ވެމްކޯގެ ބްރޭންޑް އެމްބެސެޑަރުން ކަނޑައަޅައި އެއްބަސްވުމުގައި ސޮއިކޮށްފި

ވެމްކޯގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި ހަމަޖެއްސި ތިން ބޭފުޅުންނާ އެކު ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ފުއާދު --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ބްރޭންޑް އެމްބެސެޑަރުންނާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ތިން ބޭފުޅުކާ އެކުގަ އެވެ. އެގޮތުން ވެމްކޯގެ ބްރޭންޑް އެމްބެސެޑަރުންނަށް ހަމަޖެއްސީ، މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އާއި، އަހްމަދު އާތިފް، އަބްދުއް ރަޝީދު އަލީ (އަބްސީ) އެވެ.

އެމްބެސެޑަރުންނާ އެކު ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފުއާދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ ވެމްކޯ އިން ބާއްވާ އިވެންޓުތަކުގައި އެމްބެސެޑަރުން ބައިވެރި ކުރާނެ ކަމަށާއި ހަމަ އެފަދައިން އެބޭފުޅުން ބާއްވާ އިވެންޓުތަކުގައި ވެމްކޯ އިން ވެސް ބައިވެރިވެ އެކީގައި މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ވެމްކޯގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ސޮއި ކުރެއްވުމަށް ފަހު އުނޫޝާ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު އުނޫޝާ ވިދާޅުވީ ތިމާވެށީގެ މައްސަލަތަކަކީ ކޮންމެ ބޭފުޅެއްގެ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކޮށްފި ނަމަ އެ މައްސަލަތައް ވަރަށް ފަސޭހައިން ހައްލުކުރެވޭނެ ކަމަށެވެ. އަދި މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އެ ތިން އެމްބެސެޑަރުންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ސޯޝަލް މީޑިއާގައި ހޭލުންތެރި ކުރުވުމުގެ މެސެޖުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އުނޫޝާ ވިދާޅުވި އެވެ.

ވެމްކޯ އިން ބުނީ އެމްބެސެޑަރުން ކަނޑައެޅުމުގެ މައިގަނޑު މަގްސަދަކީ ކުނި ނައްތާލުމާ ބެހޭ ގޮތުން ވެމްކޯއިންދޭ ހިދުމަތްތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ކުންޏާ ބެހޭ މައުލޫމާތު އާއްމުން ބަލައިގަންނާނެ ފަދަ ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ.

މިއަދު ވެމްކޯގެ އެމްބެސެޑަރުންނާއި އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު، އެ ތިން އެމްބެސެޑަރުން ވެސް ވެމްކޯއާ އެކު މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ހިލޭ ސާބަހަށެވެ.

comment ކޮމެންޓް