ހުއްދަ ނުހޯދައި ހުޅުމާލެއަށް ދަތުރުކުރި ޔޮޓުން ޖޫރިމަނާ ފައިސާ ދައްކައިފި: ކަސްޓަމްސް

އެމްޕީއެލް ސަރަހައްދު: ހުއްދަ ނުހޯދާ ހުޅުމާލެއަށް ދަތުރުކުރި ޓޫރިސްޓު ޔޮޓުން ކަސްޓަމްސްއަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކާފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައި -- ސަން ފައިލް ފޮޓޯ

ސީޝެލްސްގެ ވިކްޓޯރިޔާ ބަނދަރުން ފުރައިގެން ރާއްޖެއައި ޓޫރިސްޓް ޔޮޓެއް ކަސްޓަމްސްގެ ހުއްދަ ނުހޯދައި ރަސްމީ ބަނދަރުފިޔަވާ އެހެން ބަނދަރަކަށް (ހުޅުމާލެ) ދަތުރުކޮށްފައިވާތީވެ، އެ ޔޮޓު ކަސްޓަމްސަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކާފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު "ސަން"އަށް މިއަދު ވިދާޅުވީ ޖޫރިމަނާ ފައިސާ ދެއްކުމަށް ދީފައި ވަނީ ތިން ދުވަހުގެ މުއްދަތެއް ކަމަށާއި އެ މުއްދަތު ހަމަވުމުގެ ކުރިން ފައިސާ ދައްކާފައިވާ ކަމަށެވެ.

ކަސްޓަމްސްގެ އާންމު ގަވާއިދުގެ 550 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައި ވަނީ ރާއްޖެ އިން ބޭރުން އަންނަ އުޅަނދުފަހަރު ކަސްޓަމްސްގެ ހުއްދަނެތި ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް ދަތުރުކޮށްފި ނަމަ 30،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އެ ޔޮޓަކީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ޝީޝެލްސް އިން ރާއްޖެއަށް ދަތުރުކުރި ޔޮޓެކެވެ.

ރަސްމީ ބަނދަރުތަކުގެ ގޮތުގައި މިހާރު ކަނޑައަޅާފައި ވަނީ މާލޭ ކޮމާޝަލް ހާބަރާއި އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ހިތަދޫ ސަރަހައްދީ ބަނދަރެވެ.

comment ކޮމެންޓް