ކެންސަރުގެ އަލާމާތްތައް ފެނުމުގެ ކުރިން ބަލި ދެނެގަންނަ ލޭގެ ޓެސްޓެއް!

ކެންސަރުގެ އަލާމާތްތަައް ފެނުމުގެ ކުރިން ކެންސަރު ހުރިކަން ދެނެގަނެވޭ ލޭގެ ޓެސްޓެއް ސައިންސުވެރިން ވަނީ ހޯދާފަ -- ފޮޓޯ: ރޮއިޓާސް

ކެންސަރު ޖެހިފައިވާ މީހެއްގެ ގައިން ނުވަތަ ޓިއުމަރެއް އުފެދެން އުޅޭ މީހެއްގެ ގައިން ކެންސަރުގެ އަލާމާތްތައް ފެނުމުގެ ކުރިން އެބަލި ދެނެގަނެވޭ ލޭގެ ޓެސްޓެއް ސައިންސުވެރިން ހޯދައިފި އެވެ.

ބްރިޓިޝް ސައިންސް ފެސްޓިވަލްގައި ތައާރަފު ކޮށްފައިވާ އެ ލޭގެ ޓެސްޓަކީ 'ސްމޯކް ޑިޓެކްޓަރެއް' މަސައްކަތް ކުރާ ގޮތަށް މަސައްކަތް ކުރާ ޓެސްޓެއް ކަމަށް ސައިންސުވެރިން ބުނެއެވެ.

"ސްމޯކް ޑިޓެކްޓަރަކުން ބަލާނީ އަލިފާން ހުރިތޯއެއް ނޫން. ނަމަވެސް އޭގެއިން ދެނެގަންނާނީ ދުން އަރަން ފަށައިފިކަން. މިޓެސްޓުން ކެންސަރު ދެނެގަންނާނީ ލޭގެ ސެލްތަކަށް އައިސްފައިވާ ބަދަލުތަކުން ނުވަތަ މިއުޓޭޝަންތަކުން. ދުމަކާ ނުލައި އަލިފާން ގަނޑެއް ނުހުންނާނެ ފަދައިން މިއުޓޭޝަންއާ ނުލައި ކެންސަރު ނުއުފެދޭނެ،" އެ ދިރާސާގައި އިސްކޮށް އުޅުއްވި ޕްރޮފެސަރު ގެރެތް ޖެންކިންސް ވިދާޅުވި އެވެ.

އެ ދިރާސާ ކުރިއަށް ގެންދިޔަ ސުވަންސީ ޔުނިވާސިޓީ މެޑިކަލް ސްކޫލުން ނެރުނު ބަޔާނެއްގައިވާ ގޮތުން ކެންސަރު ހުރިކަން ވީހާވެސް އަވަހަށް ދެނެގަތުމަކީ ބައްޔަށް ކާމިޔާބު ކަމާއެކު ފަރުވާ ދޭން މުހިއްމު ކަމެކެވެ. ސަބަބަކީ ހަށިގަނޑުގެ އެންމެ ގުނަވަނެއްގައި އުފެދިފައިވާ ޓިއުމަރެއް ސާޖަރީ ހަދައިގެން ނެގުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް އެހެން ގުނަވަންތަކަށް ކެންސަރު ފެތުރިފައިވާ ނަމަ ފަރުވާ ނުކުރެވުމަކީ އެކަށިގެންވާ ކަމެކެވެ.

އެ ޓެސްޓަކީ އާދައިގެ ލޭގެ ޓެސްޓެއް ކަމުން އޭގެ އަގު ހެޔޮ ވާނެ އެވެ. އަދި ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑު މީހުންގެ ގައިން ކެންސަރު ދެނެގަތުމަށް ބޭނުން ކުރެވޭނެ އެވެ. (ޓެލެގްރާފް)

comment ކޮމެންޓް