ސަރުކާރުން ސޮފްޓްޓޯއީސް އަދި ބާލީސް އުފައްދަން ފަށަނީ

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު -- ސަން ފޮޓޯ

ކުޑަކުދިން ކުޅެން ގެންގުޅޭ ސޮފްޓްޓޯއީސް އާއި ބާލީހާއި ކަންނެޔޮ ފަދަ ތަކެތި ރާއްޖޭގައި އުފައްދައި، އަންނަ އަހަރުގެ ކުރީކޮޅު ބާޒާރަށް ނެރެން ފަށާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ، ހުޅުމާލެއިން އިކޮނޮމިކް މިނިސްޓްރީއަށް 3،000 އަކަފޫޓުގެ ބޮޑު ބިމެއް ލިބިފައިވާ ކަމަށާއި، އެތަނުގައި ފަސް ބުރީގެ ކާރުޚާނާއެއް ހަދަން ނިންމާފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ސަރުކާރުން ބޭނުންވަނީ ރާއްޖޭގައި ކުދިކުދި ސިނާއަތްތަކެއް އުފައްދަން ކަމަށާއި، މި ކާރުޚާނާގައި މަސައްކަތް ކުރާނީ ސިނާއީ މިންގަނޑަށް ކަމަށެވެ.

އަބްދުﷲ ވިދާޅުވީ، އެ ކާރުޚާނާ ގާއިމު ކުރުމަށް އޭޑީބީއާއި އައިޑީބީ ފަދަ ފަރާތްތަކުން ފަންޑު ހަމަޖެހިފައިވާ ކަމަށެވެ.

މި ކާރުޚާނާގައި އެކިއެކި ފިޔަވަހިތަކަށް ބަހާލައިގެން ދިވެހި އުފެއްދުންތައް އުފައްދަން ފަށަން ރާވާފައިވާ އިރު، ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ ފުރަތަމަ ފަށާނީ ކުޑަކުދިން ކުޅޭ ސޮފްޓްޓޯއީސްއާއި ބާލީހާއި ކަންނެޔޮ ފަދަ ތަކެތި އުފައްދަން ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ކޮންމެ އަހަރަކު ވެސް 17 މިލިޔަން ރުފިޔާގެ ސޮފްޓްޓޯއީސް މިހާރު އެތެރެ ކުރާ ކަމަށެވެ.

ނަމަވެސް، ރާއްޖޭގައި ބާލީހާއި ސޮފްޓްޓޯއީސް ފަދަ ތަކެތި އުފައްދާ ނަމަ، މިހާރު ބާޒާރުގައި އެތަކެތި ހުންނަ އަގަށް ވުރެ 20 ޕަސަންޓާ 30 ޕަސަންޓު އަގު ހެޔޮ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ ރާއްޖޭގައި އުފައްދާ ސޮފްޓްޓޯއީސްތަކުގެ ގޮތުގައި ހަދާނީ ރާއްޖޭގައި އުޅޭ މަސްމަހާއި، ބޮއްޔާއި ދޫނި ފަދަ ތަކެތި ކަމަށާއި، އެތަކެތި ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ނޮވެމްބަރު މަހު ބާއްވާ އެކްސްޕޯ މޯލްޑިވްސް 2017 މައުރަޒުގައި އެތަކެތީގެ ޕްރޮޓޯޓައިޕް ދައްކާލާނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

ސޮފްޓްޓޯއީސްއާއި ބާލީހާއި ކަންނެޔޮ އުފެއްދުމުން ފެއްޓުމަށް ފަހު، ކާށިތެލާއި ނާށީގެ އުފެއްދުންތަކާއި ކްލޭއިން ކުދި ދޯނި ވެސް ކާރުޚާނާގައި ހެދުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

"މިކަން ދެމެހެއްޓެނެވި ގޮތުގައި ކުރެވޭނެ ދިރާސާތައް ހަދައި، އިރާދަކުރެއްވިއްޔާ ފަސް ދާއިރާއަކުން ދިވެހީން އަމިއްލައަށް އުފައްދާ ބާވަތްތައް ދުނިޔޭގެ ބާޒާރަށް ނެރެވިގެން ދާނެ،" އަބްދުﷲ ވިދާޅުވި އެވެ.

އަދި މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިޔަށް ދާ މަޝްރޫޢެއް ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

comment ކޮމެންޓް