ލޫކަސް ޖަލީލު ފުލުހުންގެ ބަންދުން ދޫކޮށްލަން ހައިކޯޓުން އަމުރުކޮށްފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ކްރިމިނަލް ކޯޓުން ނެރެނީ ---- ސަން ފައިލް ފޮޓޯ

ސޯޝަލް މީޑިއާގައި މަޝްހޫރު އެކްޓިވިސްޓް ގ. އަރިސް، ޝަމްއޫން ޖަލީލު (ލޫކަސް ޖަލީލު) ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ތިންވަނަ ފަހަރަށް ކުރި ހުކުމް ބާތިލުކޮށް އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލަން ހައިކޯޓުން އަމުރުކޮށްފި އެވެ.

ލޫކަސް ޖަލީލުގެ މައްޗަށް ތުހުމަތު ކުރެވެނީ ގައުމުގެ ދިފާއީ ބާރުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރުމުގެ ތުހުމަތެވެ.

ލޫކަސް ތިންވަނަ ފަހަރަށް ބަންދު އިތުރުކޮށް 15 ދުވަސް ޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެމައްސަލަ ބަލައި ހައިކޯޓުން ލޫކަސް ދޫކޮށްލަން އަމުރުކޮށްފައި ވަނީ ހަތަރު ޝަރުތަކާ އެކު އެވެ.

އެގޮތުން ގައުމުގެ އަމަން ބަލަހައްޓާ ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅޭ ފަދަ ކަމެއް ނުކުރުމާއި، އެ މުއައްސަސާތަކުގެ ގަދަރާ ޝަރަފަށް އުނިކަން ލިބޭނެ ކަމެއް ނުކުރުމަށް ވަނީ ޝަރުތުކޮށްފަ އެވެ. އޭގެ އިތުރުން ފުލުހުން ބޭނުންވެއްޖެ ހިނދެއްގައި ދިރިއުޅޭތަން ބަލާ ފާސްކުރުމަށް އެއްބާރުލުން ދިނުމަށާއި ފުލުހުން ބޭނުވެއްޖެ ނަމަ ގެންގުޅޭ އިލެކްޓްރޯނިކް ވަސީލަތްތައް ދެއްކުމަށާއި ރާއްޖޭން ބޭރަށް ނުދިއުމަށް ވެސް ޝަރުތުކުރިކަން އެނގިފައިވެ އެވެ.

މީގެކުރިންވެސް ހައި ކޯޓުގައި ލޫކަސްގެ ބަންދުގެ ދެމައްސަލައެއް އިސްތިއުނާފު ކުރި ނަމަވެސް އެ ދެފަހަރުވެސް ވަނީ ބަންދުގައި ބަހައްޓަން ތާއީދުކޮށްފައެވެ.

ލޫކަސް ޖަލީލުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި ތުހުމަތު އުފެދޭ މިންވަރުގެ އެކަށީގެންވާ ހެކި ފުލުހުންގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ހައިކޯޓުން އޭރު ކުރި ހުކުމުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް