ ލުތުފީ އާއި ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ހިމެނެ އެވެ.

އެކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަލް ޖަޒީރާއިން އާންމު ކުރި ޑޮކިއުމެންޓްރީގައި ހިމަނާފައިވާ މަނީ ލޯންޑްރިން އާއި ކޮރަޕްޝަންގެ ވާހަކަތައް އޮއްބާލަން ޕާސްޕޯޓް ހިފެހެއްޓީ ކަމަށެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ދިވެހި ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި ހުރެވިދާނެ ނުވަތަ ދިރިއުޅެވިދާނެ މީހުންގެ ތެރޭގައި ޝަރުއީ ހުކުމްތައް ނުވަތަ ތަހުގީގީ އިދާރާތަކަށް ބޭނުންވެގެން ހޯދާ މީހުން އެ ފަރާތްތަކުގެ އެންގުމަށް ތަބާނުވެ ރާއްޖެ ނައިސް ދިރިއުޅޭ ފަރާތްތައް ނުހިމެނޭނެ ކަމަށެވެ.

އެ ފަރާތްތަކުގެ ޕާސްޕޯޓް ކެންސަލްކޮށްފައި ވާކަން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، ކެންސަލް ކުރި ޕާސްޕޯޓްތަކުގެ ވެރިފަރާތެއް ރާއްޖެ އަންނަން ބޭނުންނަމަ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިމިގްރޭޝަނަށް ހުށަހެޅުމުން ރާއްޖެއަށް އައުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް ހަދައިދޭނެ ކަމަށެވެ.

މިހާރަކަށް އައިސް އެފަދަ ފަރާތްތައް ގިނަވަމުން ދިއުމުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ދާއިރާތަކަށާއި އަދި ތަހުގީގީ އިދާރާތަކުން ބައްލަވަމުންގެންދާ މައްސަލަތައް ކުރިއަށް ގެންދަން ގިނަގުނަ ހުރަސްތަކާ ކުރިމަތިވަމުންދާ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

comment ކޮމެންޓް