ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކޮށް އަލް ޖަޒީރާ އިން ދެއްކީ ދޮގު ވާހަކަ: ތަރުޖަމާނު

އަލް ޖަޒީރާއިން މިއަދު އާންމުކޮށްފައިވާ "ސްޓީލިންގް ޕެރެޑައިސް" ޑޮކިއުމެންޓްރީގެ މަންޒަރެއް ---

އަލް ޖަޒީރާ އިން މިއަދު އާންމުކޮށްފައިވާ "ސްޓީލިންގް ޕެރެޑައިސް" ޑޮކިއުމެންޓްރީގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކޮށް އަލް ޖަޒީރާ އިން ދައްކާފައި ވަނީ ކަނޑައެޅިގެން ދޮގު ވާހަތަކެއް ކަމަށް ރައީސްގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

މިއަދު އަލް ޖަޒީރާ އިން ޔޫޓިއުބުގައި އާންމު ކުރި ވީޑިއޯގައި ރައީސް ޔާމީންގެ ސަރުކާރުގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއްކޮށްފަ އެވެ. އޭގެ ތެރޭގައި މަނީ ލޯންޑްރިން އާއި ޓެރަރިޒަމްގެ އަމަލުތަކެއް ހިމެނޭ ކަމަށް އަލް ޖަޒީރާ އިން ވަނީ ތުހުމަތުކޮށްފަ އެވެ.

ތަރުޖަމާނު މުއާޒު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކޮށް އަލް ޖަޒީރާ އިން ދައްކާފައިވާ ވާހަކައިގެ އެއްވެސް ހެއްކެއް ގަރީނާއެއް ނެތް ކަމަށެވެ. އަދި އެވާހަކަތައް އަލް ޖަޒީރާ އިން ގެނެސްފައި ވަނީ ދައުލަތަށާއި ޝަރީއަތަށް ފިލައިގެން ރާއްޖޭން ބޭރުގައި އުޅޭ ބަޔަކު ދެއްކި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް މުއާޒް ވަނީ ވިދާޅުވެފަ އެވެ.

މުއާޒް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށްކޮށްފައިވާ ދޮގު ތުހުމަތުތަކާ ގުޅިގެން ރައީސް އޮފީހުން ވަރަށް އަވަހަށް ބަޔާނެއް ނެރުއްވާނެ ކަމަށެވެ.

އަލްޖަޒީރާގެ ރިޕޯޓްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ވަނީ ގިނަ ތުހުމަތުތަކެއްކޮށްފަ އެވެ. އޭގެ ތެރޭގައި މަނީ ލޯންޑްރިންނާއި ރިޝްވަތާއި ނަމަހަ ގޮތުގައި ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކާފައިވާ ކަމަށް އަދީބުގެ މައްޗަށް ތުހުމަތުކޮށްފައިވެ އެވެ.

comment ކޮމެންޓް