މޯލްޑިވްސް އިންޑިޕެންޑެންޓް ހިންގާ އިމާރާތަށް ފުލުހުން ވަދެއްޖެ

މޯލްޑިވްސް އިންޑެޕެންޑެންޓް ހިންގާ އިމާރާތް ފުލުހުން ބަލައި ފާސް ކުރަނީ-- ސަން ފޮޓޯ: ހުސެއިން ހަސަން

މޯލްޑިވްސް އިންޑިޕެންޑެންޓް (ކުރީގެ މިނިވަން ނޫސް) ހިންގާ އިމާރާތް ކަމަށްވާ ހ. ހުޅުގައްޔަށް ފުލުހުން ވަދެ އެތަން ބަލައި ފާސް ކުރަން ފަށައިފި އެވެ.

އެނޫހުގެ ނޫސްވެރިޔަކު ސަން އަށް ބުނީ، ފުލުހުން ކޯޓް އަމުރެއްގެ ދަށުން މުޅި އެ އިމާރާތް ބަލައި ފާސްކުރަމުންދާ ކަމަށާއި އެގޮތުން އެނޫސް ހިންގާ އެޕާޓްމަންޓް ވެސް ބަލަމުން އަންނަ ކަމަށެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ އެގެ އެއްކޮށް ބަލައި ފާސް ކުރަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ސަން ލިބިފައިވާ ކޯޓް އަމުރުގައި ބުނެފައިވާ ގޮތުން އެ އިމާރާތް ބަލައި ފާސް ކުރަނީ ސަރުކާރު ވައްޓާލަން ރާވައި ފިތުނަ އުފައްދައި އާންމު މަސްލަހަތު ނަގާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގަ އެވެ.

އެނޫހުގެ އިތުރުން ޑިމޮކުރަސީ ނެޓް ވޯކް އޮފީހަކާއި ރައީސް މުހައްމަދު ނަޝީދުގެ ވަކީލް ހަސަން ލަތީފް ލޯ ފާމް ވެސް ހުންނަނީ އެ އިމާރާތުގަ އެވެ.

ފުލުހުން ބަލަމުންދާ އިރު އަލްޖަޒީރާ އިން މިއަދު ގެނެސްދިން "ސްޓީލިން ޕެރަޑައިސް" ރިޕޯޓަށް އެ ނޫހުގެ އެެޑިޓަރު ޒަހީނާ ރަޝީދު ވަނީ އިންޓަވިއުދެއްވައިފަ އެވެ.

comment ކޮމެންޓް